ޚަބަރު

ގެވެށި އަނިޔާ އާއި އަންހެނުންނަށްކުރާ އަނިޔާ އާއި ދެކޮޅަށް ޤައުމީ ކެމްޕޭނެއް ފަށަނީ


ގެވެށި އަނިޔާ އާއި އަންހެނުންނަށްކުރާ އަނިޔާ އާއި ދެކޮޅަށް ޤައުމީ ކެމްޕޭނެއް ފަށަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓަރ ވިދާޅުވީ، މި ކެމްޕޭން މިމަހު 15ގައި ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވަމުން މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުޙައްމަދު ދީދީ ވަނީ ރާއްޖޭގައި ގެވެށި އަނިޔާ އާއި މިންތީގެ ތަފާތުކުރުމުގެ މައްސލަތައް ގިނަކަމުގައި ވިދާޅުވެފައެވެ. މިފަދަކަންކަން ނައްތާލުމަށް އެކަށޭނަ ގިނަ ޤާނޫނުތަކަކާއި ޤަވައިދުތަކެއް އެކަށައަޅާފައި އޮތްނަމަވެސް މި ޤަވައިދުތައް ތަންފީޒުކުރުމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެގޮތުން މި މައްސަލަތައް ހައްލުކުރުމަށް ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން މުހިންމު މަސައްކަތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށްއޮތް ދުވަސްތަކުގައި ކަންކަން އަވަސްވެގެންދާނެ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މި މަސައްކަތްތަކުގެ އިތުރުން މިފަދަކަންކަމުގައި މުޖުތަމަޢުން ދެކޭ ނަޒަރިއްޔާ ބަދަލުކުރުމުގެ މުހިންމުކަން ޖެންޑަރ މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ގެވެށި އަނިޔާއާއި އަންހެނުންނަށްކުރާ އަނިޔާއާއި ދެކޮޅަށް ޤައުމީ ކެމްޕޭނެއް ފަށަން ތައްޔާރުވަމުންދާކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ. 3 މަސްދުވަހަށް ދެމިގެންދާ މިކެމްޕޭން މިމަހުގެ 15 ވަނަދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މިކެމްޕޭންގެ ތެރެއިން ޓީވީ ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގުމަށް ވަނީ ނިންމާފައެވެ.

"ގެވެށި އަނިޔާއާއި އަންހެނުންނަށްކުރާ އަނިޔާއާއި ދެކޮޅަށް ޤައުމީ ކެމްޕޭނެއް ފަށަން މިދަނީ ތައްޔާރުވަމުން. 3 މަސްދުވަހަށް ދެމިގެންދާ މިކެމްޕޭން މިމަހުގެ 15 ވަނަދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މިކެމްޕޭންގެ ތެރެއިން ޓީވީ ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުން ހޭލުންތެރިކުރުމަށް ވަނީ ހަމަޖެހިފައި" މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.


ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ވަނީ މި ކެމްޕޭން ނިމުމަށްފަހު އިތުރު ގިނަ ކެމްޕޭންތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން 2 އަހަރުދުވަހުގެ މަލްޓިމީޑިއާ ކެމްޕޭނަކާއި، ހޯޕް ފޯރ ވިމަން އާއި ގުޅިގެން "ވިކްޓިމް ބްލޭމިން"އާއި ދެކޮޅަށް ކެމްޕޭނެއް ފެށުމަށް ވަނީ ނިންމާފައެވެ.