ޚަބަރު

ޞުލްޙަ ޤާއިމުކުރުމާ ގުޅޭގޮތުން ޠާލިބާނުންނާއި އެމެރިކާ މަޝްވަރާކޮށްފި


އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމްކުރުމާ ގުޅޭގޮތުން ޤަޠަރުގައި ހުންނަ ޠާލިބާނު ޖަމާޢަތުގެ ސިޔާސީ އޮފީހުގެ ވެރިޔާ މުއްލާ ޢަބްދުލް ޣަނީ ބަރަދާރާއި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯއާ ދެމެދު ވީޑިޔޯ މެދުވެރިކޮށް މަޝްވަރާކޮށްފިއެވެ.

އަފްޣާނިސްތާނަށް ޞުލްޙަ ގެނައުމަށް ޠާލިބާނު ޖަމާޢަތާއި އެމެރިކާއާ ދެމެދު މިދިޔަ ފެބްރުއަރީ މަހު ޤަޠަރުގެ ވެރިރަށް ދޯހާގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން އެމެރިކާ ސިފައިންނާއި ގުޅިފައިވާ އަސްކަރީ އިއްތިޙާދުގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތްވަނީ ފަށައިފައެވެ. އެއްބަސްވުމުގައިވާގޮތުން އަފްޣާނިސްތާނުގައި ތިބި އެމެރިކާއާއި ނޭޓޯގެ އަސްކަރީ ފައުޖުތައް ވަކި މުއްދަތެއްގެ ތެރޭގައި އެޤައުމުން ފައިބާނެއެވެ. އަދި އެމެރިކާއާއި އެ ޤައުމަށް ވާގިވެރިވާ ޤައުމުތަކަށް ބިރުދެއްކުމަށް އަފްޣާނިސްތާނު ބޭނުން ނުކުރުމަށް ހަނގުރާމަވެރި ޖަމާޢަތްތަކުންވަނީ އެއްބަސްވެފައެވެ.

ޠާލިބާނުންގެ ތަރުޖަމާނު ސުޙައިލް ޝާހީން ބުނީ ޖޫން މަހުގެ 29ވަނަ ދުވަހު މުއްލާ ބަރަދާރާއި ޕޮންޕެއޯއާ ދެމެދު ކުރި މަޝްވަރާތަކުގައި ދޯހާގެ އެއްބަސްވުން ތަންފީޒުކޮށް އަފްޣާނިސްތާނުގައި ތިބި ބޭރުގެ ހުރިހާ ސިފައިން އެ ޤައުމުން ފޭބުމާ ގުޅޭގޮތުން ވާހަކަދައްކަވައިފައިވާކަމަށެވެ. އެއްވެސް ޤައުމަކަށް ޙަމަލާ ދިނުމަށް އަފްޣާނިސްތާނުގެ ފަސްގަނޑު އެއްވެސް ފަރާތަކުން ބޭނުންކުރަން ނުދޭނެކަމުގެ ޔަޤީންކަން ބަރަދާރު ދެއްވާފައިވާކަމަށް އޭނާ ބުންޏެވެ. އަދި އަފްޣާނިސްތާނުގެ ދާޚިލީ ހަމަޖެހުމާއި ޙަމަލާ ބަދަލުކުރުން މަދުކުރުމާއި ޤައިދީން ދޫކޮށްލުމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށް އޭނާ ބުންޏެވެ.

އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާނުންނާ ދެމެދު މާރިޗު މަހު ފަށަން ހަމަޖެހިފައިވާ މަޝްވަރާތައްވަނީ ޙަމަލާ ބަދަލުކުރުން އިތުރުވުމުގެ ސަބަބުންނާއި ޤައިދީން ބަދަލުކުރުމުގައި އުފެދިފައިވާ ތަފާތުތަކުގެ ސަބަބުން ވަރަށް ބޮޑަށް ލަސްވެފައެވެ. ޝަހީން ބުނީ އެއްބަސްވެފައިވާ ޢަދަދަށް އަފްޣާނިސްތާނުގެ ސަރުކާރުން ޤައިދީން މިނިވަންކޮށްފައިނުވާތީ އިތުރު ލަސްތަކެއް ކުރިމަތިވަމުންދާކަން ޕޮންޕެއޯގެ ސަމާލުކަމަށް ގެންނަވާފައިވާކަމަށެވެ. އަދި ޙަމަލާ ދިނުން އިތުރުވެފައިވަނީ އަފްޣާނިސްތާނުން އިސްވެ ޙަމަލާ ދޭތީކަމަށް އޭނާ ބުންޏެވެ. ފަހުގެ ތާރީހެއްގައި ބޮޑެތި ސިޓީތަކަށާއި އަސްކަރީ މަރުކަޒުތަކަށް ޠާލިބާނުން ޙަމަލާ ދީފައިނުވާކަން މަޝްވަރާގައި ޕޮންޕެއޯވަނީ ފާހަގަކުރައްވާފައިވާކަމަށް އޭނާ ބުންޏެވެ.

ޠާލިބާނާއެކު ކުރި މަޝްވަރާތަކާ ގުޅޭގޮތުން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މޮގަން އޯޓަގަސް ވިދާޅުވީ އެމެރިކާއިން ޠާލިބާނުންގެ ފަރާތުން ބޭނުންވަނީ ކޮންކަމެއްކަން ޕޮންޕެއޯ ސާފުކޮށްދެއްވާފައިވާކަމަށާއި އޭގެ ތެރޭގައި އެމެރިކާގެ މީހުންނަށާއި މުދަލަށް ޙަމަލާ ނުދިނުން ހިމެނޭކަމަށެވެ.

ޠާލިބާނުންނާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންނަށް ޙަމަލާ ދިނުމަށް ރަޝިޔާއިން ޠާލިބާނުންނަށް އިނާމު ހުށަހަޅާފައިވާކަމަށާއި އެކަން އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕުގެ ސަމާލުކަމަށް ގެނެސްފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެ ތުހުމަތުތައް ރަޝިޔާއިންނާއި ޠާލިބާނުންވަނީ ދޮގުކޮށްފައެވެ. އަދި އެފަދަ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިނުވާކަމަށް ޓްރަންޕުވަނީ ވިދާޅުވެފައެވެ.