ކުޅިވަރު

އަންނަ މަހު ޗައިނާއާ ރާއްޖެ ކުޅޭ މެޗް ޗައިނާގައި


ވޯލްޑްކަޕް ކޮލިފިކޭޝަންގައި އަންނަ މަހު 8 ގައި
ރާއްޖެއާ ޗައިނާޔާ ބައްދަލްކުރާ މެޗް ޗައިނާގައި ކުޅެ، އަންނަ އަހަރު ރާއްޖޭގައި
ޗައިނާޔާ ދެކޮޅަށް ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.



ރާއްޖެއާ ޗައިނާ އަންނަ މަހު ކުޅޭ މެޗް އަސްލު
ހަމަޖެހިފައި އޮތީ ރާއްޖޭގެ ހޯމް މެޗުގެ ގޮތުގަ އެވެ. އެހެންނަމަވެސް ގަލޮޅު ރަސްމީ
ދަނޑުގެ ވިނަގަނޑު ހަލާކުވެފައިވާތީ އެ ތާރީޙުގައި ރާއްޖޭގެ މެޗް ނުކުޅެވޭނެކަން ވަނީ ޔަގީންވެފަ އެވެ.



އެހެންކަމުން އެފް.އޭ.އެމް އިން ވަނީ
ވާހަކަދައްކަންޖެހޭ ފަރާތްތަކާއި ވާހަކަދައްކައިގެން ރާއްޖޭގެ ހޯމް މެޗް ޗައިނާގެ
ހޯމް މެޗުގެ ގޮތުގައި ހަމަޖައްސައި، އަދި ޗައިނާގެ ހޯމް މެޗް ރާއްޖޭގެ ހޯމް މެޗުގެ
ގޮތުގައި ހަމަޖައްސާފައެވެ. ރާއްޖޭގައި ޗައިނާޔާ ބައްދަލްކުރާ މެޗް ކުޅުމަށް
ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ ސައުވީސްވަނަ ދުވަހު އެވެ.



ރާއްޖޭގެ ޤައުމީ ޓީމްގެ ކޯޗުގެ ގޮތުގައި ހުރި
ވެލިޒަރ ޕޮޕޯވް ވަނީ މިމަހު އިސްތިއުފާ ދީފަ އެވެ. އެއާއެކު ޗައިނާ މެޗަށް ރާއްޖޭގެ
ތަމްރީންތަށް ކުރިޔަށްދާނީ ވަގުތީ ކޯޗް އިސްމާއިލް މަހުފޫޒްގެ އިރުޝާދުގެ
ދަށުންނެވެ.



މި މެޗަށް
ތައްޔާރުވުމުގެ ގޮތުން މި މަހު 24ގައި ރާއްޖޭގެ ޓީމް ފިލިޕީންސްއަށް ޓްރެއިނިން
ކޭމްޕެއްގައި ފުރާނެ އެވެ. އަދި ރަޙުމަތްތެރިކަމުގެ މެޗެއްގައި އަންނަ މަހުގެ 3ވަނަ
ދުވަހު ފިލިޕީންސްއާއެކު ރާއްޖެ ކުޅޭނެ އެވެ.