ކުޅިވަރު

އެފްއޭއެމްގެ އިންތިޚާބް ފަސްކޮށްދިނުމަށް ކޮމެޓީން މިނިސްޓްރީގައި އެދިއްޖެ


ފުޓުބޯޅަ އެސޯސިއެޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިޚާބު ފަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ޔޫތު މިނިސްޓްރީގައި އެދިއްޖެއެވެ.

މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށް މިނިސްޓްރީގައި އެދިފައި މިވަނީ އެއިދާރާގެ ކުރީގެ ރަޢީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި ގަރާރު ދިރާސާ ކުރަމުންދާތީއެވެ،
ޖުމްލަ 6 ކަމެއްގެ މައްޗަށް އެކުލަވާލާފައިވާ މި ގަރާރުގައި، ރާއްޖޭގެ ކުޅިވަރު ޤާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި، އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށްވަނީ އެދިފައެވެ. އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ މި ގަރާރުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު، ފާތިމަތް ނިއުޝާ ސޮއިކުރައްވައި ޔޫތު މިނިސްޓްރީއަށް ފޮނުވި ސިޓީގައިވަނީ، ކުޅިވަރު ގާނޫނާއި އެއްގޮތަށް ޔޫތު މިނިސްޓްރީން އެފްއޭއެމްއާއި ދޭތެރޭގައި ފިޔަވަޅު އަޅާފައި ނުވާތީ، ގާނޫނުގެ ތެރެއިން އެފްއޭއެމްއާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެދި، މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި މައްސަލައެއް މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއިން ދިރާސާކުރައްވަމުން ގެންދާތީ، މިމައްސަލަ ދިރާސާކުރައްވައި ނިންމަވަންދެން އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދެއްވުމަށް އެކޮމިޓީން އެދިވަޑައިގަންވާތީ އެކަން މިނިސްޓްރީއަށް އަށް ދަންނަވާކަމަށެވެ.

އިޖްތިމާއީ ކޮމިޓީއިން އިންތިޚާބު ފަސްކޮށްދިނުމަށް މިނިސްޓްރީއަށް އެދުނުއިރު، މި ގަރާރުގެ މައްސަލަ އެފްއޭއެމްއިން ފީފާގެ ސަމާލުކަމަށް ގެނައުމުން ފީފާއިން ވަނީ، އެފްއޭއެމްއަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވާނަމަ ރާއްޖެ ސަސްޕެންޑް ކުރާނެކަމުގެ އިންޒާރުދީފައެވެ.

ފީފާއިން އިއްޔެ ރާއްޖެއަށް އިންޒާރުދީ، މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެފްއޭއެމްގެ އިންތިޚާބީ މަރުހަލައިގެ ތެރެއަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވާނަމަ ފީފާގެ ގަވާއިދުގެ މަތިން ފިޔަވަޅު އަޅާނެކަމަށާއި، އޭގެތެރޭގައި ސަސްޕެންޝަނެއް އައުންވެސް ހިމެނޭކަމަށެވެ. އަދި އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި މިނިވަންކަމާއިއެކު އިންތިޚާބުގެ ކަންކަން މިހާރު ކަނޑައަޅާފައިވާގޮތަށް މިއަދު ނިންމާލެވޭނެކަމަށް ގަބޫލުކުރާކަމަށްވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން މިކަންކަމުގެ ތެރެއަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ފޯރައިފިނަމަ، ނުވަތަ މިކަމާ ގުޅިގެން އާއްމު އިދާރާއަކުން ދެން އަޅާފާނެ ފިޔަވަޅާ ގުޅޭ ގޮތުން، ވަގުތުން ވަގުތަށް އެ ފީފާއަށް އެންގުމަށް އެއިދާރާއިން ވަނީ ބުނެފައެވެ.