ޚަބަރު

11 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހިއްޖެ


ދުނިޔޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 11 މިލިއަނަށްވުރެ އިތުރުވެއްޖެއެވެ.

ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދުވަނީ އަހަރެއްގެ މައްޗަށް އިންފުލުއެންޒާ ޖެހޭ މީހުންގެ ޢަދަދަށްވުރެ ދެ ގުނައަށް އިތުރުވެފައެވެ. ހަލުވިކަމާއެކު ބަލި ފެތުރުނު ބައެއް ޤައުމުތަކުގައި ބަލި ފެތުރޭ މިންވަރު ދަށަށް ދިއުމަށްފަހު ބަލި ފެތުރޭ މިންވަރުވަނީ އަލުން އިތުރުވާން ފަށައިފައެވެ. އޭގެ ތެރޭގައި ޗައިނާއާއި ނިއު ޒީލެންޑާއި އޮސްޓްރޭލިޔާއާއި ދެކުނު ކޮރެޔާ ހިމެނެއެވެ. ބަލީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ބައެއް ޤައުމުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިންނަމަވެސް ބައްޔާ ދެކޮޅަށް ވެކްސިނެއް ތައްޔާރުވަންދެން ކުރިއަށް އޮތް އަހަރެއްހާ ދުވަހު ޢާންމުންގެ ދިރިއުޅުމާއި މަސައްކަތުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެނައުމަށްވަނީ މަޖުބޫރުވެފައެވެ. އެހެންކަމުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ދޭތެރެދޭތެރެއިން ޤައުމުތައް ފުރަބަންދުކުރަން ޖެހިދާނެކަމަށް ޞިއްޙީ މާހިރުން ބުނެއެވެ.

ދުނިޔޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތިންބައިކުޅަ އެއްބައި މީހުން ތިބީ އެމެރިކާގައެވެ. އެ ޤައުމުގައި ދުވާލަކު 50،000އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 54،904 މީހުންނަށް އެ ޤައުމުގައިވަނީ ބަލި ޖެހިފައެވެ. އެ ޤައުމުގެ ގިނަ ސްޓޭޓުތަކުގައި ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވުމުން އިޤްތިޞާދީ ޙަރަކާތްތައް އަލުން ފެށުމަށް ވަމުންދިޔަ ތައްޔާރީތައްވަނީ މަޑުޖައްސާލައިފައެވެ.

ފާއިތުވި 7 މަސް ދުވަހުގެ ތެރޭގައި ކޯވިޑް-19 ޖެހިގެން ބައި މިލިޔަނަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެއީ އިންފުލުއެންޒާ ޖެހިގެން އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ ޢަދަދާ ގާތްގަނޑަކަށް އެއްވަރު ޢަދަދެކެވެ. ކޯވިޑް-19ގެ ސަބަބުން މަރުވި މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން މަރުވެފައިވަނީ އެމެރިކާގައެވެ. އެމެރިކާގައިވަނީ ބަލިމަޑުކަމުގައި 132،101 މީހުން މަރުވެފައެވެ. އެއާއެކު އެމެރިކާގައި ބަލިފެތުރެން ހުއްޓުވުމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑު ޓްރަންޕު އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ކާމިޔާބުކަމާމެދެވަނީ ސުވާލު އެފެދިފައެވެ.

ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ މެދުތެރޭ އެމެރިކާގެ ޤައުމުތަކުގައެވެ. އެގޮތުން، ބުރެޒިލުގައި 1.5 މިލިޔަނަށްވުރެ ގިނަ މީހުންނަށްވަނީ ބަލީގެ އަސަރުކޮށްފައެވެ. އެއީ ދުނިޔޭގައި ބަލިޖެހިފައިވާ މީހުންގެ ޖުމުލަ ޢަދަދުގެ 23 އިންސައްތައެވެ.

ދުނިޔޭގައި ބަލިޖެހިފައިވާ މީހުންގެ ޖުމުލަ ޢަދަދުގެ 12 އިންސައްތަ ޙިއްޞާކުރަނީ އެޝިޔާގެ ޤައުމުތަކުންނެވެ. އަދި 9 އިންސައްތަ ޙިއްޞާކުރަނީ މެދުއިރުމަތީގެ ޤައުމުތަކުންނެވެ. އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ބަލި ފެތުރެނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގައެވެ. އެ ޤައުމުގައި 649،889 މީހުންނަށްވަނީ ބަލިޖެހިފައެވެ.