މުނިފޫހިފިލުވުން

އަބީޝެކްގެ ފުރަތަމަ ވެބް ސީރީޒް ޓްރެއިލަރ ގިނަބަޔަކަށް ކަމުދިޔަ


އެމަޒޯން ޕްރައިމްގެ އޮރިޖިނަލް ވެބްސީރީޒް "ބްރީތު"ގެ ދެވަނަ ސީޒަންގެ އޮފިޝަލް ޓްރެއިލަރ ޔޫޓިއުބަށް ދޫކޮށްލާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.

2018 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ވެބްސީރީޒް "ބްރީތު"ގެ ދެވަނަ ސީޒަނަށް ދީފައިވަނީ "ބްރީތު - އިންޓު ދަ ޝެޑޯސް" މި ނަމެވެ. ދެވަނަ ސީޒަންގެ ލީޑް ރޯލުން އަބީޝެކް ބަޗަން ފެނިގެންދާއިރު، މިއީ އޭނާގެ ފުރަތަމަ ވެބް ސީރީޒެވެ.

"ބްރީތު"ގެ ސީކުއަލެއްގެ ގޮތުގައި ނެރޭ ދެވަނަ ސީޒަނަކީވެސް ކްރައިމް ތްރިލަރ ޑްރާމާއެކެވެ. މިފަހަރުގެ ސީޒަންގައި އަބީޝެކް ދައްކުވައިދޭނީ ދަރިއަކު ކިޑްނޭޕްކުރުމުން ބައްޕައަކު އެ ދަރިފުޅު ސަލާމަތްކޮށްދޭން ކުރަންޖެހޭ މަސައްކަތްތަކެކެވެ. މި ސީރީޒްގައި ރެންސަމް ކޯލެއްގެ ބަދަލުގައި ދަރިފުޅު އަނބުރާ ބޭނުންނަމަ، ކިޑްނޭޕަރުގެ ފަރާތުން އަބީޝެކަށް ހުށަހަޅަނީ އޭނާ ބުނާ ބަޔަކު މެރުމަށެވެ. އަދި އެކަމުގެ ތެރެއިން އޭނާ ކުރިމަތިލާންޖެހޭ ތަފާތު ކަންތައްތަކެއް ސީރީޒްގެ އޮފިޝަލް ޓްރެއިލަރއިން ކުރުގޮތަކަށް ވަނީ ދައްކުވައިދީފައެވެ.

އަބީޝެކްގެ އިތުރުން މިފަހަރުގެ ސީޒަނުންގެ މުހިއްމު ރޯލުތަކުން ފެނިގެންދާނީ ސައުތް އިންޑިއަން ފިލްމް އިންޑަސްޓްރީގައި މަޝްހޫރުކަން ހޯދާފައިވާ ބަތަލާއެއްކަމަށްވާ ނިތުޔާ މެނެންއާއި ސައިއްޔާމީ ޚޭރެވެ. އަދި މިފަހަރުގެ ސީޒަނުންވެސް ފުރަތަމަ ސީޒަންގައި ސީނިއަރ އިންސްޕެކްޓަރެއްގެ ރޯލުން ފެނިގެންދިޔަ އަމިތު ސަދްވެސް ފެނިގެންދާނެއެވެ. "ބްރީތު"ގެވދެވަނަ ސީޒަންވެސް ޑައިރެކްޓްކޮށްފައި މަޔަންކް ޝަރުމާއެވެ.

"ބްރީތު"ގެ ދެވަނަ ސީޒަނާއި ގުޅޭގޮތުން އަބީޝެކް ބުނެފައިވަނީ މިއީ ތަފާތު ތަޖުރިބާތަކެއް ގެނުވައިދިން ޕްރޮޖެކްޓެއްކަމަށާއި، އޭނާގެ ފަރާތުން މި ސީރީޒްގައި ފެނިގެންދާނީ ވަރަށްވެސް ތަފާތު ކެރެކްޓަރއެއްކަމަށެވެ. އަދި މިއީ ޑިޖިޓަލް ޕްލެޓްފޯމެއްގެ ތެރެއިން އައު އޯޑިއަންސަކާއި އޭނާ ގުޅުވައިދޭ އުއްމީދީ ޕްރޮޖެކްޓެއްކަމަށް އޭނާ ބުނެފައިވެއެވެ. ޓްރައިލަރއާއެކު ގިނަ ބަޔަކު އަންނަނީ އަބީޝެކްގެ ފަރާތުން ފެނިގެންދާ ތަފާތު މޮޅު އެކްޓިންއަށް ތަޢުރީފުކުރަމުންނެވެ.

"ބްރީތު - އިންޓު ދަ ޝެޑޯސް" އެމަޒޯން ޕްރައިމްއިން ޕްރިމިއަރ ކުރާނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. ކޮންމެއަކަސް އޮފިޝަލް ޓްރެއިލަރއިން އެކްޓަރުންގެ ފަރާތުން ދައްކުވައިދޭ ތަފާތު ކަންތައްތަކާއެކު އަބީޝެކްގެ ފޭނުން ތިބީ މި ސީރީޒް ބަލާލުމަށް ކެތްމަދުވެފައެވެ.