ޚަބަރު

ކުއްޖާ އުފަންވުމާއެކު 24 ގަޑިއިރުތެރޭގައި ރަޖިސްޓްރީ އައި އުފަންދުވަހުގެ ސެޓްފިކެޓް ލިބޭގޮތަށް ހަމަޖައްސައިފި


އީ-ކައުންސިލްގެ "ގެމަން" ނިޒާމުގެ ދަށުން ރާއްޖޭގައި އަލަށް އުފަންވާ ކުދިންގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓް 24ގަޑިއިރު ތެރޭގައި ލިބޭގޮތަށް ހަމަޖައްސައިފިއެވެ.

އީ-ކައުންސިލްގެ "ގެމަން" މޮޑިއުލަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އިސްނެންގެވުމުގެ ދަށުން މާލެ ސިޓީ ކައުސިލާއި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އެންސީއައިޓީއާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގުޅިގެން ޤާއިމްކޮށްފައިވާ ޚިދުމަތެކެވެ.

"ގެމެން"މޮޑިއުލް ތަޢާރަފްކުރުމަށް ވަނީ ސްޓެލްކޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ގެމަން މޮޑިއުލް ތަޢާރަފްކުރުމާއެކު ރާއްޖޭގައި ވިހާ ކުދިންގެ ރަޖިސްޓްރީއާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެދުމުގެ މަސައްކަތް މިހާރު މިވަނީ ޑިޖިޓަލް ވެފައެވެ.

އެގޮތުން ކޮންމެ ކުއްޖަކު އުފަންވާ ހިސާބުން އެކުއްޖަކު، އުފަންވާ ހޮސްޕިޓަލުން ފޫޅުމައި ފޯމް އޮންލައިންކޮށް "ގެމަން" މޮޑިއުލަށް އަޕްލޯޑުކުރުމުން ކަމާބެހޭ ފަރާތްތަކުން ކުއްޖާގެ ރެޖިސްޓްރީއާއި އުފަން ދުވަހުގެ ސެޓްފިކެޓް ހަދާނެއެވެ. "ގެމަން" މޮޑިއުލް މިވަގުތު އަދި ބޭނުންކުރާނީ ހަމައެކަނި މާލޭގައެވެ. އެހެންނަމަވެސް ވަރަށް އަވަސް މުސްތަޤުބަލެއްގައި މިޚިދުމަތް އަތޮޅުތަކުގެ ރަށްރަށުގައިވެސް ދޭނެކަމަށް އެލްޖީއޭއިން ވިދާޅުވެއެވެ.

އުފަންވާ ކުދިންގެ މަޢުލޫމާތުގެ އިތުރުން މަރުވާ މީހުންގެ މަޢުލޫމާތާއި އޭގެ ތަފްސީލްވެސް ކަމާބެހޭ ފަރާތްތަކުން ދާނީ ވަގުތުން މިސިސްޓަމަށް އަޕްޑޭޓްކުރަމުންކަމަށް މަޢުލޫމާތު ލިބެއެވެ.

މި މޮޑިއުލް ތަޢަރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ އަލަށް އުފަންވާ ކުދިން ރަޖިސްޓްރީ ކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމުގައި ޢާއްމު ރައްޔިތުން މިހާތަނަށް އުފުލަމުންދިޔަ ތަކުލީފު، "ގެމަން" މޮޑިއުލްގެ ސަބަބުން، ވަރަށްބޮޑަށް ކުޑަވާނެކަމަށެވެ.

"ހުރިހާ ގޭގޭ ރަޖިސްޓްރީ ލިޔެކިއުންތައް މިދަނީ އަޅަމުން. ގޭގައި ރަޖިސްޓްރީ ކުރަންވެސް، ބާތު ސެޓްފިކެޓް ހަދަންވެސް ފިޔާތޮށި ރަޖިސްޓްރީ ހޯދަން ނުޖެހޭނެ. އަތޮޅުތެރޭ ވިއުގައާ ގުޅުނީމަ، މިހާރު ކުރާ މަސައްކަތް ކޮންމެ ރަށަކަށް މައުލޫމަތު ހޯދަން ކުރާ މަސައްކަތް ފަސޭހަ ވާނެ، 24 ގަޑިއިރު ތެރޭގައި ރަޖިސްޓްރޭޝަން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހަދާ ނިމޭނެ. މިއަދުން ފެށިގެން މާލޭގައި ވިހާ އެއްވެސް ކުއްޖަކު ފޫޅުމައި ފޯމު އުފުލަން ނުޖެހޭނެ، އައިޑީކާޑު އަސްލު ގެންނަން ނުޖެހޭނެ އެލްޖީއޭގެ ފަރާތުންނާއި އެންސީއައިޓީގެ ފަރާތުން ކައުންސިލްގެ މި ވިއުގަ މެދުވެރިކޮށް ދެން އެޚިދުމަތްތައް ފަސޭހައިން ލިބޭނެ." ސިފާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަޙްމަދު ވިދާޅުވީ މިއީ ދުވަހުން ދުވަހަށް ޤައުމުގެ އާބާދީގެ އަރުޝީފް ޑިޖިޓަލްކޮށް އަޕްޑޭޓްވެ، ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.

"ގެމެން މޮޑިއުލް ޕޯޓަލް އަކީ އީ ކައުންސިލްގެ މުހިންމު ބައެއް. މީގެ ސަބަބުން ދުވަހުން ދުވަހަށް އާބާދީ އަޕްޑޭޓް ވަމުން ދާނީ. ހޮސްޕިޓަލަކުން ކުއްޖަކު އުފަންވާ ހިސާބުން ފެށިގެން ސިސްޓަމް ތެރެއިން މައުލޫމާތު އަޕްޑޭޓްވެ، ތަރުތީބު ވެގެން ދާނީ. މީގެ ސަބަބުން ތާރީޙީގޮތުން މައުލޫމާތު ފަހަށް ރައްކާކުރުމަށް މަގުފަހި ވެގެންދާނެ. ދައުލަތުގެ ހުރިހާ މައުލޫމާތެއް އަރްޝީފް ވެގެން ދާނެ." ޝަރީފް ވިދާޅުވިއެވެ.

އީ-ކައުންސިލް އަކީ އެލްޖީއޭގެ އިސްނެންގެވުމުގެ މަތިން ކައުންސިލްތަކުގެ ހިންގެން ހަރުދަނާކޮށް، ތަފާސްހިސާބާއި ލިޔެކިއުން ބަލަހައްޓައި އަރްޝީފްކޮށް، ރަށްވެހި ޚިދުމަތް ފޯރުކޮށްދީ، ކައުންސިލްތަކުން އެއްކުރާ މައުލޫމާތު އެކި މުއައްސަސާތަކުގެ މެދުގައި ބަދަލުކުރުން ފަސޭކަކުރުމަށް ޤާއިމުކުރި ނިޒާމެކެވެ.