ޚަބަރު

މިހާރު އިތުރު ހުއްދައަކާ ނުލައި މާލެ ދެވޭނެ


މިހަރު އިތުރު ހުއްދަޔަކާ ނުލައި ރާއްޖޭގެ ކޮންމެ ރަށަކުންވެސް މާލެ ދެވޭނެކަމަށާ، އެހެން ނަމަވެސް މާލެއިން ރަށަކަށްދާނަމަ އަދިވެސް ޖެހޭނީ "ޙާލުބެލުން" އެޕްލިކޭޝަން ބޭނުންކޮށްގެން ކަނޑައެޅިފައިވާ އުސޫލުން ކުރިއަށްދިއުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށަކުން މީހަކު މާލެ އަންނަން ހުއަދައެއް މިހާރު ބޭނުންނުވާކަމަށެވެ.

އެހެންނަމަވެސް މާލެއިން އެއްވެސް ރަށަކަށް ބަޔަކު ނުވަތަ މީހަކު ދާނަމަ "ހާލުބެލުން" އެޕްލިކޭޝަން ބޭނުންކުރަން ޖެހޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިކަން ކުރާގޮތަކީ "ހާލުބެލުން" ވެބްސައިޓެއް މިހާރު އިނދޭ ކޮންމެ ބޭފުޅަކަށްވެސް ވަދެވޭގޮތަށް، ހާޅުބެލުން ވެބްސައިޓް ނުވަތަ ޕޯޓަލްއަށް ލޮގިންވުމަށްފަހު ހުއްދައަށްއެދޭ ފޯމް ފުރުމަށްފަހު ވެރިފައިކުރުމަށް އަޅުގަނޑުމެންގެ ޓީމުތަކުން ގުޅާނެ. ގުޅުމަށްފަހު ސާފުކުރަންޖެހޭ މަޢުލޫމާތު އެލްޖީއޭއާ ކައުންސިލްތައް ގުޅިގެން ސާފުކުރުމަށްފަހު ހުއްދަދޭ ގޮތަށް ހަމަޖެހިފައިއޮތީ" މަބްރޫކް ވިދާޅުވިއެވެ.

ރަށްރަށަށް ދާއިރު ހުއްދަ ދިންކަމުގެ ލިޔުން ފެރީތަކާއި ފްލައިޓްތަކުގައި ފުރަންދާއިރު ގެންދަންވާނެކަމަށާ ހުއްދަ ލިބުމުން އެސްއެމްއެސްއަކުންވެސް، އަންގަމުންދާއިރު އެކަމަށް އޮންލައިންކޮށް ކުރާ މުޢާމަލާތް އިތުރަށް ފަސޭހަކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރަށްރަށަށްދާ ކޮންމެ މީހަކުވެސް މިހާރު 14 ދުވަހު ހޯމް ކަރަންޓީންގައި ހޭދަކުރާ ގޮތަށް ހަމަޖެހިފައިވީނަމަވެސް، އެކިއެކި ޕްރޮޖެކްޓްތައް ކުރިއަށްގެންދިއުމަށް ދާ ކަމާގުޅުންހުންނަ އިދާރާތަކުގެ މުވައްޒަފުންނަށް ޚާއްސަ ހުއްދައާއެކު އެބޭފުޅުންގެ މަސައްކަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައިގެން އުޅުއްވޭނެކަމަށް އެންއީއޯސީން ވިދާޅުވިއެވެ.