ޚަބަރު

އެންމެންގެ ތައުރީފު މަބްރޫކަށް، މަބްރޫކްގެ ފަހު ބަހަކީ ޑޮކްޓަރުންގެ ބަސް އަހާތި


ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުން ފަށްޓަވައިދެއްވީ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނެވެ. ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި ޙާލަތުގައި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު އުފެއްދިފަހުން ކޮންމެ ރެއަކުހެން އެސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުންތައްް ބާއްވައެވެ، މި ބައްދަލުވުންތަކުގައި ޢާއްމު ގޮތެއްގައި ހެލްތު މިނިސްޓަރު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެމަނިކުފާނު ބައްދަލުކުރައްވާފައި ވަނީ ކޮންމެވެސް ބޮޑުކަމެއްގެ ވާހަކަ ހާމަކުރައްވާނަމައެވެ. އެއީ ބިރުވެރި ޚަބަރެއްތޯ ނުވަތަ އުފާވެރި ޙަބަރެއްތޯ އިންތިޒާރުކުރެވެއެވެ.

އެހެންނަމަވެސް މިރޭ ތަފާތެވެ. މިނިސްޓަރުގެ ވާހަކަފުޅު މުޅިން އަމާޒުކުރެއްވީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒަށެވެ. މިރޭ ޚާއްސަވަނީ މަބްރޫކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އަމީން މަބްރޫކް ސިފަކުރެއްވީ މި އުނދަގޫ ޙާލަތުގައި ސަރުކާރުން ކުރެއްވި ބުރަ އެހާމެބޮޑު މަސައްކަތްޕުޅާއި، ވަރުގަދަ އެމަޖެންސީ އޮޕަރޭޝަނުގެ މަޢުލޫމާތު ރައްޔިތުންނަށް ސާފުކޮށްދެއްވި ސަރުކާރުގެ "ދޫ" ކަމުގައެވެ.

އުންމީދާއެކު ޙާލަތާ ކުރިމަތިލައި ކާމިޔާބީގެ އައްސޭރިއަށް ދެވުމުގައި މަބްރޫކުގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި މިނިސްޓަރ އޭނާއަށް ވަރަށްބޮޑަށް ތައުރީފް ކުރެއްވިއެވެ.

"7 މާޗް 2020ވަނަ ދުވަހު، މި ކޯވިޑް ޙަރަކާތުގެ ތަރުޖަމާނެއްގެ ގޮތުގައި އަޅުގަނޑުމެން މަބްރޫކް ހަމަޖެއްސި ޖެއްސުމަކީ ވަރަށް ތަފާތު ކަމެއްގެ ގޮތުގައި މިއަދު އަޅުގަނޑުމެން ފަހަތަށް އެނބުރި ބަލާލީމަ ފާހަގަކުރެވެނީ. މިއަދަކީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޕްރެސްކޮންފަރެންސްގެ ގޮތުގައި މަބްރޫކު ދެއްވާ ފަހު ޕްރެސްކޮންފަރެންސްމެ. ދެބަސް ނުވެވޭނެ ފަދައިން މިފަދަ ޙާލަތެއްގައި ރާއްޖޭގެ ނޫސްވެރިންނަށް މެދުކެނޑުމެއްނެތި މިގޮތަށް މަޢުލޫމާތުދެއްވި އެހެން މީހަކާ މިހާތަނަށް ބައްދަލުވެފައެއް ނެތް. އެއްވެސް ފޮރުވުމެއްނެތި ހާމަކަންބޮޑު ގޮތެއްގައި މަޢުލޫމާތު ފެތުރުމަށް މަބްރޫކް ކުރެއްވި މަސައްކަތަކީ ފާހަގަކޮށްލަންޖެހޭ ކަމެއް. މިއީ ފަހުވެސް އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ކަމެއް. މަބްރޫކުގެ މަސައްކަތް ވެގެންދިޔައީ މިޙާލަތުގައި މަސައްކަތްކުރި އެމަޖެންސީ އޮޕަރޭޝަން ޓީމުގެ ހާސްކަން ކުޑަކޮށްލަދިން ފުރިހަމަ މަސައްކަތަކަށް." މަބްރޫކަށް ތައުރީފް ކުރައްވައި ވާހަކަފުޅުދައްކަވަމުން ހެލްތުމިނިސްޓަރ އަމީން ވިދާޅުވިއެވެ.

