ޚަބަރު

މިނިވަން ކޮމިޝަންތަކަށް މެންބަރުން ކަނޑައެޅުމުގައި އެއް މިންގަނޑަކުން އަމަލުކުރަންޖެހޭގޮތަށް ހަދަނީ


މިނިވަން ކޮމިޝަންތައް އެކުލަވާލުމުގައްޔާއި، މެމްބަރުންނާއި، ރައީސުން ކަނޑައަޅާއިރު ހުރިހާ ކޮމިޝަންތަކަކަށްވެސް އެއްމިންގަނޑަކުން އަމަލުކުރާނެ އުސޫލެއް ތައާޔާރުކުރަމުންދާކަމުގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މިނިވަން ކޮމިޝަންތައް އެކުލަވާލުމާއި، ކޮމިޝަންތަކަށް މެމްބަރުން އައްޔަން ކުރުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތަކަށް ބަދަލުގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާއި ގުޅުންހުރި ކޮމިޓީތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ބާބު 3 ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މިނިވަން މުވައްސާކޮމިޓީގެ މުޤައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ، ހުރިކާ ކޮމިޝަންތަކެއްގައިވެސް އެއްމިންގަނޑަކުުން އަމަލުކުރާނެ އުސޫލެއް އޮތުމަކީ މުހިންމުކަމެއްކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ކޮމިޝަންތަކަށް މެމްބަރުން ކަނޑައެޅުމުގައްޔާއި، ކޮމިޝަންގެ އެކި މަޤާމުތަކަށް މެމްބަރުން ކަނޑައެޅުމުގައި ތަފާތުއެކި އުސޫލުތައް ހުރުމުން ކޮމިޝަންތައް އެކުލަވާލުމުގައިވެސް ދަތިތަކެއް ހުރިކަމަށެވެ. އެގޮތުން ބައެއް ކޮމިޝަންތަކަށް މެމްބަރުން އައްޔަން ކުރުމުގައި ނަންފޮނުވާ ގޮތަށް އޮވެފައި، އަނެއްބައި ކޮމިޝަންތަކަށް އާންމުކޮށް ހުޅުވާލައިގެން މެމްބަރުން ނަގާއިރު، އެހެން ކޮމިޝަންތަކަށް އެނޫންއެކި ގޮތްގޮތަށްވެސް މެންބަރުން އައްޔަންކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކި ކޮމިޝަންތަކުގައި ތައުލީމީ ފެންވަރާއި، މަޤާމުގެ ތަޖުރިބާވެސް ވަރަށްބޮޑަށް ތަފާތުކޮށް ހުރިކަމަށް ރޮޒައިނާ ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ މިނިވަން ކޮމިޝަންތަކަށް މެމްބަރުން ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލު އެއްގޮތް ކުރުމުގައި ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާއި، ޖުޑިޝަރީ ކޮމިޓީއާއި، މާލިއްޔަތު ކޮމިޓީއާއި މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކޮށް އެކި ކޮމިޝަންތަކުގެ ބިލްތަކަށް ގެނެވުނު އިސްލާހުތަކާއިއެކު ކޮމިޓީތަކުން މުޤައްރިރުން ބައްދަލުވެ މި އުސޫލު ޤާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

"މިހާރު، ޕީޖީ، އޮޑިޓާ ޖެނެރަލް މިއީ އެންމެބޭފުޅުން ތިއްބަވާ ތަންތަން. އެހެންނަމަވެސް އެކަހަލަ މަޤާމުތަކަށް ވަޑައިގަންނަވާ ބޭފުޅުންވެސް އެއްއުސޫލަކުން ކަނޑައަޅާގޮތަކަށް. އޭގެ ތެރޭގައި އަޅުގަނޑުމެންގެ ވިސްނުން އެބަހުރި މެމްބަރުން ނަގާއިރު ޖެންޑާ އީކުއަލިޓީ އަށް ޚާއްސަކަން ދިނުމަށްވެސް. އެކިކޮމިޝަންތަކުގައި ތައުލީމީ ފެންވަރާއި އެނޫންކަންވެސް މިހުންނަނީ އެކި ގޮތްގޮތަށް، މިސާލަކަށް ސިވިލްސާވިސް ކޮމިޝަންގެ ވެއްޖިއްޔާ މެމްބަރަކަށް މިއާދެވެނީ ފަސްޓް ޑިގްރީ ހެދުމަށްފަހު 10 އަހަރު ދުވަހުގެ ތަޖުރިބާއާއިއެކު. އެހެން ބައެއް ކޮމިޝަންތަކުގައި މިހާބޮޑު ޝަރުުތަކެއްވެސް ނުހުރޭ. ކޮމިޝަން ހަރުދަނާ ކުުރާނަމަ. ތަޖުރިބާއާއި، ތައުލީމްގެ މިންގަނޑުތަކެއް ހުންނަންޖެހޭ" ރޮޒޭނާ ވިދާޅުވިއެވެ.

މިނިވަން ކޮމިޝަންތަކަށް މެންބަރުން ކަނޑައެޅުމުގައިއާއި އަދި އެނޫންވެސް ކަންކަމުގައި އަމަލުކުރާގޮތް އެއްގޮތް ކުރުމުން ކޮމިޝަންތަކަށް މެމްބަރުން ނެގުމާއި، ވަކިކުރުމާއި، އައްޔަން ކުރުމުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައެޅިގެން ދާނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.