އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިން އެ ޤައުމުން ފޭބުމުގެ މަސައްކަތް އަވަސްކުރުމަށް ރަޝިޔާއާއި ޠާލިބާނު ހަނގުރާމަވެރިން މަސައްކަތްކުރަމުންދާކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓެގަނުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.
ޕެންޓަގަނުން އެ ރިޕޯޓު ނެރުނީ ޠާލިބާނުންނާއެކު ރަޝިޔާއިން ގުޅުންތަކެއް ބާއްވަމުންދާކަމަށް ތުހުމަތުކުރާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ އަމުރަކަށް ޕެންޓެގަނުން ތައްޔާރުކޮށްފައިވާ ރިޕޯޓު ނެރެފައިވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން މެރުމަށް ޠާލިބާނަށް ރަޝިޔާއިން އިނާމު ހުށަހަޅާފައިވާކަމުގެ ތުހުމަތުތައް ތަހުޤީޤުކުރަމުންދާ ދަނޑިވަޅެއްގައެވެ.
2019ވަނަ އަހަރުގެ ޑިސެމްބަރު މަހާއި 2020ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އަލިއަޅުވާލައިފައިވާ ރިޕޯޓުގައި ބުނެފައިވަނީ 2020ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރަޝިޔާއިން މަސައްކަތްކުރަމުން ދަނީ އަފްޣާނިސްތާނުގެ ސަރުކާރާއި އެ ސަރަޙައްދުގެ އެހެން ޤައުމުތަކާއި ޠަލިބާނުންނާ ގުޅިގެން އަފްޣާނިސްތާނުގައި ރަޝިޔާގެ ބާރު ގަދަކުރުމަށްކަމަށެވެ. އަދި އަފްޣާނިސްތާނު ދޫކޮށް އެމެރިކާގެ ސިފައިން ފޭބުން އަވަސްކޮށް އޭގެ ސަބަބުން ކުރިމަތިވެދާނެ ސަލާމަތީ މައްސަލަތަކާމެދު އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ރަޝިޔާއިން މަސައްކަތްކުރަމުންދާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމްކުރުމަށް މިދިޔަ ފެބްރުއަރީ މަހު އެމެރިކާއާއި ޠާލިބާނުންނާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަށް ރަޝިޔާއިން ތާއީދުކުރާކަމަށްވެސް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިންނަށް ޙަމަލާ ދިނުމަށް ރަޝިޔާއިން ޠާލިބާނުންނަށް އިނާމު ހުށަހަޅާފައިވާކަމަށާއި އެކަން އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަމާލުކަމަށް ގެނެސްފައިވާކަމުގެ ތުހުމަތުތައް ރަޝިޔާއިންނާއި ޠާލިބާނުންވަނީ ދޮގުކޮށްފައެވެ. އަދި އެފަދަ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިނުވާކަމަށް ޓްރަންޕުވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ދަނީ އެކަން އިތުރަށް ތަހުޤީގުކުރަމުންނެވެ.
އެމެރިކާގެ ދާޚިލީ ވަޒީރު މައިކް ޕޮންޕެއޯ ވިދާޅުވީ ޠާލިބާނުންނަށް ރަޝިޔާއިން އިނާމު ހުށަހަޅައިފައިވާކަމުގެ މަޢުލޫމާތު ލިބުމުން އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެމެރިކާގެ ސަރުކާރުން އަޅައިފައިވާކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާގެ މިނިވަންކަން ރައްކާތެރިކޮށް އެ ޤައުމުގެ އަސްކަރީ ފައުޖުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ރައީސް ޓުރަންޕު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއްކަމަށާއި އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ ރައްކާތެރިކަމަށް މީގެ ކުރީގެ ސަރުކާރަކުން ނުކުރާވަރަށް ޓުރަންޕުގެ ސަރުކާރުން މަސައްކަތްކޮށްފައިވާކަމަށެވެ.