ޚަބަރު

މަޖިލިސް ކްލަބުން، މަޖިލީހުގައި ރެސްޓޯރެންޓަކާއި ޖިމަކާއި ފިހާރައެއް ހުޅުވަނީ


ރައްޔިތުންގެ މަޖިލީހުގެ ސޯޝަލް ކްލަބުން މަޖިލީހުގައި ރެސްޓޯރެންޓާއި، ޖިމް އަދި ފިހާރައެއްގެ ޙިދުމަތް ދިނުމަށް ނިންމަވާފަވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގު ސޯޝަލް ކްލަބުން މަޖިލީހުގައި ކުރުމަށް ރާވާފައިވާ ކަންތައްތަކާއި ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވަހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ކްލަބުގެ މިނިންމުމަކީ މަޖިލީހުގެ މުވައްޒަފުންނަށާއި، މެމްބަރުންނަށް ވަރަށްބޮޑު ފަސޭހަތަކެއް ވެގެންދާނެކަމެއްކަމަށެވެ. މަޖިލީހުގެ އައު އިމާރާތުގައި މިތަންތަން ޤާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، ވަރަށް އަވަހަށް މިތަންތަނުގެ ޙިދުމަތް ދޭން ފަށާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގައި ޤާއިމްކުރާ ޖިމާއި ރެސްޓޯރެންޓާއި ފިހާރައަކީ އާންމުނަށްވެސް އެތަންތަނުގެ ޙިދުމަތް ދެވޭގޮތަށް ހުޅުވާލާތަންތަނެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގައި ހުޅުވާ ފިހާރައިން މަޖިލީހުގެ ޔަޢުމިއްޔާއާއި، ބައެއް ރިޕޯޓްތަކާއި، އެހެނިހެން ތަކެތިވެސް ވިއްކުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މަޖިލީހުގެ ރެސްޓޯރެންޓުގައި މެމްބަރުންނަށް އެދާއިރާގެ ރައްޔިތުންނާއިއެކީގައި ސައިފޮދު ހިއްޕެވުމާއި، ކެއުމުގެ ކަންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސޯޝަލް ކްލަބުންވަނީ މިހާރު މިތަނުގައި ރެސްޓޯރެންޓެއް ޤާއިމްކުރަން ނިންމާފަ. އެކަންކުރަނީ އާއިމާރާތުގެ ޓެރަހުގައި، ރެސްޓޯރެންޓާއިއެކީ، ކްލަބް ޖިމް، އަދި ފިހާރައެއް ހުޅުވިގެންދާނެ. މި ފިހާރައިން މަޖިލީހުގެ ޔައުއްމިޔާއާ މަޖިލިސް ރިޕޯޓްތައް ބައްލަވައިގަންނަން ލިބޭނެ. އަދި އެނޫން ބައެއް ބާވަތްތަކުގެ ތަކެތިވެސް ލިބެން ހުންނާނެ" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގައި ހަމަޖައްސާ އިންތިޒާމުތަކަށް އިޝާރާތް ކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިހާރު މަޖިލީހުގެ އައު އިމާރާތުގައި ކޮންމެ މެމްބަރަކަށްވެސް ޚާއްސަ އޮފީހެއް ތައްޔާރުކޮށްފައިވާކަމަށެވެ. މެމްބަރުން ބޭނުންވާނަމަ އެމެމްބަރެއްގެ ދާއިރާގެ ކަންކަން ބެލެހެއްޓުމަށް މުވައްޒަފެއް ކަނޑައަޅައި އެ އޮފީހުގައި މަސައްކަތް ކުރެވޭނެކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި މަޖިލީހުގައި ގާއިމްކޮށްފައިވާ ކޮމިޓީތަކުގެ މުޤައްރިރުންނަށް ޚާއްޞަކޮށްފައިވާ ކޮމިޓީތަކުގައިވެސް މަޖިލިސް ފެށުމުގެ ކުރިން އިދާރީ މުވައްޒިފުންނާއިއެކު އެދުވަހެއްގެ ކަންކަން މަޝްވަރާ ކުރުމަކީވެސް މުހިންމުކަމެއްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"މިހާރުވަނީ މެމްބަރުންގެ އޮފީސް މަސައްކަތް ކުރެވޭނެ ތަންތަން އާއިމާރާތުގައި ގާއިމްކުރެވިފަ. މެމްބަރުންނަށް ފުރުސަތު އެބައޮތް، މެމްބަރުންގެ މުވައްފިކު އޮފީހަށް ކަނޑައަޅައި މަސައްކަތް ކުރަން. އެއްވެސް މެމްމަބަރަކު އަދި އެކަން ނުކުރޭ. މުޤައްރިރުންގެ ކޮމިޓީތައްވެސް ހުރީ ތައްޔާރުވެފަ. މަޖިލިސް ފެށުމުގެ ކުރިން މަޖިލިސް ސްޓާފުންނާއިއެކު މަޝްވަރާކުރެއްވައި ދުވަހުގެ ކަންކަން ރާވާލުން އެއީ ބުއްދިވެރި ގޮތެއް" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ކްލަބުގެ ޤަވާއިދުގައިވާގޮތުން އެކުލަބުގައި ބައިވެރިވެވޭނީ މަޖިލީހުގެ މެމްބަރުންނަށާއި އިދާރީ މުވައްޒަފުންނަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް ވަނީ މިކަން ދުނިދޭޔެ އެހެން ޤައުމުތަކުގައިވެސް އޮންނަގޮތަށް ކުރީގެ މެމްބަރުންނަށާއި، މަޖިލީހުގެ އިދާރީގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކޮށް ރިޓަޔާ ކުރައްވާފައިވާ ބޭފުޅުންނަށް ފުރުޞަތު ދިނުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވެފައެވެ.

ނުކުރޭތަ

ފޮނުވާ ޚިޔާލުތައް ޕަބްލިޝް ނުކުރޭތަ؟