ކުޅިވަރު

އެފްއޭއެމްގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ބައްސާމް ހޮވައިފި


ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން އެފްއޭއެމްގެ އިންތިހާބް ފަސްކޮށްދިނުމަށް ޔޫތް މިނިސްޓްރީގައި އެދިފައިވަނިކޮށް، އެފްއޭއެމްގެ އިންތިހާބް ބާއްވައި، މިހާރު ވެސް ރައީސްގެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލް އެ މަގާމަށް އިންތިޚާބުކޮށްފިއެވެ.

އެފްއޭއެމްގެ ރައީސްކަމުގެ މަޤާމަށް ބައްސާމްއާއެކު ވާދަކުރާނެ އިތުރު ކެނޑިޑޭޓެއް ކުރިމަތިލާފައި ނުވާތީ، ބާއްސާމް އެފްއޭއެމްގެ ރައީސް ކަމުގެ މަޤާމަށް ހޮވާފައިވަނީ ވޯޓަކާއި ނުލައެވެ. އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައި ނެތިއްޖެ ނަމަ، ވޯޓަކާ ނުލާ އިންތިހާބު ކުރާ ގޮތަށް އަސާސީ ގަވާއިދަށް ބަދަލު ގެނައި މިއަދުގެ ކޮންގްރެސްގައި، މެމްބަރުންގެ އިއްތިފާގުންނެވެ.

އެއްވެސް މީޑިއާއެއް ބައިވެރިނުކޮށް އެފްއޭއެމްގައި ކުރިޔަށްގެންދިޔަ އިންތިހާބުގައި ބައިވެރިވި ކްލަބްތަކަކީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ، ޕީކޭ، ޖޭޖޭ ސްޕޯޓްސް ކްލަބް، ކުޑަ ހެންވޭރު ޔުނައިޓެޑް، މަހިބަދޫ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ އަދި ރެޑްލައިން ސްޕޯޓްސް ކްލަބްއެވެ.

އެފްއޭއެމްގެ ސީނިއާ ނައިބް ރައީސްގެ މަގާމަށް ހޮވުނީ މިހާރުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރެވެ. ނައިބް ރައީސަކަށް ހޮވުނީ އެންމެ ފަހުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި މާޒިޔާގެ ސީ.އީ.އޯ ހުސެއިން ޝާފިއު (ކޮއްކީ) އެވެ. އެގްޒެކެޓިވް ކޮމިޓީގެ އާއްމު މެމްބަރުންގެ މަގާމްތަކަށް ހޮވުނީ މިހާރުގެ ސީނިއާ ނައިބް ރައީސް އަހުމަދު ޝަކީބް (ޑޮކް) އާއި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި އެންމެ ފަހުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި ގްރީންސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި އެފްއޭއެމްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝާނީޒް (ޝާނީ) އާއި މުހައްމަދު ޝިފާއުއެވެ.