2018ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތުރުކީވިލާތުގެ އިސްތަންބުލްގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސުލޭޓުގައި އަނިޔާވެރިކޮށް މަރާލި ސަޢުދީ ޢަރަބިއްޔާގެ ނޫސްވެރިއެއްކަމަށްވާ ޖަމާލް ޚާޝޫޤްޖީގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކާ ދެކޮޅަށް ޝަރީޢަތެއް ފެށުމަށް ތުރުކީވިލާތުން ތައްޔާރުވެއްޖެއެވެ.
ޚާޝޫޤްޖީގެ މަރުގެ މައްސަލައިގައި ހިމެނޭ 8 މީހުންނަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހު ސަޢުދީ ޢަރަބިއްޔާގެ ކޯޓަކުންވަނީ ޙުކުމްކޮށްފައެވެ. ނަމަވެސް އެ ޝަރީޢަތް ހިންގާފައިވަނީ އިންސާފުވެރިކޮށް ނޫންކަމަށާއި ޚާޝޫޤްޖީ މަރާލުމުގެ މޭސްތިރިން އެ ޝަރީޢަތުން ސަލާމަތްވެފައިވާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ތަހުޤީޤު ކުރިއަށްގެންދިއުމަށް ސަޢުދީ ޢަރަބިއްޔާއިން ހުރަސްއަޅާފައިވާކަމަށްވެސް ތުރުކީވިލާތުން ތުހުމަތުކުރެއެވެ.
ދައުވާ ރައްދުވާ މީހުންގެ ޣައިރު ހާޒިރުގައި ތުރުކީވިލާތުން ބާއްވާ ޝަރީޢަތުގައި ސަޢުދީ ޢަރަބިއްޔާގެ ޖާސޫސީ އިދާރާގެ ކުރީގެ އިސްވެރިއެއްކަމަށްވާ އަޙްމަދު އަލްއާސިރީއާއި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ ރަސްމީ މުޝީރެއްކަމަށްވާ ސަޢުދު އަލްޣަޙްތާނީއާ ދެކޮޅަށްވަނީ ދައުވާ އުފުލާފައެވެ. އެ ދެމީހުންނާ ދެކޮޅަށް އުފުލައިފައިވަނީ ގަސްތުގައި މީހަކު މަރާލުމަށް ރޭވުމުގެ ދަޢުވާއެވެ. އަދި ޚާޝޫޤްޖީ މަރާލުމުގައި ޢަމަލީ ގޮތުން ބައިވެރިވި އިތުރު 18 މީހަކާ ދެކޮޅަށްވެސްވަނީ ދަޢުވާ އުފުލައިފައެވެ. ތުރުކީިލާތުގައި ބާއްވާ ޝަރީޢަތުގައި ޚާޝޫޤްޖީގެ މަރާގުޅޭ އައު މަޢުލޫމާތުތަކެއް އެނގިގެންދާނެކަމަށް އުންމީދުކުރާކަމަށް ޚާޝޫޤްޖީއާ ކައިވެނިކުރުމަށް ތައްޔާރުވަމުންދިޔަ ތުރުކީވިލާތުގެ ރައްޔިތެއްކަމަށްވާ ހަތީޖާ ގެންގިސްވަނީ ބުނެފައެވެ.