އާއްމު ރައްޔިތުންގެ ގިނަ މަޢުލޫމާތުތަކެއް ހިމެނޭ އީ-ކައުންސިލްގެ "ގެމެން" މޮޑިއުލްއަކީ ރާއްޖޭގައި ވިހާ މަރުވާ މީހުންނާއި ގޯތިގެދޮރުގެ މައުލޫމާތާއި ވޯޓްލާމީހުންގެ ރަޖިސްޓަރީއާއި ވަގުތީ ގޮތުން ދިރިއުޅޭ މީހުންގެ ދަފްތަރު ފަދަ އާބާދީއާއި ގުޅޭ މައުލޫމާތު އެއްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ތަރައްޤީކޮށްފައިވާ ޕޯޓަލްއެކެވެ.
"ގެމެން" މޮޑިއުލަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އިސްނެންގެވުމުގެ ދަށުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އެންސީއައިޓީ މެދުވެރިކޮށް ތަރައްޤީކޮށް، މާލެ ސިޓީ ކައުސިލާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގުޅިގެން އެކުލަވާލަމުންދާ ނިޒާމެކެވެ. މިނިޒާމަކީ ރައްޔިތުންގެ އާބާދީއާއި ބެހޭ ހުރިހާ މައުލޫމާތެއް ޑިޖިޓައިޒްކޮށް ފޯރުކޮށްދިނުމަށް ތަރައްޤީކޮށްފައިވާ ނިޒާމެކެވެ.
ގެމެން މޮޑިއުލް މާލެސިޓީގައި ބޭނުން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށިގެން ދިޔައީ ޔުނިސެފް ފަންޑްގެ އެހީގައެވެ. މި ޕޯޓަލް ރަސްމީކޮށް މާލެސިޓީ ކައުންސިލާއި މާލެސިޓީގައި ހިމެނޭ ހޮސްޕިޓަލްތަކުގައި މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މިނިޒާމު ރާއްޖޭގެ ހުރިހާ ރަށެެއްގައި ބޭނުންކުރަން ފަށާނެ ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއިން މައުލޫމާތުދެއެވެ.
ގެމެން މޮޑިއުލް އިފްތިތާހުކުރުމާއެކު މާލޭ ސަރަހައްދުގައި ވިހާ މަރުވާ ފަރާތްތަކާއި، ގޯތިގެދޮރުގެ މައުލޫމާތާއި ވޯޓްލާމީހުންގެ ރަޖިސްޓަރީއާއި ވަގުތީ ގޮތުން ދިރިއުޅޭ މީހުންގެ ދަފްތަރު ފަދަ އާބާދީއާއި ބެހޭ މައުލޫމާތުތައް ދާނީ މިނިޒާމުގެ ތެރެއަށް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރަމުންނެވެ. އަދި އާބާދީއާއި ބެހޭ ކުރީގެ އަރުޝީފު މިނިޒާމުގެ ތެރެއަށް އަޕްޑޭޓް ކުރުމަށް އެންސީއައިޓީން ދަނީ ޑިޕާޓްމަންޓު އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާއި ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކާއިއެކު މަސައްކަތް ކުރަމުންނެވެ. އަދި މާލެސިޓީ ކައުންސިލްގައި ހުރި މައުލޫމާތުތައް ސިސްޓަމަށް އެޅުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރަމުންނެވެ.
ހޮސްޕިޓަލްތަކުން މިނިޒާމް ބެލެހެއްޓުމުގައި ބޮޑު ދައުރެއް އަދާކުރާނެ ކަމަށާއި ފޫޅުމާ ފޯމާއި، މަރުފޯމްތައް އޮންލައިންކޮށް ދާނީ ގެމެން މޮޑިއުލްއަށް އަޕްލޯޑްކުރަމުންކަމަށް މަޢުލޫމާތު ލިބެއެވެ. ގެމަން ނިޒާމް އަދި ބޭނުންކުރާނީ މާލެ ސިޓީގައި އެކަނި ނަމަވެސް މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި މިނިޒާމް ބޭނުންކުރަން ފަށާނެކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން މައުލޫމާތުދެއެވެ.
މިނިޒާމް ފުރިހަމަވެ، އާބާދީއާބެހޭ މައުލޫމާތުތައް ޑިޖިޓައިޒްވުމުން ސަރުކާރު އޮފީސްތަކުން ރައްޔިތުންނަށްދޭ އެކިއެކި ޚިދުމަތްތައް ދިނުމުގައި ފަސޭހަވާނެއެވެ. އެގޮތުން ވިހާ ކުއްޖާގެ އައިޑީކާޑު ހެއްދުމާއި، އެކުއްޖާގެ ގޯތީގައި ކުއްޖާ ރެޖިސްޓްރީކުރުމާއި އެހެނިހެން ކަންކަން ކުރުމަށް ފަސޭހަވެގެން ދާނެއެވެ. އަދި އާސަންދައާއި އައިޑީކާޑު ހެއްދުމާއި، ޕާސްޕޯޓުފަދަ ތަކެތި ހެއްދުމުގެ އިތުުރުން އާންމުކޮށް ދެވޭ ސަރުކާރުގެ ޚިދުމަތްތައް ދިނުމާއި ލިބިގަތުމަށް މިނިޒާމުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެއެވެ.
ގެމެން މޮޑިއުލްގެ ތެރެއަށް ކުރިޔަށް އޮތްތާނގައި މާބަނޑުވާ ފަރާތްތަކުގެ މައުލޫމާތު އެއްކުރާ "މަދާޒް އެޕް"، ވަރި ކައިވެނީގެ މައުލޫމަތު އަދި ކުދިންނަށް ނަންކިއުމަށް ބޭނުންކުރާނެ އޮންލައިން އެޕެއްވެސް ތައަރަފްކުރާނެ ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން މައުލޫމާތު ދެއެވެ.
ދެން އުފެދޭ ސުވާލަކީ ރައްޔިތުންގެ މިފަދަ މުހިންމު މައުލޫމާތުތަކެއް އެއްކުރެވޭ ނިޒާމެއްގެ ރައްކާތެރިކަމާމެދު އުފެދޭ ސުވާލެވެ. މިކަމާ ބެހޭ ގޮތުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލު ވިދާޅުވީ ގެމަން ނިޒާމުގެ ތެރެއިން ރައްޔިތުންގެ އެއްކުރެވޭ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އައިއެސްއޯ މިންގަނޑަށް މިނިޒާމުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިފަދަ މުހިންމު މައުލޫމާތުތަކެއް ރައްކާކުރާ ނިޒާމެއްކަމުން ގެމަން ހިންގުމުގައި އެތިކަލް އަދި އެހެނިހެން ގިނަ މިންގަނޑުތަކެއް ހިފަހައްޓާ މިއީ ރައްކާތެރި ނިޒާމަކަށް ހައްދަވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.
ގެމަން މޮޑިއުލް ތަރައްޤީކޮށްފައި ވަނީ އެލްޖީއޭއިން އީ-ކައުންސިލް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގެ ލޯކަލް ކައުންސިލްތައް ގުޅުވައިދޭ އީ-ކަނެކްޓިވިޓީ ނެޓްވޯކް ތެރެއިންނެވެ. މިއީ 2012 ވަނަ އަހަރުގެ އޮގަސްޓުމަހުން ފެށިގެން 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޤާއިމްކުރި ނެޓްވޯކެކެވެ. އަދި މިމަޝްރޫއަށް 37 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.