2.4 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކެއް ގަންނަން އިންޑިޔާގެ ސަރުކާރުން ނިންމައިފިއެވެ.
ރަޝިޔާއިން އުފައްދާފައިވާ ހަނގުރާމަތީ 33 މަތިންދާބޯޓު ގަތުމަށާއި 59 މަތިންދާބޯޓެއް ޒަމާނަށް ފެތޭގޮތަށް މަރާމާތުކުރުމަށް އިންޑިޔާގެ ސަރުކާރުން ނިންމާފައިވަނީ މިދިޔަ މަހު އިންޑިޔާގެ ދިފާޢީ ވަޒީރު ރަޖުނަތު ސިންހު ރަޝިޔާއަށް ދަތުރެއް ކުރައްވާ އިންޑިޔާއަށް އަވަސްގޮތަކަށް އަސްކަރީ މުދާ ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައިވަނިކޮށެވެ. އެމްއައިޖީ29 މަރުކާގެ 21 މަތިންދާބޯޓު ގަތުމަށާއި ސޫ30 މަރުކާގެ 12 ހަނގުރާމަމަތީ މަތިންދާބޯޓު ގަތުމަށް 2.43 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރަން އިންޑިޔާގެ ސަރުކާރުން ނިންމީ ޖުލައި މަހުގެ 2ވަނަ ދުވަހުއެވެ.
އެ މުއާމަލާތްތަކުގެ އިތުރުން ގިނަ ޢަދަދެއްގެ މަތިންދާބޯޓު ޒަމާނަށް ފެތޭގޮތަށް މަރާމާތުކުރުމަށް ނިންމާފައިވަނީ ވައިގެ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރަންކަމަށް އިންޑިޔާއިން ބުނެއެވެ. ވައިގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް ރަޝިޔާގައި އުފައްދާ އެއައ ޓު އެއަރ މިސައިލު ގަތުމަށްވެސް އިންޑިޔާގެ ދިފާޢީ ވުޒާރާއިންވަނީ ނިންމައިފައެވެ.
ވައިގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް އިންޑިޔާއިން ކުރަމުންދަނީ މިދިޔަ މަހުގެ ތެރޭގައި އިންޑިޔާއާއި ޗައިނާއާ ގުޅޭ ސަރަޙައްދީ ރޮނގުގެ ކައިރީގައި ދެ ޤާއުމުގެ އަސްކަރިއްޔާގެ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގާފައިވަނިކޮށެވެ. އެ ކުރިމަތުލުމުގައި އިންޑިޔާގެ 20 ސިފައިންވަނީ މަރުވެފައެވެ. އެ ކުރިމަތިލުމުގައި ޗައިނާގެ ސިފައިންވެސް މަރުވެފައިވާކަމަށް އެ ޤައުމުން ބުނެއެވެ. އެއާއެކު ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަންވަނީ އިތުރުވެފައެވެ.
އިންޑިޔާގައި ބޭނުންކުރާ އަސްކަރީ ހަތިޔާރާއި އެހެނިހެން ސާމާނުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބަޔަކީ ރަޝިޔާގެ އުފެއްދުންތަކެވެ. ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އެމެރިކާއާއި އިސްރާއީލުންވެސް އިންޑިޔާއިންވަނީ ޒަމާނީ ހަތިޔާރު ހޯދައިފައެވެ.
ޖޖެ
ރައްޖެ ވެސް އަސްކަ ރިއްޔަ އައް ތިޔަކަހަލަ ބޯޓު ގަންނަން ޖެހެ އެރު ރުން އަސްކަ ރިއްޔަ ވަރުގަދަވަނެއެވެ