ބ އޭދަފުށިން މުރުޝިދު ޢަބުދުލްޙަކީމް
ބ އަތޮޅުގައި ރިޒޯޓެއް ތަރައްޤީ ކުރަމުން ދިޔަ ބޮޑު ފިނޮޅުގައި، ހަމަނުޖެހުންތައް ހިންގައި ދިވެހިންތަކެއް ރަހީނުކުރުމާއ ގުޅިގެން ހައްޔަރު ކުރި 19 ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އެމީހުންގެ ބަނދަށް 15 ދުވަސް ޖަހާފައި ވަނީ އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް، މިއަދު ހާޒިރު ކުރުމުންނެވެ. މިގޮތުން އެމީހުން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައި ވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ. އަދި އިއްޔެ އެމީހުން ހައްޔަރު ކުރުމަށްފަހު ފުލުހުން މިހާތަނަށް އެމީހުންނާއި މެދު އަމަލުކޮށްފައިވާ ގޮތް ރަނގަޅުކަންވެސް ކޯޓުން ފާހަގަކޮށް ފައިވެއެވެ.
އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފުލުހުން ކޯޓަށް ހުށައަޅާފައި ވާއިރު، އޭގެ ތެރޭގައި ބަޔަކު ރަހީނު ކުރުމާއި، މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމާއި، އަދި ވައްކަން ކުރުން ހިމެނެއެވެ.
ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތުން ފެށިގެން ބިދޭސީން ވަނީ، 13 ދިވެހިން އެރަށުގައި ރަހީނުކޮށް، މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައްދީ ފުލުހުންނާއި ކުރިމަތިލައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައެވެ.