ކުޅިވަރު

ފީފާގެ އިންޒާރު ރާއްޖެ ސަސްޕެންޑްކުރަން ޖެހިދާނެ


ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކަންކަމަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވާނަމަ ދިވެހިރާއްޖެ ފުޓުބޯޅައިން ސަސްޕެންޑް ކުރާނެކަމުގެ އިންޒާރު އަނެއްކާވެސް ފީފާއިން ދީފިއެވެ.

ދުނިޔޭގެ ފުޓުބޯޅައާއިބެހޭ މައި އިދާރާ ފީފާއިން ދެވަނަ ފަހަރަށް ރާއްޖެއަށް އިންޒާރު މި ދިނީ، ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނާއި އެއްގޮތަށް، ޔޫތް މިނިސްޓްރީއިން އެފްއޭއެމްއާއި ދޭތެރޭގައި ފިޔަވަޅު އަޅާފައި ނުވާތީ އާއި، އެކަންކަން ބަލައި ގާނޫނުގެ ތެރެއިން އެއިދާރާއަށް ފިޔަވަޅު އަޅައިދިނުމަށް އެދި، އެއިދާރާގެ ކުރީގެ ރަޢީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް، އިއްޔެ މަޖިލީހަށް ހުށައެޅުއްވި ގަރާރާއި ގުޅިގެން،ނެވެ. އެފްއޭއެމުން ވަނީ މި ޤަރާރު ފީފާގެ ސަމާލުކަމަށް ގެނެސްފައެވެ. މި ގަރާރަށް ބަހުސް ކުރިއަށް ގެންދިއުމަށްފަހު ވަނީ މިމައްސަލަ ދިރާސާ ކުރުމަށް އިޖްތިމާޢީ ކޮމިޓީއަށް ފޮނުވާފައެވެ.

ފީފާގެ ޗީފް މެމްބާ އެސޯސިއޭޝަންސް އޮފިސަރު ވެރޮން މޮސެންގޯ-އޮމްބާ ސޮއިކުރައްވާ ފީފާއިން ފޮނުވި އިންޒާރުގައިވަނީ، އެފްއޭއެމްގެ އިންތިޚާބީ މަރުޚަލާއަށް ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި، އެކަމާއި ކަންބޮޑުވާކަމަށެވެ. އަދި އެފްއޭއެމްއަކީ ފީފާގެ މެމްބަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތުން، ފީފާގެ ގަވާއިދާ ހަވާލާދީ، އެފްއޭއެމްގެ އެންމެހައި ކަންކަން ތިންވަނަ ފަރާތެއްގެ ނުފޫޒެއްނެތި މިނިވަންކަމާއި އެކުގައި ނިންމުމަކީ އެއިދާރާގެ ފުރިހަމަ ޒިންމާއެއްކަމަށް ހަނދާންކޮށްދޭކަމަށްވެސް މި ސިޓީގައިވއެވެ.

މީގެ އިތުރުން، އެފްއޭއެމްގެ މައްސަލަތަކުގެ ތެރެއަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވާނަމަ، ފީފާގެ ގަވާއިދުގެ މަތިން ފިޔަވަޅު އަޅާނެކަމަށާއި އޭގެތެރޭގައި ސަސްޕެންޝަނެއް އައުންވެސް ހިމެނޭކަމަށް ފީފާއިން ފޮނުވި ސިޓީގައިވަނީ ބުނެފައެވެ.

އެފްއޭއެމްގެ ހިންގާ ގަވާއިދާއި އެއްގޮތަށް އެއިދާރާގެ އިންތިޚާބީ މަރުހަލާގެ ކަންކަން މިނިވަންކަމާއިއެކުގައި ގެންގޮސް، މިހާރު ރޭވިފައި އޮތްގޮތަށް ޖުލައިމަހުގެ ދެވަނަ ދުވަހު އިންތިޚާބީ މަރުހަލާގެ މަސައްކަތް ތިންވަނަ ފަރާތެއްގެ ނުފޫޒެއްނެތި ނިންމާލެވޭނެކަމަށް ގަބޫލުކުރާ ކަމަށްވެސް ފީފާއިން ވަނީ ބުނެފައެވެ. އަދި މިއިން އެއްވެސް ކަމަކަށް ތިންވަނަ ފަރާތެއްގެ ނުފޫޒެއް ފޯރައިފިނަމަ އެކަން ވަގުތުން ފީފާގެ ސަމާލުކަމަށް ގެނައުމަށް ފީފާއިން ވަނީ އެފްއޭއެމްއަށް އަންގާފައެވެ.

މިއީ މިފަދަ އިންޒާރެއް ރާއްޖެއަށް ދިން ދެވަނަ ފަހަރެވެ. މީގެ ކުރިން އެފްއޭއެމްގެ މައްސަލަތަކެއް ބެލުމަށް ކުޅިވަރާއިބެހޭ ވުޒާރާއިން މަސައްކަތް ކުރުމުން އޭއެފްސީއިންވަނީ ރާއްޖެއަށް އިންޒާރުދީފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޭއެފްސީކަޕުން ރާއްޖޭގެ އެއްވެސް ކުލަބަކަށް ޖާގަ ނުލިބުނު މައްސަލަ ބެލުމަށް ޔޫތް މިނިސްޓްރީން ޚާއްސަ ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތް ފެށުމުން އޭއެފްސީއިން ވަނީ، އެފްއޭއެމްގެ މައްސަކަތަކުގެ ތެރެއަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވާނަމަ ފުޓުބޯޅައިން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް އިންޒާރުދީފައެވެ.