ޚަބަރު

މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގައިޑްލައިނެއް ނެރެފި


ކޯވިޑް19އިން ރައްކާތެރިވުމަށް މަސައްކަތުގެ މާޙައުލުގައި ޢަމަލުކުރަންޖެހޭ އުސޫލެއް އެކުލަވާލައި އާއްމުކޮށްފިއެވެ.

ކޯވިޑް-19ގެ ތިންވަނަ މަރުޙަލާގެ ލުއިތަކާއިއެކު މިހާރު ވަނީ އޮފީސްތަކާއި، އަދި އާއްމުންނަށް ދޭންޖެހޭ އެހެނިހެން ޚިދުމަތްތައް ދެވޭނެ ގޮތަށް ތަންތަން ހުޅުވާލާފައެވެ. ނަމަވެސް މަސައްކަތަށް ނެރޭ މުޢައްޒަފުންނަށް ރައްކާތެރި މާޙައުލެއް ފޯރުކޮށްދިނުމަށް، ޢަމަލުކުރަންޖެހޭ ގޮތުގެ އުސޫލެއް އެޗްޕީއޭއިން މިހާރުވަނީ އާއްމުކޮށްފައެވެ.

އެގޮތުން މުއައްޒަފުން މަސައްކަތަށް ނެރޭއިރު މަސައްކަތުގެ ބާވަތުން "ރިސްކް އެސެސްމަންޓް" ހެދުމަށް ވަނީ އިރުޝާދު ދީފައެވެ. މި އުސޫލުގައިވަނީ ބަލިމީހުންނާއި ގާތުން ޚިދުމަތްދޭ ތަންތަނާއި، އަދި ރިސްކު ކުޑަ ނަމަވެސް އާއްމުނަށް ޚިދުމަތްދޭ މަސައްކަތުގެ މާޙައުލެއްގައި ހުންނަންޖެހޭނެ މިންގަނޑުތައް ކަނޑައަޅާފައެވެ.

އަލުން ޚިދުމަތް ފަށާއިރު ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ވީހާވެސް މަދު މުއައްޒަފުން ނެރުމާއި، މާސްކު ބޭނުންކުރުމާއި، 3 ފޫޓުގެ ދުރުމިން ބެހެއްޓުމަށް މުއައްޒަފުން އަހުލުވެރިކުރުމަށް ގައިޑްލައިންގައި ވަނީ އެދިފައެވެ.

ބައްދަލުވުންތައް ބާއްވާނަމަ އޮންލައިން ބައްދަލުވުންތަކަށް އިސްކަން ދިނުމާއި، އަދި އެއްތަނެއްގައި ބައްދަލުކުރާނަމަ 3 ފޫޓުގެ ދުރުމިން ހުންނަގޮތަށް އިންތިޒާމްތައް ހަމަޖައްސަން ޖެެހެއެެވެ.

އާއްމުކޮށް ގިނަ މީހުން ބޭނުންކުރާ ލިފްޓާއި ފާޚަނަފަދަ ތަންތަނާއި، އަދި އޮފީހުގައިވެސް ގިނަ ބަޔަކު ބޭނުންކުރާ ޑެސްކްފަދަ ތަންތަން އަވަސްއަވަހަށް ސާފުކުރަންޖެހެއެވެ.

އަދި ދޮރާއި، ދޮރުފަތުގެ އަތްގަނޑާއި، ލައިޓް ސްވިޗްޗާއި، މެސް ރޫމްފަދަ ތަންތަންވެސް، އެއް ޝިފްޓުން އަނެއް ޝިފްޓަށް މީހުން ބަދަލުވާއިރު ސާފުކޮށް ޑިސްއިންފެކްޓް ކުރަންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

އެންމެ މުހިންމު ކަމެއްގެ ގޮތުން، ކޯވިޑް 19ގެ އަލާމާތެއް ހުރިނަމަ އެ މުޢައްޒަފަކު މަސައްކަތަށް ނުނެރެ ގޭގައި މަޑުކުރަން އެންގުމާއި އަދި ބަލީގެ ރިސްކު ބޮޑު އުމުރުފުރާތަކުގެ މީހުންނަށް ގޭގައި މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދިނުން، ނުވަތަ މަސައްކަތުގެ މާޙައުލަށް ނެރޭނަމަ ރަނގަޅަށް މޮނިޓަރކޮށް ބެލެހެއްޓުމަށްވެސް ވަނީ އިރުޝާދު ދީފައެވެ. އަދި މަސައްކަތަށް ނެރޭ މީހުންގެ މަޢުލޫމާތު ރެކޯޑްކޮށްބެލެެހެއްޓުމަށް އިސްކަން ދޭންޖެހޭނެ ކަމަށްވެސް އުސޫލުގައި ވަނީ ބުނެފައެވެ.

މި އުސޫލުގައި ވަނީ މަސައްކަތުގެ މާޙައުލުން ބަލީގެ އަލާމާތްހުރި މީހަކު ފެނިއްޖެނަމަ އަދި ބައްޔަށް މީހަކު ޕޮސިޓިވްވެއްޖެނަމަ ދެން ޢަމަލުކުރަންޖެހޭ ގޮތްތައްވެސް ބަޔާންކޮށްފައެވެ.

އަދި މަސައްކަަތަށް ނުކުންނަ މުޢައްޒަފު ޢަމަލުކުރަންޖެހޭ ގޮތާއި ރައްކާތެރިކަމުގެ ގޮތުން އަޅާނެ ފިޔަވަޅުތައްވެސް ވަނީ ހިމަނާފައެވެ.