މުނިފޫހިފިލުވުން

ސުޝާންތުގެ ހަށިގަނޑުން ވިހަ މާއްދާއެއް ފެނިފައެއްނުވޭ


ބޮލީވުޑްގެ ޒުވާންތަރި ސުޝާންތު ސިންގް ރާޖްޕުތުގެ ކުއްލި މަރާއެކު މުޅި ބޮލީވުޑަށް ވަނީ ބޮޑު ސިހުމެއް ގެނުވާފައެވެ. އުމުރުން 34 އަހަރުގެ ސުޝާންތު އަމިއްލައަށް މަރުވެފައި ހުއްޓާ ފެނިފައިވަނީ މިދިޔަ ޖޫންމަހުގެ 14 ވަނަ ދުވަހު މުމްބާއީގައި އޭނާ ދިރިއުޅެމުންދިޔަ އެޕާޓްމަންޓުންނެވެ. މިކަން މުމްބާއީ ފުލުހުން ތަޙްޤީޤު ކުރަމުންދާއިރު، ސުޝާންތުގެ ފަރާތުން ސޫސައިޑް ނޯޓެއް މިހާތަނަށްވެސް ފެނިފައިނުވާތީ، އޭނާގެ މަރުގެ އަޑީގައި ގޮތް ނޭނގޭ ކަންތައްތަކެއް ހިނގާފައިވާކަމަށް ސުޝާންތުގެ ޢާއިލާއިން ދަނީ ތުޙުމަތުކުރަމުންނެވެ.

ސުޝާންތު މަރުވި ސަބަބު ދެނެގަތުމަށް ހެދި އޮޓޮޕްސީ ރިޕޯޓުގައި ބުނެފައިވަނީ އޭނާ މަރުވެފައިވަނީ އެސްފިކްޒިއޭޝަން ނުވަތަ ހަށިގަނޑަށް އޮކްސިޖަން ނުލިބިގެންކަމަށެވެ. އަދި ހަށިގަނޑުގެ ބޭރު ފުށުން އިތުރު ހާނިކައެއް އޭނާއަށް ލިބިފައިނުވާކަމަށް ބުނެފައިވެއެވެ. ސުޝާންތު މަރުވީ އޭނާއަށް ބޭހެއް ނުވަތަ ޒަހަރުދީގެންކަމަށާއި، އަމިއްލައަށް މަރުވިކަން ދެއްކުމަކީ ބަޔަކު ކުޅެފައިވާ ސީނެއްކަމަށް ބުނާ އަޑުތަކެއްވެސް އޭނާގެ މަރާގުޅިގެން ވަނީ ފެތުރިފައެވެ. ނަމަވެސް އޭނާގެ ވިސެރާ ސާމްޕަލްތަކުން ހިތާއި ކިޑްނީ ފަދަ އެތެރެހަށީގެ މުހިންމު ގުނަވަންތަކުން ވިހަ މާއްދާއެއް ނުވަތަ ކެމިކަލެއްގެ އަސަރު ފެނިފައިނުވާކަން މުމްބާއީ ފުލުހުން މިހާރު ވަނީ ޔަޤީންކޮށްދީފައެވެ.

ސުޝާންތުގެ މަރުގެ މަައްސަލައިގެ ތަޙްޤީޤަށް އޭނާއާއި ގުޅުންހުރި ފަރާތްތަކުގެ ބަޔާން ނެގުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެގޮތުން އޭނާއާއި ލޯބީގެގޮތުން ގުޅިގެން އުޅުނު ރިއާ ޗަކްރަބަތީއާއި، ބޮލީވުޑްގެ މަޝްހޫރު ކާސްޓިން ދެ ޑައިރެކްޓަރުންކަމަށްވާ މުކޭޝް ޗަބްރާއާއި، ސަނޫ ޝަރްމާގެ ބަޔާން ފުލުހުން މީގެ ކުރިން ނަގާފައިވެއެވެ. މި މައްސަލައިގައި އެންމެފަހުން ބަޔާން ނަގާފައިވަނީ ސުޝާންތު އެންމެ ފަހުން ކުޅުނު ފިލްމް "ދިލް ބޭޗާރާ"ގައި ބަތަލާއެއްގެ ރޯލުން ފެނިގެންދާ ސަންޖަނާ ސަންގީގެއެވެ.

ވާސެޓައިލް އެކްޓަރެއްގެ ގޮތުގައި މަޝްހޫރުވި ސުޝާންތު އެންމެފަހުން ކުޅުނު ފިލްމް "ދިލް ބޭޗާރާ" ޑިޒްނީ ޕްލަސް ހޮޓްސްޓަރގައި ރިލީޒްކުރާނީ އަންނަ ޖުލައިމަހުގެ 24 ވަނަ ދުވަހުއެވެ. މި ފިލްމަކީ 2014 ވަނަ އަހަރު ރިލީޒްކުރި ހޮލީވުޑްގެ ކާމިޔާބު ފިލްމް "ދަ ފޯލްޓް އިން އަވަރ ސްޓާރސް"ގެ ހިންދީ ރީމޭކެކެވެ. މިއީ ސުޝާންތުގެ މަސައްކަތް ފެނިގެންދާނެ އެންމެފަހު ފިލްމުކަމުން، ގިނަ ބަޔަކު ތިބީ މި ފިލްމް ބަލާލުމަށް ކެތްމަދުވެފައެވެ.

ޝިޔާމު

ޢިންޑިޔާއިން ތިކަމުގެ ހަގީގަތެއް ނުބެލޭނެ، އެއްވެސް އިންސާފެއް ނުލިބޭނެ، ސަބަބަކީ މުއްސަންދިން ހިއްސާވާ ކަމަކަށްވާތީ، ބޭރުން ތިކަން ތަހުޤީޤް ކުރަންވީ، ނަތީޖާ ކަށަވަރު ވާނީ އެޭރުން،