ޚަބަރު

ގްރޫޕް ހަދައިގެން ވައްކަންކުރި މައްސަލައިގައި ހިމެނޭ އެކަކު ދޫކޮށްލައިފި


ގުރޫޕް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައްކޮށް މުދަލަށް ގެއްލުންދޭކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރު ކުރުމުން އެތަނުން އެކަކުގެ ބަންދުގެ މުއްދަތު އިތުރުނުކޮށް ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ހައްޔަރުކުރި 6 މީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން އެތަނުން 28 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު އިތުރު ނުކޮށް ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ. އަދި ބާކީތިބި މީހުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަޙްޤީޤު ކުރިއަށްގެންދިއުމަށް 8 ދުވަހުގެ މުއްދަދެއް ދީފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރު އަދި 28 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ވިދާޅުވެއެވެ.

މީގެ ތެރެއިން 5 މީހަކު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރ. އުނގޫފާރުންނެވެ. އެމީހުންނާ ގުޅުންހުރި 3 ތަނެއް މަޑުއްވަރީން ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން އެމީހުން ދިރިއުޅުނު ރ. އަތޮޅުގެ ފަޅުރަށެއްވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އެގޮތުން، އެ ތަންތަނުން މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ރ. އަތޮޅުގެ ފަޅުރަށެއްގައި ދިރިއުޅެފައިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.