އެހެން ރޭރޭގެ ނޫސްވެރިންގެ ބައްދަލުވުމާ ޚިލާފަށް މިރޭ ނޫސްވެރިންވެސް އެންމެ އިސްކަމެއްދިނީ މަބްރޫކަށް ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރުމަށެވެ. ބައެއް ނޫސްވެރިން ސުވާލެއް ނެތްކަމަށް ބުނެ މަބްރޫކް "މިސްވާނެ"ވާހަކައާއި އޭނާގެ މަސައްކަތުގެ ފުރިހަމަކަމުގެ ވާހަކަ ދެއްކިއެވެ. އަދި އޭނާގެ ސަބަބުން ޢާއްމު ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި އާދަޔާ ޚިލާފު ފަސޭހަކަމަކާއި ފުރުސަތެއް ނޫސްވެރިންނަށް ލިބުނުކަން ފާހަގަކުރިއެވެ.

އަނެއްބައި ނޫސްވެރިންވަނީ މިޙާލަތުގައި މަބްރޫކް ކުރައްވަން ޖެހިވަޑައިގަތް ތަޖުރިބާއާ ބެހޭގޮތުންވެސް ސުވާލުކޮށްފައެވެ. އޭނާ ވިދާޅުވީ ނޫސްވެރިންނަށް މަޢުލޫމާތު ދެމުންދިޔައިރު އެންމެ އުނދަގޫވީ ކޯވިޑް-19ގައި ނިޔާވި މީހުންގެ މަޢުލޫމާތު ހާމަކުރަންޖެހުނު ވަގުތުކަމުގައެވެ. އަދި އެކި ދަނޑިވަޅުތަކުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވިއިރު ދިމާވި ބައެއްކަންކަމުގެ މައްޗަށް ބައްލަވާލައި މަބްރޫކްވަނީ އޭނާގެ ތަޖުރިބާ ހިއްސާކުރައްވާފައެވެ.

މަބްރޫކް ވިދާޅުވީ، މިފަދަ ހިތާމަވެރި ޙާލަތެއް ޤައުމަށް ކުރިމަތިވެގެން ދިޔައިރު، ނޫސްވެރިންގެ ދައުރުގެ މުހިންމުކަން ފާހަގަކުރެވުނުކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ނޫސްވެރިންގެ ބައްދަލުވުމާއި ހަމައަށް ގެނެސް އޭގެ ޖަވާބު ހޯދަން ނޫސްވެރިން ކުރި މަސައްކަތްތަކަށް މަބްރޫކް ތައުރީފްކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ދިމާވި ކާރިޘާއަކީ މުޅި ސަރުކާރާ، ދިވެހި ހުރިހާ ރައްޔިތުންނާ ގުޅިގެން މެނުވީ ޙައްލު ނުކުރެވޭނެ އަރައިނުގަނެވޭ ކަމަކަށްވާތީ، މިކަމުގެ ޞައްޙަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މުހިންމުކަން ދެނެހުރެ އަޅުގަނޑު މިކަމާ ޙަވާލުވީ. އަޅުގަނޑު ޔަޤީންކުރިން އަޅުގަނޑާއެކީ މިކަމުގެ މަޢުލޫމާތުދޭން ކޮންމެރެއަކުވެސް ޞިއްޙީ ތަޖުރިބާކާރެއް، ޑޮކްޓަރެއް ހުންނަވާނެކަމަށް. ރައީސްގެ އިރުޝާދަކަށް ވީވެސް ވީ އެންމެ އަވަހަކަށް ޞައްޙަ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން. " މަބްރޫކް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމު ފުރުއްވަމުން އަންނަ މުހައްމަދު މަބްރޫކް އަޒީޒް މިވަނީ ކުރު މުއްދަތެއްގައި އެންމެ ގިނަ ޕްރެސް ދެއްވުމުގެ ޝަރަފާއެކު ތާރީހުގެ ތެރެއަށް ވަދެގެންގޮސްފައެވެ.

