ޚަބަރު

ފަންނީ އެހީ ފޯރުކޮށް ދިނުމަށް ޕީއެސްއެމް އާއި އައިޔޫއެމްއިން ފަހުމުނާމާއެއްގައި ސޮއިކޮށްފި


ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމް ގެ މެދުގައި ފަންނީ އެހީ އާއި ތަޖުރިބާ ބަދަލުކޮށް ގުޅިގެން މަސައްކަތް ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިއަދު މެންދުރު ފަހު ޓީވީ ބިލްޑިންގްގައި އޮތް ރަސްމިއްޔާތެއްގައި ޕީއެސްއެމްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަލީ ޚާލިދެވެ. އަދި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ.

ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ އަލީ ޚާލިދު ވަނީ މިފަހުމުނާމާގެ ދަށުން ޕީއެސްއެމްގެ ޕްރޮގްރާމްތަކުގެ ކޮންޓެންޓް މުއްސަނދިވެގެންދާނެކަމަށް ވިދާޅުވެފައެވެ. ޕީއެސްއެމްއިން އަބަދުވެސް މަސައްކަތްކުރަނީ ކަމުގެ ތަޖުރިބާކާރުންގެ އެހީއާއިއެކު އެންމެ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށްކަން ފާހަގަކުރައްވާ އަލީ ޚާލިދު ވަނީ މި އެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުން އައިޔޫއެމްގެ ތަޖުރިބާކާރުން މެދުވެރިކޮށްގެން ތަފާތު ޕްރޮގްރާމްތައް ގެނެސް ދިނުމަށް ނިންމަވާަފައިވާ ކަން ހާމަކުރައްވާފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ މުވައްޒަފުން ތަމްރީނުކުރުމަށް އެއްބަސްވެފައިވާކަމަށްވެސް ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ތަޖުރިބާކާރުން މެދުވެރިކޮށް ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމަށް. އެގޮތުން ޓެލެވިޜަން މޯލްޑިވްސްގެ 4 ޗެނަލްއާއި އަޑުގެ 3 ޗެނަލްމެދުވެރިކޮށް މި ކޮންޓެންޓް ގެނެސްދޭނަން. މިއީ އަޅުގަނޑުމެންގެ ޕްރޮގްރާމްތައް މުއްސަނދިވެގެން ދާނެކަމެއް" ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވިއެވެ.

އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، ރައްޔިތުންނަށް ޢިލްމީ އަދި ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަކީ އެ ޔުނިވަރސިޓީގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. މި އަމާޒު ހާސިލްކުރުމަށް ޕީއެސްއެމް ޗެނަލްތަކުގެ އެއްބާރުލުން ލިބުމަކީ ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވިއެވެ. އަދި އަލަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށްވުރެ ފުޅާ ދާއިރާއެއްގައި ތަފާތު އުކުޅުތައް ބޭނުންކޮށްގެން މަޢުލޫމާތު ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އައިޔޫއެމްގެ ވައިސް ޗާންސެލަރ ދެއްވިއެވެ.

" މި އަމާޒު ހާސިލްކުރުމަށް ޕީއެސްއެމް ޗެނަލްތަކުގެ އެއްބާރުލުން ލިބުމަކީ ލިބުނު ބޮޑު ކުރިއެރުމެއް. އަޅުގނޑުމެންގެ ތަޖުރިބާ އާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ލިބުނު ރަނުގެ ފުރުސަތެއް މީ. މިއާއިއެކު ކުރިއަށްވުރެ ފުޅާ ދާއިރާއެއްގައި ތަފާތު އުކުޅުތައް ބޭނުންކޮށްގެން މަޢުލޫމާތު ފޯރުކޮށްދިނުމަށް އަމާޒުކުރަނީ" އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވިއެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމް ގުޅިގެން މަސައްކަތް ކުރުމަށް ސޮއިކޮށްފައިވަނީ 1 އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.