އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކަކީ އެ ޤައުމުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅޭގޮތުން ގޮތެއް ނިންމުމާބެހޭ މަޝްވަރާތަކުގައި އެކަމާ ގުޅޭގޮތުން އަވަސް ނިންމުމަކާ ހަމައަށް އާދެވިދާނެކަމަށް ޤަބޫލުނުކުރައްވާކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ގަބީ އަޝްކެނާޒީ ވިދާޅުވެއްޖެއެވެ.
މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕުވަނީ އިސްރާއީލަށް ފައިދާވާގޮތަށް ޞުލްޙައިގެ މަޝްރޫޢެއް އިޢުލާނުކުރައްވާ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް ކަނޑައަޅުއްވާފައެވެ. އެ މަޝްރޫޢުގެ ދަށުން 1949ވަނަ އަހަރާއި 1967ވަނަ އަހަރު ޢަރަބިންނާ ދެކޮޅަށް ކުރި ހަނގުރާމަތަކުގައި އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ހުރިހާ ބިމަކާއި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ވަރަށް ބޮޑު ބައެއް ލިބެނީ އިސްރާއީލަށެވެ. ފަލަސްޠީނުގެ އަމިއްލަ މިނިވަން ދަޢުލަތެއް އުފެއްދުމަށް ނިންމަވާފައިވަނީ އެކި ސަރަޙައްދުތަކަށް ބެހިފައިވާ ވަރަށް ކުޑަ ބިންކޮޅެކެވެ. އެ މަޝްރޫޢާ ދެކޮޅަށް ގިނަ ޤައުމުތަކަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން އަޑުއުފުލިނަމަވެސް އިސްރާއީލުންވަނީ އެ މަޝްރޫޢު ކުރިއަށްދާނެކަމަށް ބުނެފައެވެ.
އިސްރާއީލުގެ ރޭޑިޔޯއަކަށް ދެއްވި ބަސްދީގަތުމެއްގައި ވެރިކަންކުރާ އިއްތިޙާދުގައި ހިމެނޭ ބުލޫ އެންޑް ވައިޓު ޕާޓީއަށް ނިސްބަތްވަޑައިގަންނަވާ ގަބީ އަޝްކެނާޒީ ވިދާޅުވީ ޖުލައި މަހުގެ 1ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާތައް ފެށިނަމަވެސް މައްސަލައަކާ ގުޅޭގޮތުން އަވަސް ނިންމުމަކާ ހަމައަށް އާދެވޭނެކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަތީ ތަޢުލީމާބެހޭ ވަޒީރު ޒީވު އެލްކިންވެސްވަނީ އެ މޭރުމުން ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ ފަލަސްޠީނުގެ ބިންތައް އިސްރާއީލުގެ ބަޔަކަށް ހެދުމަށް އެމެރިކާގެ ފެހި ސިގުނަލު ލިބިފައިނުވާކަމަށާއި ޖުލައި މަހުގެ 1ވަނަ ދުވަހު އެ މައްސަލައަށް މާބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ނުބެލެވޭކަމަށެވެ. އެކަމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްވެސް މިހާތަނަށް ތާވަލުކޮށްފައެއް ނުވެއެވެ.