ވިޔަފާރި

ފްލައިޓް މޫމަންޓްސް ކުރިން ހުރި އަދަދަށް ދެވޭނެކަމަށް ބެލެވެނީ 2023 ގައި - އެމްއޭސީއެލް


ރާއްޖެއަށް އަންނަ ފްލައިޓްތަކުގެ އަދަދު ކުރިންހުރި މިންވަރަށް އަލުން އަނބުރާ ދެވޭނެކަމަށް ބެލެވެނީ 2023 ގައިކަމަށް އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ސާލިހް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ފެޑަރޭޝަން އޮފް މޯލްޑިވިއަން އެންޕްލޯޔަރސް އިން ބޭއްވި ޑައިލޮގެއްގައި ވާހަކަދައްކަވަމުން މޫސާ ސާލިހް ވިދާޅުވީ، އަޔާޓާ އިން އަންދާޒާކުރަނީ 2024 ވަނަ އަހަރު އާންމު ހާލަތަށް ދެވޭނެކަމަށެވެ. ނަމަވެސް އެއަރ އޭޝިއާ ޕެސިފިކް އިން މިއަށްވުރެ އަވަހަށް އާންމު ހާލަތައް ދެވޭނެކަމަށް ބުނާކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ކުރިން އޮތް ހާލަތައް ދެވޭނެކަމަށް އެމްއޭސީއެލްއިން އަންދާޒާކުރަނީ 2023 ގެ ކޮންމެވެސް ހިސާބެއްގައިކަމަށް މޫސާ ސާލިހް ވިދާޅުވިއެވެ. މިކަމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން މަސައްކަތްކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޯވިޑް19 ގެ ކުރިން ވީއައިއޭއަކީ މި ސަރަހައްދުގައިވެސް އޮތް އެންމެ ބިޒީ އެއް އެއަރޕޯޓެވެ. އާއްމުގޮތެއްގައި ދުވާލެއްގެ މައްޗަށް ބައިނަލްއަޤްވާމީ ސާޅީހަކަށް ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސައެވެ. އަދި އެންމެ ގިނައިން ފްލައިޓް ޖައްސާ ދުވަސްތަކުގައިވެސް ދުވާލެއްގެ މައްޗަށް ވީއައިއޭއަށް 600 އަށްވުރެ ގިނަ މަތިންދާބޯޓު ޖައްސާ ކަމަށް ވަނީ ރެކޯޑް ކުރެވިފައެވެ.

ކޯވިޑް19 ގެ ހާލަތުގައި ވީއިއޭއަށް ދުވާލެއްގެ މައްޗަށް ޖައްސަނީ 2 އިންޓަނޭޝަނަލް ފްލައިޓްކަމަށް އެމްއޭސީއެލްއިން ވަނީ މީގެކުރިން ބުނެފައެވެ. އަދި އެތެރޭގެ އުދުހުންތައްވެސް 50 ފްލައިޓުން 5 ފްލައިޓަށް މަދުވެފައިވާކަމަށްވެސް އެމްއޭސީލްއިން ހާމަކުރެއެވެ.

ކޯވިޑް19އާ ގުޅިގެން ރާއްޖެގެ ބޯޑަރު ހުޅުވާލުމަށް ތައްޔާރުވެފައިވަނީ މިމަހުގެ 15 ގައެވެ. މިހާރުވެސް ބައިނަލްއަޤްވާމީ 11 އެއަރލައިނަކުން ރާއްޖޭގެ ދަތުރު ފެށުމަށް ސްލޮޓްސް ވަނީ ރިޒާވް ކޮށްފައެވެ. އަދި އަނެއްބައި އެއަރލައިންތަކާއިއެކު މަޝްވަރާކުރަމުން އަންނަކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. ނިއު ނޯމަލްގައި ވީއައިއޭ ހުޅުވާއިރު ކޮންމެ 20 މިނެޓަކުން ފްލައިޓް ޖައްސާ ކްލިއަރަންސް ހެދޭ ވަރަށް އެމްއޭސީއެލްއިން ވަނީ ތައްޔާރުވެފައެވެ.