ޚަބަރު

ވިލާތުގެ އިއްތިޙާދުން އެކުލަވާލި ދަތުރުކުރުން ރައްކާތެރި ޤައުމުތަކުގެ ލިސްޓުގައި އެމެރިކާ ނުހިމެނޭ


ވިލާތުގެ އިއްތިޙާދުން އެކުލަވާލި ދަތުރުކުރުން ރައްކާތެރި ޤައުމުތަކުގެ ލިސްޓުގައި އެމެރިކާ ނުހިމަނަން ނިންމައިފިއެވެ.

ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރޭ ޤައުމަކީ އެމެރިކާގައެވެ. އެ ޤައުމުގައި 2،272،996 މީހުންނަށް ބަލި ޖެހި، 130،123 މީހުންވަނީ މަރުވެފައެވެ. ދުވާލެއްގެ މައްޗަށް 40،000އަށްވުރެ ގިނަ މީހުންނަށް އެ ޤައުމުގައި ބަލި ޖެހެއެވެ.

ޒަރޫރީ ބޭނުންތަކުގެ ބޭރުން ވިޔަފާރިއާއި އެހެނިހެން ބޭނުންތަކަށް ދަތުރުކުރުން ރައްކާތެރި ޤައުމުތަކުގެ ލިސްޓެއް ވިލާތުގެ އިއްތިޙާދުންވަނީ އެކުލަވާލައިފައެވެ. އެ ލިސްޓުގައި ހިމެނެނީ 14 ޤައުމެކެވެ. އެއީ އަލްޖީރިޔާއާއި އޮސްޓްރޭލިޔާއާއި ކެނެޑާއާއި ޖޯޖިޔާއާއި ޖަޕާނާއި މޮންޓެނެގްރޯއާއި މޮރޮކޯއާއި ނިއު ޒީލެންޑާއި ރުވަންޑާއާއި ސާބިޔާއާއި ދެކުނު ކޮރެޔާއާއި ތައިލެންޑާއި ތޫނީސިޔާއާއި އުރުގުއޭއެވެ.

ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކުން ޗައިނާއަށް ދަތުރުކުރުމުގެ ޙުއްދަ ދޭނަމަ ލިސްޓުގައި ޗައިނާ ހިމެނުމަށްވެސްވަނީ ނިންމާފައެވެ. އެ ލިސްޓުގައި ހިމެނަނީ ދެ ފަރާތުންވެސް ދަތުރުކުރުމުގެ ޙުއްދަ ދޭން އެއްބަސްވާ ޤައުމުތައް އެކަންޏެވެ. ހަލުވިކަމާއެކު ކޯވިޑް-19 ފެތުރޭ ރަޝިޔާއާއި ބުރެޒިލާއި ތުރުކީވިލާތާއި އެމެރިކާގައި ކޯވިޑް-19 ފެތުރޭ މިންވަރު ވިލާތުގެ ޤައުމުތަކަށްވުރެ އިތުރުވުމުން އެ ޤައުމުތަކަށް ދަތުރުކުރުމުގެ ޙުއްދަ ދިނުމުގެ ކުރިން އިތުރު ދެ ހަފުތާއަށް ބަލާނެއެވެ.

ދަތުރުކުރުމުގެ ޙުއްދަ ދިނުމުގެ މައިގަނޑު ބޭނުމަކީ ވިލާތުގެ ފަތުރުވެރިކަން ކުރިއަރުވައި ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވިލާތުގެ ދެކުނުގެ ސަރަޙައްދުތަކުގެ ފަތުރުވެރިކަން ކުރިއަރުވައި އިޤްތިޞާދީ ޙަރަކާތްތައް ކޮޅަށް ޖެހުމެވެ. ވިލާތުގެ އިއްތިޙާދުން އެކުލަވާލި ދަތުރުކުރުން ރައްކާތެރި ޤައުމުތަކުގެ ލިސްޓަކީ ހަމައެކަނި ލަފައެއްކަމުން ލިސްޓުގައި ހިމެނޭ 14 ޤައުމުން އެތެރެވާ މީހުންނަށް އިތުރު ހުރަސްތަކެއް ކަނޑައެޅުމަކީ އެކަށީގެންވާކަމެކެވެ.

ވިލާތުގެ އިއްތިޙާދުގެ ނިންމުން އިޢުލާނުކުރުމުން ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އިޓަލީވިލާތުން ބުނީ ޝެންގެން ސަރަޙައްދުގައި ހިމެނޭ ޤައުމުތައް ފިޔަވައި އެހެން ހުރިހާ ޤައުމަކުން އިޓަލީވިލާތަށް ދަތުރުކުރާ މީހުން ކަރަންޓީނުވާން ޖެހޭގޮތަށް އޮންނަ އުޞޫލު ދަމަހައްޓާނެކަމަށެވެ. ވިލާތުގެ ޤައުމުތަކުގެ ދަތުރުވެރިންނަށް ވިލާތުގެ ބައެއް ޤައުމުތައް ހުޅުވަން ބޭނުން ނުވާތީ ވިލާތުގެ އެތެރޭގެ ސަރަޙައްދީ ރޮނގުތައް ހުޅުވަން ވިލާތުގެ އިއްތިޙާދުން ކުރަމުންދާ މަސައްކަތަށްވަނީ ހުރަސްއެޅިފައެވެ.