ވިޔަފާރި

ކުޑަހުވަދޫ އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރަނީ


ކުޑަހުވަދޫ އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ ހުއްދަތައް ނެގުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެއެއަރޕޯޓު މެނޭޖްކުރާ ކުންފުނިން ހާމަކޮށްފިއެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްއިން "ދަ ރޯލް އޮފް އެއަރލައިންސް އެންޑް އޭވިއޭޝަން އިން ދަ ނިއު ރިއަލިޓީ އެންޑް އިން ރި-ސްޓާޓިންގ ޓޫރިޒަމް'ގެ ނަމުގައި ބޭއްވި ވެބިނަރގައި ވާހަކަދައްކަވަމުން ދާލު އެއަރޕޯޓު ހޯލްޑިންގްސް ޕްރައިވެޓު ލިމިޑެޓުގެ ސީއީއޯ މުޙައްމަދު ހަލީލު ވިދާޅުވީ ދ. އަތޮޅު ކުޑަހުވަދޫގައި ތަރައްޤީކޮށްފައިވާ 'ދާލު އެއަރޕޯޓު' އިންޓަރނޭޝަނަލް އެއަރޕޯޓަށް ބަދަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ނަގަން ޖެހޭ ހުއްދަތައް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

" އެއަރޕޯޓު ތަރައްޤީކޮށްފައިވެސް ވަނީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި، އެހެންވީމާ ހުއްދަ ނަގާލުން އެކަނި ބާކީ އޮތީ،" ހަލީލު ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ ސްރީލަންކާ އަދި އިންޑިއާއާއެކު ޓްރެވަލް ބަބްލު އެއް ޤާއިމްކޮށް، އެދެޤައުމުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ގެނެވިދާނެކަމަށެވެ. އަދި ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އައުމުގެ ބަދަލުގައި ރާއްޖޭގެ އެހެން ހިސާބުތަކުގައި އިންޓަރނޭޝަނަލް އެއަރޕޯޓްތައް ތަރައްޤީކުރަން ޖެހިފައިވާ ކަމަށާއި ފަތުރުވެރިން ރާއްޖެއަށް އަންނަން ބޭނުންވާ ރިސޯޓު ނުވަތަ ގެސްޓު ހައުސްއާ ކައިރި އެއަރޕޯޓަކުން ރާއްޖެއަށް އާދެވޭނެ ފަދަ އިންތިޒާމްތަކެއް ހަމަޖައްސަން ޖެހިފައިވާކަމަށްވެސް ހަލީލް ވިދާޅުވިއެވެ.

ދ. ކުޑަހުވަދޫގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓަކީ ރާއްޖޭގައި މިހާތަނަށް ޖާގައިގެ ގޮތުން ބަލާނަމަ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ޑޮމެސްޓިކް އެއަރޕޯޓެވެ. ކުޑަހުވަދޫ އެއަރޕޯޓުގެ މަޝްރޫޢަށް ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު ޚަރަދުވެފައިވާއިރު، މި އެއަރޕޯޓް ތަރައްޤީކޮށްފައި ވަނީ އެރަށުގެ ފަޅުން ގާތްގަނޑަކަށް 62 ހެކްޓަރުގެ ބިން ހިއްކައިގެނެވެ. 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ހަދާ މި އެއަރޕޯޓް ތަރައްޤީކޮށްފައިވަނީ ޕްރައިވެޓް ޖެޓް ޕާކިންގ އޭރިއާއަކާއެކުއެވެ.