ޚަބަރު

މަސައްކަތު އަންނަ ބިދޭސީންގެ މޫވްމަންޓް އިމިގްރޭޝަނުން މޮނިޓަރކުރަން ފަށަނީ


ރާއްޖެއަށް އެކި މަސައްކަތްތައް ކުރުމަށް އައިސްއުޅޭ ބިދޭސީން ދަތުރުކުރާ ތަންތަން މޮނިޓަރކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ ހަސަން ޚަލީލް ވިދާޅުވީ ލިޔެކިޔުންތައް ނެތި ގަވައިދާ ޚިލާފަށްއުޅޭ ގިނަ ބިދޭސީންތަކެއް މާލޭގެ އިތުރަށް އަތޮޅުތަކުގައިވެސް އުޅެމުން އަންނަކަމަށެވެ. މީގެތެރޭގައި ވަޒީފާއެއްނެތި ރަށްރަށުގައި އުޅެމުން އަންނަ ބިދޭސީން ތިބިކަމަށް ހަސަން ޚަލީލް ވިދާޅުވިއެވެ. އަދި މަސައްކަތުދާ ރަށްނޫން އެހެން ރަށްރަށަށް، އަމިއްލައަށް ދަތުރުކޮށް ދިރިއުޅޭތަން ބަދަލުކޮށްގެން އުޅޭ ބިދޭސީންވެސް އުޅޭކަމުގައި ހަސަން ޚަލީލު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މިދަނީ ސޮފްޓްވެއަރއެއް ހަދަމުން، ރަށްރަށުގައި ތިބޭ ފުލުހުން މެދުވެރިކޮށް ނަމަވެސް ބިދޭސީންގެ މޫވްމަންޓްތަކުގެ ރެކޯޑް ބެލެހެއްޓުމަށް. ބޭނުމަކީ ބިދޭސީން ހުރި ރަށާއި، ދަތުރުކުރާ ތަންތަނުގެ މަޢޫލޫމާތު ބަލަހައްޓައި ރައްކާތެރިކުރެވިފައި ހުރުން. އޭރުން އެބަ ފަސޭޙަވޭ ނުގަވައިދުން އުޅޭ މީހުން ދެނެގަންނަން." ހަސަން ޚަލީލް ވިދާޅުވިއެވެ..

ޚަލީލް ވަނީ ބިދޭސީންނާއި ގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސައްކަތުގައި އިމިގްރޭޝަނަށް ދަތިތައް ހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން މުޢައްޒަފުންގެ މަދުކަމާއި، އަދި އެއްމުއައްސަސާ އަނެއް މުއައްސާގެ އެއްބާރުލުން މަސައްލަތަކުގައި ލިބޭ މިންވަރު އިތުރުވެއްޖެނަމަ ނުގަވައިދުން އުޅޭ ބިދޭސީންނާއި ގުޅޭ ކަންކަން ބެލެހެއްޓުމަށް ކުރައްމުންދާ މަސައްކަތަށް ލުއި ލިބޭނެކަމަށް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ފަށާފައިވާ ބިދޭސީން ރެގިއުލަރައިޒްކުރުމާއި، އަދި ނުގަވައިދުން އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރަނީ އިމިގްރޭޝަން އިންނެވެ. ނަމަވެސް ޚަލީލް ވިދާޅުވީ މިފަދަ ބިދޭސީން ހޯދައި، އަނބުރާ ޤައުމަށް ފޮނުވާލުމަށް ބޭތިއްބޭނެ ތަނެއްގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އެބައޮތްކަމަށެވެ.

"ކައުންސިލްތަކާއި ގުޅިގެން މިހާރުވެސް މަސައްކަތް ފަށައިފިން ރަށްރަށުގައި ނުގަވައިދުން އުޅެމުންދާ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެދަށަށް މާލެ ގެނައުމުގެ މަސައްކަތް. ނަމަވެސް ގެނެސް އެއްފަހަރާ މި ބޭތިއްބެނީ 50މީހުން. މިހާރު މީހެ 10ޖާގަ ޚާއްސަކޮށްފައިވަނީ ކޮވިޑަށް. މި ގެންނަން މީހުން ފުރުވާލެވުނީމައި އިތުރު ބަޔަކު ގެނެވެނީ. އުއްމީދަކީ ބޮޑު ޖާގައެއް ލިބުން." ހަސަން ޚަލީލް ވިދާޅުވިއެވެ..

އިމިގްރޭޝަންނުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އދ.އަތޮޅާއިނ ކ.އަތޮޅުގައި ގަވާއިދާއި ޚިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް މާލެ ގެނެސްފައެވެ.

މިހާރަށް ބަލާއިރުވެސް މާލެއާއި އަތޮޅުތަކުގައި އެއްލައްކަ ތިރީސް ހާހަށްވުރެ ގިނަ ބިދޭސީން މަސައްކަތް ކުރަމުންދެއެވެ. މީގެތެރެއިން ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންނަކީ ލިޔެކިޔުންތައް ނެތި ނުގަވައިދުން އުޅެމުން އަންނަ މީހުންނެވެ.

މިފަދަ މީހުން ގަވައިދުގެތެރެއަށް ފެއްތުމާއި، އަދި އަނބުރާ ޤައުމަށް ދާން ބޭނުންވާ މީހުން ފޮނުވާލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ދަނީ ކުރަމުންނެވެ..