ވިޔަފާރި

ފުރަތަމަ 6 މަސް - އާމްދަނީ 6.3 ބިލިއަން، ޚަރަދު 11.6 ބިލިއަން


ޖޫންމަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީއަށްވުރެ ޙަރަދުތައް 5 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޖޫންމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީއަށްވުރެ ޙަރަދުތައް ވަނީ 5.3 ބިލިއަން ރުފިޔާ އިތުރުވެފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓަކީ ދައުލަތުގެ އާމްދަނީ އާއި ހަރަދުކުރެވުނު މިންވަރު ހާމަކުރުމަށް އާންމުކުރާ ރިޕޯޓެކެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ތަފާސް ހިސާބުތަކަށް ބަލާއިރު، 1 ޖަނަވަރީ އިން ޖޫންމަހުގެ 25ގެ ނިޔަލަށް ދައުލަތުން ޙަރަދުކޮށްފައިވަނީ 11.6 ބިލިއަން ރުފިޔާއެވެ. އަދި މި މުއްދަތުގައި ދައުލަތަށް ލިބިފައިވާ ޖުމްލަ އާމްދަނީއަކީ 6.3 މިލިއަން ރުފިޔާއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މި މުއްދަތުގައި އެންމެ ބޮޑު ޙަރަދެއްކޮށްފައިވަނީ ރިކަރަންޓް ޙަރަދުތަކަށެވެ. އެއީ ޙަރަދުކުރި މިންވަރުން ބަލާނަމަ 70 އިންސައްތައެވެ. އަދި އަނެއް 30 އިންސައްތަ ޙަރަދުކޮށްފައިވަނީ ކެޕިޓަލް ޙަރަދުތަކަށެވެ. ރިކަރަންޓް ޙަރަދުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ޙަރަދުކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި، އެލަވެންސްތަކާއި، ކޯވިޑް19ގެ އެކި ކަންކަމަށެވެ.

ޖޫންމަހުގެ 25 ގެ ނިޔަލަށް ދައުލަތައް ލިބިފައިވާ އާމްދަނީ 6 ބިލިއަން ރުފިޔާގައި އުޅޭއިރު، މީގެތެރޭގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ހިމެނެއެވެ. އާމްދަނީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައުލަތަށް ލިބިފައިވަނީ ޓެކްސްގެ ގޮތުގައެވެ. އާމްދަނީގެ 82 އިންސައްތަ ޓެކްސްގެ ގޮތުގައި ލިބިފައިވާއިރު މީގެތެރޭގައި ހިމެނެނީ ޓީޖީއެސްޓީ، އިންޕޯޓް ޑިއުޓީ އަދި ބީޕީޓީގެ ގޮތުގައި ލިބުނު އާމްދަނީކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.