ޚަބަރު

މިސްރުގެ ރައީސްއާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި


މިސްރަކީ މުސްލިމުންގެ ވަޙްދަތު ރައްކާތެރިކުރުމަށާއި، އިސްލާމީ އުންމަތަށް ދިމާވާ ކޮންމެ ކަމެއްގައި އިސްލާމީ އުންމަތުގެ ދިފާޢުގައި ވަރަށް އިސް ދައުރެއް އަދާކުރަމުން އަންނަ ޤައުމެއްކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ، މިސްރުގެ ރައީސް ޢަބްދުލްފައްތާޙް އައްސީސީގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެއްގައި، މިސްރުގެ ރައީސްއާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުނެވެ.މި ބައްދަލުކުރެއްވުމުގައި، ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި ރައީސް އައްސީސީއާ ބައްދަލުކޮށްލެއްވުމުގެ ފުރުސަތު ދެއްވިކަމަށްޓަކާ އެމަނިކުފާނަށާއި، މިސްރުގެ ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ފަތުވާ ދިނުމާބެހޭ މިފަދަ މުހިއްމު ބައިނަލްއަޤްވާމީ ޖަލްސާއެއް ބޭއްވުމުން ދޭހަވަނީ މިސްރުގެ ރައީސްއާއި، ސަރުކާރުން އިސްލާމީ ކަންތައްތަކަ ދެއްވާ އަހަންމިއްޔަތު ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. މީގެ އިތުރުން ވަރަށް ގިނަ އިސްލާމީ ޤައުމުތަކުގެ މުފްތީންނާއި އިލުމުވެރިން މި ޖަލްސާގައި ބައިވެރިވެވަޑައިންގެން އެބޭފުޅުން ދެއްވި ޚިޔާލުތަކުގެ އަލީގައި މި ޖަލްސާއިން ނިންމި ކަންތައްތަކުގެ ސަބަބުން، ފަތުވާ ދިނުމުގައި ދިމާވާވެގެން އުޅޭ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް އަންނާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ. ރައީސް މައުމޫންގެ ވާހަކަފުޅުގައި މީގެ ދެ ދުވަހެއް ކުރިން ރައީސް އައްސީސީގެ މަންމާފުޅު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވާފައިވާތީ އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގަޔާއި ދިވެހި ރައްޔިތުންގެ ނަމުގައި ރައީސް އައްސީސީއަށް ތަޢުޒިޔާ ދެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް އައްސީސީގެ ވާހަކަފުޅުގައި ރައީސް މައުމޫނަށާއި، ޖަލްސާގެ ބައިވެރިންނަށް މަރުހަބާ ވިދާޅުވެ، އެބޭފުޅުންގެ މަސައްކަތްޕުޅުތަކަށް ކާމިޔާބަށް އެދިވަޑައިގެންނެވިއެވެ. އަދި އެކި ޖަމާޢަތްތަކުން ތަފާތު ނަންނަމުގައި މުސްލިމުން ބައިބައިވުމަކީ މުޅި އުންމަތަށް ލިބޭ ނިކަމެތި ކަމެއް ކަމުގައިވެސް ރައީސް އައްސީސީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.