ޚަބަރު

ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު އިސްތިޢުފާދެއްވައިފި


ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު އެޑުއާޚު ޕިލީޕްއާއި އޭނާގެ ސަރުކާރު އިސްތިޢުފާ ދެއްވައިފިއެވެ.

ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ބޮޑުވަޒީރުގެ އިސްތިޢުފާ ޤަބޫލުކުރައްވާފައިވާކަން ރިޔާސީ އިދާރާއިންވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ އިދާރާއިން ނެރުނު ބަޔާނުގައި ބޮޑުވަޒީރާއި އޭނާގެ ސަރުކާރު އިސްތިޢުފާ ދެއްވި ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ. އެ އިދާރާއިން ބުނީ ސަރުކާރު ހިންގުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެކަމަށާއި ބޮޑުވަޒީރުގެ މަޤާމަށް ވަރަށް އަވަހަށް ބޭފުޅަކު ޢައްޔަނުކުރާނެކަމަށެވެ.

ހިނގަމުންދާ ރިޔާސީ ދަޢުރުގެ ފަހު ދެ އަހަރުގެ ތެރޭގައި ސަރުކާރަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެކަމަށް މެޚްރޮންވަނީ ކުރިން އިޢުލާނުކުރައްވާފައެވެ. ބޮޑުވަޒީރުގެ އިސްތިޢުފާ ޤަބޫލުކުރައްވާފައިވަނީ ސަރުކާރު އެކުލަވާލުމަށް ބޮޑެތި ބަދަލުތަކެއް މެޚްރޮން ގެންނަވާނެކަމަށް ބެލެވިފައިވާ ދަނޑިވަޅެއްގައެވެ. ފަރަންސޭސިވިލާތުގައި ސަރުކާރެއް އެކުލަވާލުމަށް ވަޒީރުންގެ ޢައްޔަނުކުރުމުގެ ކުރިން ބޮޑުވަޒީރުގެ މަޤާމުގައި ހުންނަ ބޭފުޅާ ޢާންމު ގޮތެއްގައި އިސްތިޢުފާ ދެއްވައެވެ. ނަމަވެސް އަލުން ހަމަ އެ މަޤާމަށް އިސްތިޢުފާ ދެއްވި ބޮޑުވަޒީރު އައްޔަނުކުރެއެވެ. ޢާންމު ގޮތެއްގައި ބަދަލުތަކެއް އަންނަނީ ވަޒީރުންގެ މަޖިލީހަށެވެ. ނަމަވެސް އައު ސަރުކާރުގައި ފިލީޕަށް ފުރުޞަތުދޭނެކަމެއް ސާފެއް ނުވެއެވެ.

ފަރަންސޭސިވިލާތުގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ރައީސް މެޚްރޮންގެ ޕާޓީވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާފައެވެ. 2022ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް މެޚްރޮން އުންމީދުކުރެއްވީ އޭނާގެ ލަ ރެޕަބްލިކޭ އެން މާޝޭ، އެލްއާރުއީއެމަށް އޮތް ތާޢީދު ފުޅާކުރެއްވުމަށެވެ. ނަމަވެސް އިންތިޚާބުގައި ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައިވަނީ ވައަތު ފިޔައިގެ ގުރީން ޕާޓީންނެވެ. އިންތިޚާބުގައި އެލްއާރުއެމަށް ލިބުނު މައިގަނޑު ކާމިޔާބީއަކީ ލެ އާވްޚަގެ މޭޔަރުގެ މަޤާމަށް ފިލީޕް އިންތިޚާބުވެވަޑައިގަތުމެވެ.

ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޢާންމުންގެ މެދުގައި ރައީސް މެޚްރޮނަށްވުރެ މަޤުބޫލުކަން ބޮޑީ ބޮޑުވަޒީރު ފިލީޕްކަމަށެވެ. އެހެންކަމުން، ރިޔާސީ އިންތިޚާބެއް ބޯމަތިވެފައިވާ ދަނޑިވަޅެއްގައި ބޮޑުވަޒީރުގެ މަޤާމަށް އެހެން ބޭފުޅަކު އިސްކުރުމުން މުކުންނާނެ ނަތީޖާ ބުނަން ނޭނގޭކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ފާއިތުވި ދުވަސްތަކުގައި ފަރަންސޭސިވިލާތަށް ކުރިމަތިވި ގިނަ މައްސަލަތަކުގައި ސަރުކާރަށް ވަފާތެރިކަން ދެއްކި ފިލީޕަކީ ރިޔާސީ އިންތިޚާބުގައި ރައީސް މެޚްރޮނާ ދެކޮޅަށް ނުކުންނަވާ ބޭފުޅަކަށްވުން އެކަށީގެންވާކަމަށްވެސް ބެލެވެއެވެ. ނަމަވެސް ބޮޑުވަޒީރުގެ މަޤާމުގައި ފިލީޕް ބަހައްޓަވައިފިނަމަ ގިނަ މައްސަލަތަކެއް ކުރިމަތިވުން އެކަށީގެންވާކަމަށްވެސް ސިޔާސީ މާހިރުން ބުނެއެވެ. އެގޮތަށް ކަންތައް ކޮށްފިނަމަ ރައީސް މެޚްރޮންގެ ޕާޓީއަކީ ބަލިކަށި ޕާޓީއެއްގެ ގޮތުގައި ރައްޔިތުން ދެކުމަކީ އެކަށީގެންވާކަމެއްކަމަށް އެ ފަރާތްތަކުން ދެކެއެވެ.