އެފުރިކާގެ ދެކުނުގައި އޮންނަ ޤައުމެއްކަމަށްވާ ބޮޓްސްވާނާގައި އާދަޔާ ޚިލާފަށް ގިނަ ޢަދަދެއްގެ އެތް މަރުވާ މައްސަލަ ތަހުޤީގުކުރަން ފަށައިފިއެވެ.
އެފުރިކާގައި ދިރިއުޅޭ އެތުގެ އާބާދީގެ ތިންބައިކުޅަ އެއްބައި އުޅެނީ ބޮޓްސްވާނާގައެވެ. އެތުގެ ގުނަވަންތައް ހޯދުމަށް ޝިކާރަކުރުމުންނާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި ހަނަފަސްކަމުގެ ސަބަބުން އެފުރިކާގެ އެތުގެ އާބާދީވަނީ ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް މަދުވެފައެވެ.
ބޮޓްސްވާނާގެ އޮކަވަންގޯ ޑެލްޓާ ސަރަޙައްދުގައި ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި 350އަށްވުރެ ގިނަ އެތްވަނީ ކުއްލިއަކަށް މަރުވެފައެވެ. އެ ޖަނަވާރުތައް ކުއްލި ގޮތަކަށް މަރުވި ސަބަބު މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. އެ އެތްތަކުން ނަގާފައިވާ ސާންޕަލުތައް ކެނެޑާއާއި ދެކުނު އެފުރިކާއާއި ޒިމްބާބުވޭގެ ތަހުލީލީ އިދާރާތަކަށްވަނީ ބޮޓްސްވާނާގެ ސަރުކާރުން ފޮނުވައިފައެވެ. ބޮޓްސްވާނާގެ ސަރުކާރުން ތައްޔާރުކުރި ރިޕޯޓެއްގައި ބުނީ އެތުގެ ދަރިފަސްކޮޅު ދަމަހައްޓަން މަސައްކަތްކުރާ އެލެފަންޓްސް ވިތައުޓު ބޯޑާސް، އީޑަބްލިއުބީން ވައިގެ މަގުން ކުރި ދިރާސާއަކުން އެކު އުމުރުފުރައިގެ އެތްތައް މަރުވަމުންދާކަން ފާހަގަކޮށްފައިވާކަމަށެވެ.
އިނގިރޭސިވިލާތުގެ ނޭޝަނަލް ޕާކު ރެސްކިއުގެ ޑރ. ނިއަލް މެކްކޭން ވިދާޅުވީ އެތްތައް މަރުވަމުންދާކަން ސަރުކާރުގެ ސަމާލުކަމަށް ފުރަތަމަ ގެނެސްފައިވަނީ މެއި މަހުގެ ތެރޭގައިކަމަށެވެ. އޭނާ ވިދާޅުވީ ވައިގެ މަގުން ކުރި 3 ގަޑިއިރުގެ ދަތުރެއްގައި މަރުވެފައިވާ 169 އެތްވަނީ ފެނިފައެވެ. 3 ގަޑިއިރުގެ ތެރޭގައި އެހާ ގިނަ ޢަދަދެއްގެ އެތް މަރުވެފައިވާ ތަން ފެނުމަކީ އާދަޔާ ޚިލާފުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އެއް މަސް ދުވަސް ފަހުން އިތުރު ހަށިތަކެއް ފެނުމުން މަރުވެފައިވާ އެތުގެ ޖުމުލަ ޢަދަދުވަނީ 350އަށްވުރެ އިތުރުވެފައެވެ.
މެއި މަހުގައި ކުރި ތަހުޤީގުތަކުން އެތްތައް މަރުވެފައިވަނީ ޝިކާރަވެރިންގެ ސަބަބުން ނޫންކަމަށް ބޮޓްސްވާނާގެ ސަރުކާރުންވަނީ ނިންމާފައެވެ. އެގޮތުން ޝިކާރަވެރިންގެ މެދުގައި މަޤުބޫލު އެތުގެ ފޭރާ ދަތް މަރުވެފައިވާ އެތްތަކުގެ ހަށިގަނޑުން ނަގާފައެއް ނުވެއެވެ. އެހެން ޖަނަވާރެއް އެފަދަ ގޮތަކަށް މަރުވަމުން ނުދާކަމަށާއި އެތްތައް މަރުވަނީ ޝީކާރަވެރިން ބޭނުންކުރާ ކެމިކަލެއްކަމަށްވާ ސަޔަނައިޑުގެ ސަބަބުންކަމަށްވާނަމަ އެހެން ޖަނަވާރުތަކަށްވެސް އޭގެ އަސަރުކުރާނެކަމަށް ޑރ. މެކްކޭން ވިދާޅުވިއެވެ. ގުތުރަތީގޮތުން އުފެދޭ އެންތުރެކްސްގެ ސަބަބުން އެތްތައް ވިހަވެފައިވާކަމަށް ނުބެލެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެންތުރެކްސްގެ ސަބަބުން ވިހަވެގެން މިދިޔަ އަހަރު 100އަށްވުރެ ގިނަ އެތްވަނީ ބޮޓްސްވާނާގައި މަރުވެފައެވެ.
ބޮޓްސްވާނާގައި އެތްތައް މަރުވަނީ އެންތުރެކްސް ނުވަތަ ބައްޔެއްގެ ސަބަބުން ނޫންކަމަށް ޔަޤީންކޮށް ނުބުނެވޭނެކަމަށް ޑރ. މެކްކޭން ވިދާޅުވިއެވެ. އެއްތަތއް ކުއްލިއަކަށް މަރުވާތީއާއި ދިރިހުރި ބައެއް އެތްތަކުގެ ޢަމަލުތަކުގައި އާދަޔާޚިލާފު ބައެއް ކަންކަން ފާހަގަވެފައިވާތީ އެތްތަކުގެ ސިކުންޑިއާއި ނާރުގެ ނިޒާމަށް އަސަރުކޮށްފައިވާކަމަށް ބެލެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ޖަނަވާރުތައް މަރުވަމުންދާ ސަބަބު ނުހޯދޭނަމަ ބަލިޖައްސާ ވަޞީލަތުގެ އަސަރު އިންސާނުންނަށް ނުކުރާނެކަމަށް ނުބުނެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެތްތަކަށް އެ މައްސަލަތައް ދިމާވަނީ ފެނުގެ ނުވަތަ ބިމުގެ ޒަރިއްޔާއިން ކަމަށްވާނަމަ ޢާންމު ޞިއްޙީ ކާރިޘާއަކަށް ވެދާނެކަމުގެ ބިރު އޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.