ޚަބަރު

ބޮޑުފިނޮޅުން 19 ބިދޭސީއަކު ހައްޔަރުކޮށްްފި


ބ.ބޮޑުފިނޮޅުގައި ހިނގަދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެކަމުގައި ޝާމިލްވި 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ތުޅަދޫގައި ހުރި ޕީއެސްއެމްގެ ޖާނަލިސްޓްް މުރުޝިދް އަބްދުލްހަކީމް ބުނީ ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީން ކޯޓަށް ހާޒިރުކުރުމަށް ތުޅާދޫއަށްް ގެނެސްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުންގެ އެހީތެރިކަމާއެކު އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިންނާއެކު މުޢާމަލާތް ކޮށްގެންކަމަށެވެ. އަދި ޕަބްލިކް އޯޑަރ ރެސްޕޯންސް ޔުނިޓްގެ ފުލުހުންނާއި ފުލުހުންގެ ތަޙްޤީގު ޓީމް އެރަށަށް ދިޔަ ފަހުން އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާކަމށް ފުލުހުން ވިދާޅުވިއެވެ.

ބޮޑު ފިނޮޅުގައި މަސައްކަތްކުރާ 15 ދިވެހި މުވައްޒަފުން އެރަށުން ފޭބުމަށް މަސައްކަތްކުރުމުން އެރަށުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބަޔަކު އެކަމަށް ހުރަސް އަޅައި ދިވެހި މުވައްޒަފުން ފޭބިޔަ ނުދީ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ހެނދުނު 9:30 ގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މަޢޫލޫމާތު ލިބުމާ ގުޅިގެން ފުރަތަމަ ބ. ތުޅާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން އެރަށަށް ދިއުމުން ބިދޭސީން ވަނީ ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިންކަން ދައްކާފައެވެ. މިކަމާ ގުޅިގެން އިތުރު ފުލުހުންނާއެކު ރޭ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން އެރަށަށް ދިއުމުން އެމީހުންވަނީ ފުލުހުންނާ ދިމާލަށް އޮށްގަލާއި ދަނޑިބުރިތައް އުކާ ހަމަނުޖެހުން ހިންގާފައިކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ހަމަނުޖެހުންތަކުގައި އެއް ފުލުހެއްގެ ބޯފަޅައި ގެންގޮސް ސީރިޔަސް އަނިޔާތަކެއް ލިބުމާ ގުޅިގެން ބ.އަތޮޅު ސިއްޙި މަރުކަޒުން ވަނީ ފަރުވާ ހޯދާފައެވެ.. އަދި އެހެން ފުލުހެއްގެ އިނގިލި ބިންދައިގެން ގޮސް އަނިޔާވެފައިވާއިރު ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މިހާރު ރަށުތެރޭގައި ހުރި ތަކެއްޗާއި ތަންތަނަށް ދީފައިވާ ގެއްލުނތްތައް ބަލައި މަޢުލޫމާތު އެއްކުރަމުންދާކަމަށެވެ. އަދި މި މައްސަލަ ޕޮލިސް ސަރވިސްގެ ސީރިއަށް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ހިއުމަން ޓްރެފިކން ޑިޕާޓްމަންޓް ގުޅިގެން ތަހްޤީގު ކުރަމުންދަކަމަށް ފުލުހުން ވިދާލުވެއެވެ.