ޚަބަރު

ފުލުހުންގެ ބޯޑެއް އެކުލަވާލައި ގިނަ ބާރުތަކެއް އެ ބޯޑަށްދޭން އިޞްލާޙު ހުށައަޅައިފި


ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ފުލުހުންގެ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންޖެހޭ ގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލަށް އިޞްލާޙު ހުށައަޅައިފިއެވެ. މި އިޞްލަޙު ހުށައަޅާފައިވަނީ ބަންޑާރަ ނާއިބުގެ އޮފީހުންނެވެ.

ދިވެހި ފުުހުންގެ ޚިދުމަތުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ފުލުހުންގެ ބިލު ދިރާސާކުރައްވާ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މެންބަރު، ޢަލީ ނިޔާޒް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ބޮޑެތި އިޞްލަޙުތަކެއް ގެންނަންޖެހޭކަން ފުލުހުންނާއި ގިނަ މުއައްސަސާތަކުން ޤަބޫލުކުރާކަން ކޮމިޓީއަށް ފާހަގަކުރެވިފައިވާކަމަށެވެ.

ނިޔާޒް ވިދާޅުވީ، ފުލުހުން ހިންގާ އޮޕަރޭޝަންތަކާއި ފުލުހުންކުރާ ކަންކަން ޖަވާބުދާރީކޮށް ބެލުމަށް ފުލުހުންގެ މުއައްސަސާތަކުގެ އެތެރޭގައި މިހާރު އޮންނަ ނިޒާމުގެ އިތުރުން، އެ މުއައްސަސާގެ ބޭރުން ފުލުހުން ޖަވާބުދާރީކުރުވޭނެ ނިޒާމެއް އޮންނަންޖެހޭކަމަށެވެ. އެގޮތުން ބަންޑާރަ ނާއިބުގެ އޮފީހުން ހުށައެޅި 41 އިޞްލަޙުގެ ތެރޭގައި އެފަދަ އިޞްލާހެއްވެސް ހިމެނޭކަން ފާހަގަކުރައްވާ ޢަލީ ނިޔާޒް ވިދާޅުވީ، އެ އިޞްލާޙުތަކުގެ ތެރޭގައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ފުލުހުންގެ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންޖެހޭކަމަށެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިހާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢައްޔަނުކުރާނީވެސް އެ ބޯޑުންކަމަށް ނިޔާޒް ވިދާޅުވިއެވެ. މިހާރު ޤާނޫނުގައި ވާގޮތުން ކޮމިޝަނަރ އޮފް ޕޮލިސް ޢައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.

"ކޮމިޓީއަށް އެކި މުއައްސަސާތަކުން ވަޑައިގެން ދެއްވާ ޚިޔާލު މިހުރީ އެއް މިސްރާބަކަށް. ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަންޖެހޭކަމަށާ ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭކަން ފުލުހުންނާއި އެނޫންވެސް މުައްސަސާތަކުން ހިއްސާކުރި މައުލޫމާތުން އެނގޭ. ރަނގަޅު މިސްރާބަށް މިހުރީ. މިކަމަށް ރަނގަޅު އެކްސްޕާޓުންގެ ޚިޔާލު ހޯދާނަން. ފަހަރުގަ ކޮމީޓި ނުވެދާނެ އެކްސްޕާޓުންކަމަށް. ނަމަވެސް އެކްސްޕާޓުންގެ ޚިޔާލު ހޯދާނަން. ރައްޔިތުންގެ ޚިޔާލުވެސް ހޯދާނަން." ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ، އަލަށް އެކުލަވާލާ ފުލުހުންގެ ޤާނޫނުގެ ސަބަބުން ފުލުހުންގެ ޚިދުމަތާއި، ރައްޔިތުން ފުލުހުންނާމެދު ދެކޭދެކުން ބަދަލުކޮށް ފުލުހުންގެ ޚިދުމަތަށް އޮންނަ ޔަޤީންކަން ކަށަވަރުވެގެންދާނެކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ޞަބާޙް ވިދާޅުވީ، ފުލުހުންގެ ބޯޑެއް އުފެދިގެން ދިއުމަކީ ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވާކަމަށް ކުރެވޭ ތުހުމަތުތަކަށް ބަދަލުތަކެއް އަންނާނެކަމެއްކަމަށެވެ. ސަބަބަކީ ފުލުހުންގެ ބޯޑުގައި އެކި ދައިރާތަކުގެ ޕްރޮފެޝަނަލް ބޭފުޅުން ތިއްބާނެތީކަމަށާއި، އޭގެ ތެރޭގައި ޤާނޫނީ ދާއިރާއިންނާއި، ޢާންމުންގެ ތެރެއިންނާއި އެނޫންވެސް ދާއިރާތަކުން ބޯޑުގައި މެންބަރުން ހިމެނިވަޑައިގަންނަވާނެކަމަށް ޔޫނުސް ވިދާޅުވިއެވެ.

"ފުލުހުން ޖަވާބުދާރީކުރުވުމަށް އުފެދޭ ފުލުސް ބޯޑަކީ ފުލުހުން ޖަވާބު ދާރީކުރުމަށް އިތުރު މަރުހަލާއެއް މިއުފެދެނީ. މުޖުތަމަޢުގެ ތެރެއިން ޕްރޮފެޝަނަލް މީހުން ތިބޭނެކަމަށް، ތަމްސީލްވާނެކަމަށް ބެލެވެނީ. މި ބޮޑަކީ ހަމައެކަނި ފުލުހުން ހިންގާ ތަޙްޤީޤުތަކާއި ގުޅޭގޮތުން ޖަވާބުދރީކުރުވުމުގެ އިތުރުން ފުލުހުންގެ ޕާފޯމަންސްއަށްވެސް ޖަވާބުދާރީކުރުވަންޖެހޭ. އެގޮތުން ފުލުހުންގެ ވެލްފެއާއި ފުލުހުންގެ ހޭދައާއި، ބަޖެޓާއި ގުޅޭގޮތުންވެސް. ބޯޑު އުފެދުމުން ހާމަކޮށްދޭންޖެހޭ ކިހިނެއްކަން ޕާފޯމް ކުރަންޖެހޭނީ. ފުލުހުންގެ ޕާފޯމަންސް އިތުރުވެގެންދާނެ ނިޒާމަކަށްވާނެކަމަށް ޤަބޫލުކުރެވެނީ." ޔޫނުސް ޞަބާޙް ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލަށް ގެނައުމަށް ހުށަހަޅަފައިވާ މި އިސްލާޙުތަކުގެ ތެރޭގައި ފުލުހުންގެ ރޭންކުތަކުގެ ޢަދަދުވެސް މިހާރުއޮތް ޢަދަދަށްވުރެ މަދުކުރުން ހިމެނެއެވެ. އެގޮތުން ފުލުހުންގެ ރޭންކުތަކުގެ ޢަދަދު 12އިން 11އަށް ދަށްކުރުމާއި، ފުލުހުންނަށް ރާއްޖެއިން ބޭރުގައި ހެކި ހޯދުމުގެ ބާރު ދިނުން ހިމެނެއެވެ. އަދި ފުލުހުން ޢަމަލުކުރާ ޤަވާއިދުތަކާއި އިދާރީ ޤަވާއިދުތައް ހެދުމުގެ ބާރު ހޯމް މިނިސްޓަރަށް ލިބިދިނުންވެސް ހިމެނެއެވެ.