ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ދަތުގެ ކުލިނިކްގެ ހިދުމަތް އަލުން ފަށައިފި


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދެމުންދިޔަ ދަތުގެ ކުލިނިކްގެ ހިދުމަތް ގާތްގަނޑަކަށް ހައެއްކަ މަހުގެ މެދުކެނޑުމަކަށްފަހު އަލުން ފަށާފައިވާކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އެގޮތުން މިމަހުގެ 2 ވަނަ ދުވަހު އަލުން އެކުލިނިކުން ހިދުމަތް ދޭން ފަށާފައިވާއިރު ދަތާގުޅޭ ތަފާތު 8 ހިދުމަތެއް ލިބޭނެކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެއެވެ. މިގޮތުން ދަތުގެ މަދުނަގާ ސާފުކޮށް ފުޓުނި އެޅުން، ވަގުތީ ފުޓުނި އެޅުން، ދާއިމީ ފުޓުނި އެޅުން، އަނގައިގެ ކުދި އޮޕަރޭޝަންތައް ކުރުން، ދަތުގެ އެކްސްރޭ ނެގުން، ދަތްނެގުން، އަދި ދަތް ދޮވެ ސާފުކޮށް އޮމާންކުރުން ހިމެނެއެވެ. މީގެތެރޭން އެންމެ ގިނަބަޔަކު ބޭނުންވާ ދެހިދުމަތަކީ ދާއިމީ ފުޓުނި އެޅުމާއި މަދުނަގާ ސާފުކޮށް ފުޓުނިއެޅުން ކަމުގައި އެހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

އަދި އަލުން ކުލިނިކްގެ ހިދުމަތް ފަށާއިރު ކުލިނިކަށް ބޭނުންވާ ސާމާނުވެސް ލިބިފައިވާކަމަށް މައުލޫމާތުދެއްވައެވެ.

މިހިދުމަތް ތައް ދިނުމަށް ޓަކައި ދަތުގެ ފަރުވާއަށް ހާއްޞަ 3 ޑޮކްޓަރުން މިކުލިނިކްގައި މަސައްކަތް ކުރައްވާނެކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. އޭގެ ތެރޭގައި ހިމެނެނީ ބިދޭސީ 2 ޑޮކްޓަރާއި ދިވެހި ޑޮކްޓަރެކެވެ.

ދަތުގެ ފަރުވާގެ ޚިދުމަތްތަކަކީވެސް ގިނަބަޔަކު ހޯދަމުންދާ ޚިދުމަތަކަށް ވާތީ ހުކުރުދުވަސް ފިޔަވައި ހަފްތާގެ ހުރިހާ ދުވަހަކު ހެނދުނު 8 ން ރޭގަނޑު 10 އަށް އެ ކުލިނިކްގެ ހިދުމަތް ލިބޭނެކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ސަރުކާރުން ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަމުންގެންދާ ހޮސްޕިޓަލެކެވެ. މިހޮސްޕިޓަލްގައި އިތުރު ވޯޑެއް ހެދުމުގެ މަސައްކަތްވެސް ވަރަށް ފަހުން ވަނީ ފަށާފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މާލޭން އުތުރުން އެންމެ ގިނަބަޔަކު ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެވެ.