ކުޅިވަރު

ހދ. ކުމުންދޫގައި އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި


ހދ. ކުމުންދޫގައި، ސަރުކާރުން އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންމެ ކޮމިއުނިޓީ އެމްޕަވަރމެންޓުން މިދިޔަ އަހަރުގެ ތެރޭގައި ކުމުންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ޢިއުލާންކޮށްގެން ކުރިއަށްގެންދިއުމުގެ ހުއްދަ ދިނުމާއިއެކު ކުމުންދޫ ކައުންސިލުން ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ތްރިޕަލް އެއިޓް ކުންފުންޏާއި ހަވާލުކޮށްގެންނެވެ. ދަނޑުގެ މަސައްކަތް ނިންމާލާފައިވަނީ، ޓާފްގެ މަސައްކަތުގެ އިތުރުން ލައިޓް ހަރުކޮށް ރޭގަނޑުވެސް ދަނޑުގައި ކުޅޭވޭނެގޮތަށެވެ.

ކުމުންދޫގެ ދަނޑުގެ މަސައްކަތް ނިންމާލިކަން ޢިއުލާން ކުރައްވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، މިއީ ކުމުންދޫގެ ޒުވާނުން އެންމެ ބޮޑަށް ނިންމާލަން ބޭނުންވި މަސައްކަތެއް ކަމަށާއި، މި ދަނޑަކީވެސް ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމަކަށް މަގުފަހިކުރުމަށް އެރަށުގެ ރައްޔިތުން ބޭނުންކުރާނެ ތަނެއްކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި މަސައްކަތް ކުރިއަށް ގެންދިއުމުގައި ކުމުންދޫ ކައުންސިލާއި ރައްޔިތުންގެ މަޖިލީހުގެ ކުމުންދޫ ދާއިރާގެ މެމްބަރ މުޙައްމަދު ރާއީ ދެއްވި އެހީތެރިކަމަށް މިނިސްޓަރ އަޙުމަދު މަހުލޫފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފާއިތުވި އަހަރުގެ ތެރޭގައި ޔޫތް މިނިސްޓްރީއިން އަތޮޅުތެރޭގެ ގިނަ ރައްތަކެއްގައި އަޅަންފެށި ފުޓަސަލް ގިނަ ދަނޑުތަކެއްގެ މަސައްކަތް މިހާރު އަންނަނީ ނިންމާލައި އެރައްރަށުގެ ކައުންސިލްތަކާއި ހަވާލުކުރަމުންނެވެ.