ޚަބަރު

ފާޑުކިއުންތަކާއެކު ނިއު ޒީލެންޑުގެ ޞިއްޙަތާބެހޭ ވަޒީރު އިސްތިޢުފާ ދެއްވައިފި


ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ނިއު ޒީލެންޑުގެ ޞިއްޙަތާބެހޭ ވަޒީރު ޑޭވިޑު ކުލާކު އިސްތިޢުފާ ދެއްވައިފިއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ނިއު ޒީލެންޑުގައި ތަންފީޒުކުރި ފުރަބަންދުގެ އުޞޫލުތަކާ ދެ ފަހަރެއްގެ މަތިން ޚިލާފުވުމުން ޞިއްޙަތާބެހޭ ވަޒީރު ޑޭވިޑު ކުލާކަށްވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އޭގެ ސަބަބުން އޭނާގެ މަޤާމުވަނީ ދަށްކޮށްފައެވެ. އެ މައްސަލައާ ގުޅިގެން އޭނާ އިސްތިޢުފާ ދެއްވަން މަސައްކަތްކުރެއްވުމުން ބޮޑުވަޒީރު ޖަސިންޑާ އާޑަންވަނީ އިސްތިޢުފާ ޤަބޫލުކުރައްވަން ދެކޮޅުހައްދަވާފައެވެ. ޞިއްޙީ ކާރިޘާއަކާ ޤައުމު ކުރިމަތިލަމުންދާ ވަގުތަކީ ޞިއްޙަތާބެހޭ ވަޒީރު އިސްތިޢުފާ ދެއްވަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށް އޭރު އޭނާވަނީ ވިދާޅުވެފައެވެ.

ނިއު ޒީލެންޑުގައި ކޯވިޑް-19 ޖެހުނު ހުރިހާ އެންމެން ބަލިން ރަނގަޅުވެފައިވާކަމަށް ބޮޑުވަޒީރު އާޑަންވަނީ ޖޫން މަހުގެ ކުރީކޮޅު އިޢުލާނުކުރައްވާފައެވެ. އެއާއެކު އެ ޤައުމުގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލައްވާ، އިތުރަށް ބަލި ފެތުރުން އެކަށީގެންވާކަމުގެ އިންޒާރު އޭނާވަނީ ދެއްވާފައެވެ. އޭގެ ދުވަސްކޮޅެއް ފަހުން އިނގިރޭސިވިލާތުން ނިއު ޒީލެންޑަށް ދަތުރުކުރި ދެ މީހުން ކަރަންޓީނުގެ މުއްދަތު ފުރިހަމަނުކޮށް ޖަނާޒާއެއްގައި ބައިވެރިވުމުގެ ޙުއްދަ ސަރުކާރުންވަނީ ދީފައެވެ. އެ ދެ މީހުންނަށްވެސް ކޯވިޑް-19 ޖެހިފައިވާކަން އެނގުނީ އޭގެ ފަހުންނެވެ.

އިސްތިޢުފާ ދެއްވަމުން ޑޭވިޑް ކުލާކު ވިދާޅުވީ އޭނާގެ ވަޒީރުކަމުގެ ދަޢުރުގައި ހިނގައިދިޔަ ހުރިހާ ކަމެއްގެ ފުރިހަމަ ޒިންމާ އޭނާ ނަންގަވައިކަމަށެވެ. ޞިއްޙަތާބެހޭ ވަޒީރުގެ މަޤާމުގައި އޭނާ ދެމިހުރުމުގެ ސަބަބުން ނިއު ޒީލޭންޑުން ކޯވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ބުރޫއަރާކަމަށް ޤަބޫލުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިވަގުތަކީ ނިއު ޒީލެންޑުގެ މުޖުތަމަޢުގައި ބަލި ނުފެތުރޭ ވަގުތަކަށްވުމުން މިއީ މަޤާމުން އިސްތިޢުފާ ދެއްވުމަށް އެންމެ އެކަށީގެންވާ ވަގުތުކަމަށް ޤަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ އިސްތިޢުފާ ޤަބޫކުރައްވާ ބޮޑުވަޒީރު އާޑަންވަނީ ތަޢުލީމާބެހޭ ވަޒީރު ކުރިސް ހިޕުކިންސް ވަގުތީގޮތުން ޞިއްޙަތާބެހޭ ވުޒާރާ ހިންގެވުމަށް ހަމަޖައްސަވާފައެވެ.

ރައްޔިތުންގެ މެދުގައި ބޮޑިވަޒީރު އާންގެ ލޭބަރ ޕާޓީގެ މަޤުބޫލުކަން އޮތީ އިދިކޮޅު ނޭޝަނަލް ޕާޓީއަށްވުރެ ކުރީގައިކަމަށް އެންމެ ފަހުގެ ދިރާސާތަކުންވަނީ ދައްކާފައެވެ. އޭގެ ސަބަބުން ސެޕްޓެންބަރު މަހުގެ 19ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޢާންމު އިންތިޚާބު އެ ލޭބަރ ޕާޓީން ކާމިޔާބު ކުރާނެކަމަށްވަނީ ބެލެވިފައެވެ. ނަމަވެސް ކޯވިޑް-19އަށް ފިޔަވަޅު އެޅުމުގައި ފަހުން ހެދުނު ގޯސްތަކުގެ ސަބަބުން ސަރުކާރާމެދު ޢާންމުންގެ މެދުގައި އޮންނަ އިތުބާރުވަނީ ކުޑަވެފައެވެ.