ޚަބަރު

ޔޫއޭއީއިން ބޭރަށް ދަތުރުކުރުމުގެ ޙުއްދައެއް ނެތް


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކަށް ލުއިތަކެއް ދިން ނަމަވެސް ޔޫއޭއީގެ ރައްޔިތުންނާއި އެ ޤައުމުގައި ދިރިއުޅޭ މީހުންނަށް މުހިންމު ބޭނުމެއްނެތި ބޭރު ޤައުމުތަކަށް ދަތުރުކުރުމުގެ ޙުއްދަ އަދި ނުދޭނެކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.

ޖޫން މަހުގެ 23ވަނަ ދުވަހުން ފެށިގެން ޔޫއޭއީގައި ދިރިއުޅޭ މީހުން ޚާއްސަ ޙުއްދައަކާއެކު ޟަރޫރީ ބޭނުންތަކުގައި ޤައުމުން ބޭރަށް ދަތުރުކުރުމުގެ ޙުއްދަ އެ ޤައުމުންވަނީ ދީފައެވެ. ނަމަވެސް ފަތުރުވެރިކަންފަދަ ބޭނުންތަކަށް ޤައުމުން ބޭރަށް ދަތުރުކުރުމުގެ ޙުއްދަ އަދި ނުދޭނެކަމަށް އެ ޤައުމުންވަނީ އިޢުލާނުކޮށްފައެވެ. ޔޫއޭއީގެ ނެޝަނަލް އެމަޖެންސީ ކްރައިސިސް އެންޑު ޑިޒާސްޓަރ މެނޭޖުމަންޓު އޮތޯރިޓީން ބުނީ ޤައުމުން ބޭރަށް ދަތުރުކުރެވޭނީ ހަމައެކަނި ތަޢުލީމީ ބޭނުންތަކަށާއި ޞިއްޙީ، ޚަރިޖީ އަދި ވިޔަފާރީގެ ބޭނުންތަކަށް އެކަނިކަމަށެވެ. ނަމަވެސް ޙުއްދަ ދިނުމުގެ ކުރިން އެގޮތަށް ދަތުރުކުރަން އެދޭ ކޮންމެ ފަރާތެއްގެ ބޭނުންތައް ވަކިވަކިން ބަލާނެކަމަށް އެ އިދާރާއިން ބުންޏެވެ.

ޖުލައި މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔޫއޭއީގެ ދުބާއީއަށް ބިދޭސީންނަށް ދަތުރުކުރެވޭނެކަމަށްވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް ޔޫއޭއީގައި ހިމެނޭ އެހެން ސަރަޙައްދުތަކުން އެފަދަ ނިންމުމެއް ނިންމާފައެއް ނުވެއެވެ.