މި ހާލަތު ކުރިމަތިވީ ފަހުން 164 ނޫސްވެރިންގެ ބައްދަލުވުން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ ބާއްވާފައެވެ. އޭގެތެރެއިން 111 ނޫސްވެރިންގެ ބައްދަލުވުން ލީޑްކުރެއްވީ މަބްރޫކެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި 1200އަށްވުރެ ގިނަ ސުވާލަށް ވަނީ ޖަވާބު ދީފައެވެ. އަދި ނޫސްވެރިންގެ ބައްދަލުވުންގެ ބޭރުން ނޫސްވެރިން ގުޅައިގެން ކުރި 681 ސުވާލަކަށްވެސް މަބްރޫކް ވަނީ ޖަވާބުދާރީވެފައެވެ.

މަބްރޫކް ވިދާޅުވީ، އޮންލައިންކޮށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފެށުމާއެކު ރާއްޖޭގެ އަތޮޅުތަކުގައި ތިބި ނޫސްވެރިންވެސް މި ބައްދަލުވުންތަކުގައި ބައިވެރިކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށްބޮޑަށް އުފާކުރެއްވިކަމެއްކަމަށެވެ.

އޭނާ މަސައްކަތްކުރެއްވީ ނޫސްވެރިންނާއެކު އެއް ޓީމެއްގެގޮތުގައި މިޙާލަތުން އަރައިގަތުން އެއީ އަމާޒަކަށް ހައްދަވައިގެންކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ނޫސްވެރިންގެ ސަބަބުން ބޮޑު އެހީތެރިކަމަކާއި، ފުރިހަމަކަމެއް ލިބިގެން ދިޔަކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިމަސައްކަތްތަކާއި ރާއްޖޭގެ މިޙާލަތުގެ ވާހަކަތައް ނޫސްވެރިންގެ ގަލަންތަކުން ލިޔުނު ލިއުމަކީ ތާރީޚީ ޤައުމީ މަސައްކަތެއްގެގޮތުގައި މަބްރޫކް ސިފަކުރެއްވިއެވެ.

މަބްރޫކްގެ ޕްރެސް ބަލަން ކޮންމެ ރެއަކު ވަގުތު ހުސްކުރި މީހުންނަށް މާދަމާ ރެއިން ފެށިގެން ފަޅުކަން އައުމަކީ އެކަށީގެންވާކަމެކެވެ. ސަބަބަކީ ދެން މި ޕްރެސްތަކުން މަބްރޫކް ނުފެންނާނެތީއެވެ. އެހެންނަމަވެސް މަބްރޫކް އެންމެ ފަހުން ވިދާޅުވި ވާހަކަތައް އަބަދުވެސް ހަނދާނުގައި ބަހައްޓައްޗެވެ. މި ބަލި ރާއްޖެއިން ޖޭހެކަމަށް އަންދާޒާކުރި މީހުންގެ އަދަދި ލައްކައަކަށް ނާރާ ހިފެހެއްޓުނީ އެންމެ ސަބަބަކާއި ހުރެއެވެ. އެއީ ޑޮކްޓަރުން ދެއްކި ވާހަކަތަކުގައި އަޑުއަހާ އެބޭފުޅުންގެ އިރުޝާދު ދިވެހިން އަޑުއެހީތީއެވެ. މި ބަލީގެ ނުރައްކާ އަދިވެސް ކެނޑިގެން ދިޔައީކީ ނޫނެނެވެ. އެހެންކަމުން މަބްރޫކް ޕްރެސްތަކުން ނުފެނުނަމަވެސް މަބްރޫކް އެ ވިދާޅުވިހެން އަދިވެސް ޑޮކްޓަރުން ދެއްވާ ނަސޭހަތް ކަނުލާ އަހާ އެންމެހާ ދިވެހިން ރައްކާތެރިކަން އިސްކުރާށެވެ. ގައިދުރުކަން ބަހައްޓާށެވެ. ގިނަ ގިނައިން އަތް ދޮވެ ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ބޭނުމަކަށް ނޫނީ ބޭރުތެރެއަށް ނުކުމެ ނޫޅޭށެވެ. ކޮޕީތަކާއި ބުރު ޖެހުންތަކަށް އަދިވެސް ނުނިކުންނާށެވެ.

މަޢުރޫފް

ޝުކުރިއްޔާ މަބްރޫކް