2020ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު އަފްޣާނިސްތާނުގައި ދީފައިވާ ޙަމަލާތަކަކީ އެ ޤައުމުގައި ޞުލްޙަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމަށް ދީފައިވާ ޙަމަލާތަކެއްކަމަށް ބެލެވޭކަމަށް އދން ބުނެފިއެވެ.
އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާނު ޖަމާޢަތާ ދެމެދު މާރިޗު މަހު ފަށަން ހަމަޖެހިފައިވާ މަޝްވަރާތަކަށްވަނީ ޙަމަލާ ބަދަލުކުރުން އިތުރުވުމުގެ ސަބަބުންނާއި ޤައިދީން ބަދަލުކުރުމުގައި އުފެދިފައިވާ ތަފާތުތަކުގެ ސަބަބުން ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ. ޙަމަލާތައް އަލުން އިތުރުވެފައިވަނީ މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގައި ދީފައިވާ ޙަމަލާތަކުގެ ސަބަބުން ޢާންމުންގެ ތެރެއިން މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ޢަދަދު 800އަށްވުރެ މައްޗަށް އަރައެވެ. އެ ޤައުމުގައި ދޭ ޙަމަލާތައް އިތުރުވެފައިވަނީ އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާނު ޖަމާޢަތާ ދެމެދު ޞުލްޙައިގެ މަޝްވަރާތައް ކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައިކަމުން އެ މަޝްވަރާތަކަށް ހުރަސް އަޅަން ބަޔަކު މަސައްކަތްކުރަނީކަމަށް ބެލެވޭކަމަށް އދން ނެރުނު ބަޔާނެއްގައިވަނީ ބުނެފައެވެ.
އެމެރިކާއާއި ޠާލިބާނުންނާއި ދެމެދު ފެބުރުއަރީ މަހުގެ ތެރޭގައި ޞުލްޙަ ޤާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރަން އުޅުނު ދުވަސްވަރު އަފްޣާނިސްތާނުގައި ޙަމަލާ ބަދަލުކުރާ މިންވަރުވަނީ ދަށަށް ގޮސްފައެވެ. އަދި މެއި މަހުގެ ތެރޭގައި ތިން ދުވަހަށް ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށްފަހު އަނެއްކާވެސްވަނީ އަފްޣާނިސްތާނުގައި ދޭ ޙަމަލާތައް އިތުރުވެފައެވެ.
އދގެ އެސިސްޓަންސް މިޝަން އިން އަފްޣާނިސްތާން، އުނާމާއިން ބުނީ ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގައި ދީފައިވާ ޙަމަލާތަކުގެ ދެބައިކުޅަ އެއްބައިގެ ޒިންމާ ޠާލިބާނުން އުފުލާފައިވާކަމަށެވެ. ޠާލިބާނުންނާއި އަފްޣާނިސްތާނުގެ އަސްކަރިއްޔާގެ މެދުގައި ޢާންމުކޮށް ކުރިމަތިލުންތައް ހިނގައެވެ. ނަމަވެސް ފާއިތުވި ހަފުތާތަކުގައި ދީފައިވާ ޙަމަލާތައް އަމާޒުކޮށްފައިވަނީ ޤާނޫނީ މަސައްކަތްތެރިންނާއި ނޫސްވެރިންނަށާއި ޞިއްޙީ އެހީތެރިންނަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މީހުންނަށާއި އަޅުކަންކުރަން މިސްކަތްފަދަ ތަންތަނަށް ދާ މީހުންނަށެވެ. މިދިޔަ މެއި މަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ހަސްފަތާލަކަށް ދިން ޙާމަލާއެއްގައި ޢާންމުންގެ 25އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެފަދަ ޙަމަލާތަކާ ޠާލިބާނުންނާ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެކަމަށް އެ ޖަމާޢާތުންވަނީ ބުނެފައެވެ. ނަމަވެސް ބައެއް ޕްރޮވިންސުތަކުގައި ސަރުކާރުގެ އަސްކަރީ ފައުޖުތަކާ ދެކޮޅަށް ޙަމަލާ ބަދަލުކުރާކަމަށް އެ ޖަމާޢާތުންވަނީ އެއްބަސްވެފައެވެ.
އުނާމާއިން ބުނީ އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާނުންނާ ދެމެދު މަޝްވަރާތަކަކާ ހަމައަށް އާދެވިފައިވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްގެންކަމަށާއި ހިތްވަރުގަދަ ނިންމުންތަކެއް ނިންމައިގެންކަމަށެވެ. ނަމަވެސް ހަނގުރާމަ ނިމުމަކަށް ގެނައުމަށް ނޭދޭ ބަޔަކު ތިބިކަމަށާއި އެފަދަ މީހުންނަށް ކާމިޔާބުވިޔަދީގެން ނުވާނެކަމަށް އުނާމާއިންވަނީ ބުނެފައެވެ.
ޢާންމުންނަށް ޙަމަލާ ނުދިނުމަށް އަފްޣާނިސްތާނުގެ އަސްކަރިއްޔާއަށާއި ޠާލިބާނުންނަށް އުނާމާއިންވަނީ ގޮވާލައިފައެވެ. އަދި ޞުލްޙަ ޤާޢިމުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްވަނީ އެ އިދާރާއިން ހިތްވަރު ދީފައެވެ.