ޚަބަރު

ޖިންސީ ގޯނާގެ މައްސަލަތަކުގެ ތަހުޤީޤު ފުލުހުން ކުރިއަށް ގެންދިޔަގޮތް ޕީޖީ ބައްލަވަނީ


ޖިންސީ ގޯނާގެ މައްސަލަތަކުގެ ތަހުޤީޤު ފުލުހުން ކުރިޔަށް ގެންދާގޮތް ބެއްލެވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމަވައި އެމަސައްކަތް ފައްޓަވާފައިވާ ކަމުގައި ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީީ، ޖިންސީ ގޯނާގެ މައްސަލަތަކުގައި ތަޙްޤީޤުތައް ނުވަތަ އެފަދަ ކަންކަން ނުބެލޭ ކަމުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ރައްޔިތުންގެ ތެރޭގައި އެބަހުރި ކަމަށެވެ.
އަދި މައްސަލައެއް ނުބެލި ލަސްވާނަމަ އެކަން ޕީޖީ އޮފީހުގެ ސަމާލުކަމަށް ގެންނެވުމުން އެކަން ބަލަވައި، އަވަސްކުރުމަށް ފިޔަވަޅު އެޅުއްވުމުގެ ޤާނޫނީ ބާރު ޕީޖީއަށް ލިބިވަޑައިގެންފައިވާކަމަށެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، ޖިނާއީ މަސައްލައެއް ދައުލަތުގެ މުއައްސަސާއަކަށް ހުށައަޅައިގެން ބަލައި ނުދީފިނަމަ، އެމައްސަލައެއް ބެލުމަށް އެ މުއައްސަސާއެއްގެ މައްޗަށް އަމުރު ކުރުމުގެ ބާރު ޤާނޫނުން ޕީޖީއަށް ލިބިދީފައިވާ ކަމަށެވެ. އަދި އެބާރުގެ ބޭނުން ކުރައްވާނެ ކަމުގައިވެސް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، މައްސަލައެއް ހުށައަޅައިގެން ނުބެލިގެން އެކަމުގެ ޝަކުވާއެއް އޮތް ކަމަށް ވާނަމަ، ޕީޖީ އޮފީހުން އެމައްސަލައެއް ބެލޭނެ ނިޒާމްތައް މިހާރުވެސް ހުރީ ޤާއިމްކުރެވިފައި ކަމަށެވެ. އަދި އެފަދަ ޝަކުވާއެއް އޮތް ނަމަ އެކަން ހުށައެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، މިފަހުން ހުށައެޅުނު ޖިންސީ ގޯނާގެ މައްސަލަތައް، ތަހުޤީޤު ކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ދިރާސާ ކުރެއްވުމަށް ނިންމަވައި އެމަސައްކަތް މިހާރު ފައްޓަވާފައި ވާކަމަށެވެ.

"އަޅުގަނޑު މިއަދު މިފަށަނީ ޖިންސީ ގޯނާގެ މައްސަލަތައް ފުލުހުން ތަޙުޤީޤުކުރިގޮތުގެ ދިރާސާކުރުމުގެ މަސައްކަތް. އެގޮތުން މި މައްސަލަތަކުގެ ލިޔެކިޔުންތައް ފުލުހުންގެ އިދާރާއިން ހޯދައި ދިރާސާ ކުރާނަން ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި، އަދި ރަނގަޅުކުރަން ހުރިކަންކަން އަންގާނަން. މިއީ ޕީޖީއަށް ޤާނޫނުން ލިބިފައިވާ ބާރުގެ ތެރެއިން ކުރާ މަސައްކަތެއް" ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޒް ހުސައިން ޝަމީމް ވިދާޅުވިއެވެ.

ރައްުޔިތުންގެ މަޖިލީހުން މިފަދަ މައްސަލަތައް ބެލުމަށް ކުރާ މަސައްކަތްތަކުން އިންސާފަށް ހުރަސް އެޅޭތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރަނީ މަޖިލީހުގެ އިޙްތިޞާޞްގެ ތެރެއިންކަމަށް ވިދާޅުވެފައެވެ. އެގޮތުން މަޖިލީހުން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސުވާލުނުކުރާކަން ފާހަގަކުރައްވާ ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ މަޖިލީހުން މުއައްސަސާތަކުގެ ވެރިން ޖަވާބުދާރީކުރުވުމަށް ކުރާ މަސައްކަތްތަކަށް ތަޢުރީފް ކުރައްވާފައެވެ. އަދި ބައެއް ނޫސްތަކުން މަޖިލީހުގެ މަސައްކަތް ގެނައުމުގައި ހަޤީޤަތާއި ޚިލާފު ޚަބަރު ފެތުރުން ހުއްޓާލުމަށް ޕީޖީ އެދިވަޑަގެންނެވިއެވެ،