ޚަބަރު

މަޖިލިސް ނޫންތަނެއްގައި ހަޤީޤީ ސިޔާސީ ހަރަކާތް ނުހިނގާނެ، އިދިކޮޅުން މަޖިލީހަށް ވަޑައިގަންނަވާ


ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ހަރަކާތްތައް ހިންގުމަށް ރައްޔިތުން އިންތިޚާބް ކޮށްފައިވާ މެމްބަރުން ތިބޭ ތަނަށްވާއިރު، އިދިކޮޅު މެމްބަރުންވެސް މަޖިލީހަށް ވަޑައިގެން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދެވުމަށް މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެންބަރުންގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހަކީ ސިޔާސީ ހަރަކާތް ހިންގުމަށް އޮތް އެމްމެބޮޑު އެއްމުވައްސަސާކަމަށެވެ. މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެމްބަރުން ޖަލްސާތަކަށް ވަޑައިނުގަނެ، ގޭގައި ތިއްބެވުމަކީ ޒިންމާދާރުކަމެއް ނޫންކަމަށެވެ. މަޖިލީހަކީ ސިޔާސީ ގޮތުން ދިމާވާކަންކަމުގައި ބަހުސްތަކާއި، ޒުވާބުތަކާއިއެކުގައިވެސް ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަންކަން ނިންމަމުންދާ ތަނެއްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"ވާދަވެރިންގެ ކިބައި އަނެއްކާވެސް އަޅުގަނޑު އެދެންބޭނުން މިމަޖިލީހަށް ވަޑައިގަންނަވާށޭ، މިމަޖިލީހުގައި ނޫންތަނެއްގައި ހަގީގީ ސިޔާސީ ހަރަކާތް ނުހިގާނެ. ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގެވުމުގައި ބައިވެރިވެ ވަޑައިގަންނަވާ އެދިވަޑައިގަންނަވާކަމީ އަޅުގަނޑުގެ ހިތުގައި ޗައްކު އުފެދޭ ކަމެއްނޫން. އަޅުގަނޑުމެން ހުރިހާ ސިޔާސީ ޕާޓީއަކުންވެސް މިމަސައްކަތް ކުރަނީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް. އަޅުގަނޑަށް ޔަގީން ކަށަވަރު މަޝްވަރާއާއި، ބަހުސްއާއި، އަދި ބައެއްފަހަރު ހޫނު ޒުވާބާއިއެކުގައި މިރާއްޖޭގައި ރައްޔިތުންނަށް ހެވާއި ލާބަޔާއި މަންފާ ވާގޮތަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާތަކަށް އިދިކޮޅު މެމްބަރުން ވަޑައިގަތުން ހުއްޓާލާފައިވަނީ މި ނިމުނު ޖޫން މަހުގެ ފުރަތަމަ ދުވަހުގެރޭ ޤާނޫނު އަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް ރައްކާތެރި މާހައުލެއް ނެތްކަމަށް ބުނެއެވެ.