ޚަބަރު

މިއަހަރުގެ ބަޖެޓަށް ބައެއް ބަދަލުތައް ގެންނަނީ


ކޯވިޑް-19 އާއި ގުޅިގެން ބަޖެޓަށް ބައްދަލުތައް ގެންނައިރު ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްތަކަށް އިސްކަންދެއްވައިގެން ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޒީރުންގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ.

ރައީސް މިގޮތަށް އެދިވަޑައިގަތީ ކޯވިޑް-19 އަށްފަހު މި އަހަރުގެ ބަޖެޓް އަލުން މުރާޖަޢާކޮށް އެކުލަވާލެއްވުމާއި 2021 ވަނަ އަހަރުގެ މެދުރާސްތާގެ ބަޖެޓާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް މިއަދު ބޭއްވެވި ކެބިނެޓް ވަރކިން ސެޝަނުގައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ކޯވިޑް-19 އަށްފަހު ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލުތަކާއެކު މިއަހަރުގެ ބަޖެޓަށް ބަދަލު ގެންނެވުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅުއްވާ ކަންތައްތަކުގެ މަޢުލޫމާތު، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވަނީ މި ސެޝަނުގައި ހިއްސާ ކުރައްވާފައެވެ. އަދި، ވަކިވަކި އިދާރާތަކުގެ ބަޖެޓަށް ގެންނަވާ ބަދަލުތަކާއި ބެހޭގޮތުން މި ސެޝަންގައި ވަނީ މަޝްވަރާކޮށްފައެވެ.

މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19 އަށްފަހު ޤައުމު އާރާސްތުކޮށް އިޤްތިޞާދު އިޢާދަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ކޯވިޑްއާ ގުޅިގެން މާލެ ސަރަހައްދަށް އިތުރު ލުއިތަކެއް ދިނުމަށް ސަރުކާރުން މި ވަނީ ނިންމަވާފައެވެ. މިގޮތުން ސްކޫލް މަދަރުސާތަކާއި އޮފީސްތައް މާދަމާ ހުޅުވާލާނެއެވެ. އަދި ކެފޭ ރެސްޓޯރަންޓްގެ އިތުރުން މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުންވެސް މާދަމާއިން ފެށިގެން ވަނީ ހުއްދަދީފައެވެ.