ޚަބަރު

މިއީ ސަރަޙައްދީ ބިންތައް އިތުރުކުރުމުގެ ޒަމާނެއް ނޫން: މޯދީ


މިއީ ސަރަޙައްދީ ބިންތައް އިތުރުކުރުމުގެ ޒަމާން ނޫންކަމަށް ވިދާޅުވެ، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހޫނު ބަހުގެ ޙަމަލާތަކެއް ޗައިނާއަށް އަމާޒުކުރައްވައިފިއެވެ. އެ މޭރުމުން މޯދީ ވާހަކަދައްކަވާފައިވަނީ ޗައިނާއާއެކު އޮންނަ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ދެ ޤައުމުގެ ގުޅޭ ސަރަޙައްދީ ރޮނގު ހިމެނޭ ސަރަޙައްދަށް ކުރެއްވި ކުއްލި ޒިޔާރަތެއްގައެވެ.

ސަރަޙައްދީ ރޮނގަށް ކުރެއްވި ކުއްލި ޒިޔާރަތުގައި ބޮޑުވަޒީރު މޯދީވަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އިންޑިޔާގެ ސިފައިންނާ މުޚާތަބުކުރައްވާ ވާހަކަދައްކަވާފައެވެ. ޗައިނާއާ ދެމެދު ހިނގި ކުރިމަތިލުންތަކާ ގުޅޭގޮތުން މޯދީ ވިދާޅުވީ އިންޑިޔާގެ ސިފައިންގެ ހިތްވަރުގަދަކަމާއި ޖެހިލުންކުޑަކަން މުޅި ދުނިޔެއަށް ފައުޅުވެގެން ގޮސްފައިވާކަމަށާއި އިންޑިޔާގެ ސިފައިން ދެއްކި ލާމަސީލު މިސާލުގެ ވާހަކަތައް ފަޚުރުވެރިކަމާއެކު ޤައުމުގެ ރައްޔިތުން ދައްކާކަމަށެވެ. އަދި ޤައުމުގެ ޢަދުއްވުންނަށްވެސް އިންޑިޔާގެ ސިފައިންގެ ހައިބަތު ފެނުނުކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޤައުމުގެ އިސްތިޤުލާލު ނަގާލަން މަސައްކަތްކުރާ މީހުންނަށް އިންޑިޔާއިން ފުރިހަމަ ޖަވާބެއް ދީފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިޔާއަކީ އަބަދުވެސް ޞުލްޙައަށް ލޯބިކުރާ ޤައުމެއްކަން ފާހަގަކުރައްވަމުން މޯދީ ވިދާޅުވީ ޞުލްޙަ ޤާއިމުކުރުމަށް ބަލިކަށި ބަޔަކަށް މަސައްކަތް ނުކުރެވޭނެކަމަށެވެ. ޞުލްޙަ ޤާއިމްކުރުމަށް ފުރިހަމަވާންޖެހޭ ފުރަތަމަ ޝަރުތަކީ ހިތްވަރާއި ކެރުންކަމަށް އޭނާ ވިދާލުވިއެވެ.
ސީދާ ޗައިނާގެ ނަން ފާހަގަނުކުރައްވާ މޯދީ ވިދާޅުވީ ޒަމާން ބަދަލުވެފައިވާކަމަށާއި މި ޒަމާނަކީ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރާ ޒަމާންކަމަށެވެ. އަދި ސަރަޙައްދީ ބިންތައް އިތުރުކުރުމަކީ މި ޒަމާނުގެ ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް ޤައުމުތުން ބިން އިތުރުކުރުމަށް ބޭނުންކުރާ ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ ހަމަޖެހުމަށް ނުރައްކާވެފައިވާކަމަށްވެސް މޯދީ ވިދާޅުވިއެވެ. ބެލެވޭ ގޮތުގައި އޭނާ އިޝާރާތްކުރެއްވީ ސަރަޙައްދީ ރޮނގުގެ މައްސަލައިގައި ޗައިނާއިން އެ ޤައުމާ އަވަށްޓެރި 21 ޤައުމަކާއެކު އޮތް ދެބަސްވުންތަކަށެވެ. ނަމަވެސް އެފަދަ އަމާޒަކަށް މަސައްކަތްކުރާ ޤައުމުތަކަށް ކާމިޔާބު ނުވާނެކަމަށް ތާރީޚު ހެކިދޭކަމަށް މޯދީ ވިދާޅުވިއެވެ.

އިންޑިޔާއާއި ޗައިނާއާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގަކީ އުސް ފަރުބަދަތައް ގިނަ އަދި ދެ ޤައުމުގެ އިމާމެދު ބޮޑެތި ޚިލާފުތަކެއް އުފެދިފައިވާ ސަރަޙައްދެކެވެ. އެ ސަރަޙައްދުގައި މިދިޔަ މަހުގެ ތެރޭގައި ހިނގި ކުރިމަތިލުމެއްގައި އިންޑިޔާގެ 20 ސިފައިންވަނީ މަރުވެފައެވެ. އެ ކުރިމަތިލުމުގައި ޗައިނާގެ ސިފައިންވެސް މަރުވެފައިވާކަމަށް އެ ޤައުމުން ބުނެއެވެ. އެއާއެކު ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަންވަނީ އިތުރުވެފައެވެ.