ޚަބަރު

ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރުގައި އިތުރަށް ސަމާލުވޭ: މޯދީ


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އިންޑިޔާގައި އަޅާފައިވާ ފިޔަވަޅުތަކަށް ޢަމަލުކުރުމުގައި ފަރުވާތެރިވުމަށް އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގޮވާލައްވައިފިއެވެ.

އޭޝިޔާ ސަރަޙައްދުގައި ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޤައުމަކީ އިންޑިޔާއެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގައި ދުވާލަކު 20،000 މީހުންނަށް ކޯވިޑް-19 ޖެހެއެވެ. އެ ޤައުމުގައި މިހާތަނަށް 572،723 މީހުންނަށް ބަލި ޖެހި، 16،985 މީހުންވަނީ މަރުވެފައެވެ.

ޓީވީ މެދުވެރިކޮށް ޤައުމާ މުޙާތަބުކުރައްވާ ވާހަކަދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ އިންޑިޔާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދޭން ފެށުމުން ގިނަ ޢަދަދެއްގެ މީހުން އަމިއްލަ ރައްކާތެރިކަމާއި އިޖުތިމާއީ ޒިންމާ ޢަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާކަމަށެވެ. ގިނަގިނައިން އަތްދޮވުމަށާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ދެމުންދާ އިރުޝާދުތަކަށް ގިނަ މީހުން ބޯލަނބާފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މާރިޗު މަހުން ފެށިގެން އިންޑިޔާގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ ސަބަބުން އިންޑިޔާގެ ފަޤީރުންނަށް އާމުދަނީ ލިބޭނެ އެއްވެސް މަގެއް ނެތުމުން ސަރުކާރަށްވަނީ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައެވެ. އެކަމަށް ރިޢާޔަތްކުރައްވާ 800 މިލިޔަން މީހުންނަށް ހިލޭ ކާބޯތަކެތި ފޯޜުކޮށްދިނުމަށް ހިންގާ މަޝްރޫއު އިތުރަށް ކުރިއަށްގެންދަވަން ނިންމަވާފައިވާކަން މޯދީ އިޢުލާނުކުރެއްވިއެވެ. އެކަމަށް ގާތްގަނޑަކަށް 12 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާނެއެވެ. ނަމަވެސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ނުފުދޭކަމަށާއި ނަގުދު ފައިސާއިން ފަޤީރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިދިކޮޅު ކޮންގުރެސް ޕާޓީންވަނީ ގޮވާލައިފައެވެ.

އިންޑިޔާގެ ގިނަ ސިޓީތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ދެވަނަ ފިޔަވަހީގެ ދަށުން ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން ލުއިތަކެއް ދޭނެކަމަށް ބޮޑުވަޒީރު މޯދީ އިޢުލާނުކުރެއްވިއެވެ. އެގޮތުން، އެއް ތަނުން އަނެއް ތަނަށް ދަރުތުކުރުމުގައި ހުރި ހުރަސްތައް އުވާލާނެއެވެ. ނަމަވެސް މަދަރުސާތަކާއި ސިނަމާތަކާއި ޖިމުތަކާއި ކެފޭތައް އަދިވެސް ހުންނާނީ ބަންދުކޮށްފައެވެ.

އިންޑިޔާގައި ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސިޓީތަކުގައި ފުރަބަންދު އުވާލާފައެއް ނުވެއެވެ. އެގޮތުން، ފެންބޮޑުވުމުގެ ސަބަބުން މިލިއަނަކަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ އައްސާމް ސްޓޭޓުގެ ގުވަހަތީގައިވަނީ ދެ ހަފުތާގެ މުއްދަތަށް ހަރުކަށި ފުރަބަންދެއް އިޢުލާނުކޮށްފައެވެ. އެ ސްޓޭޓުގެ ޞިއްޙަތާބެހޭ ވަޒީރު ހިމަންތާ ބަސްވާ ސަރުމާ ވިދާޅުވީ އެ ސަރަޙައްދުގައި ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާކަމަށެވެ. އެ ސިޓީގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 175 މީހުންނަށް ބަލިޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ޓަމިލް ނާޑޫގެ ޗެންނާއީގައި އިޢުލާނުކޮށްފައިވާ ފުރަބަންދުވެސްވަނީ 5 ދުވަހުގެ މުއްދަތަށް އިތުރުކޮށްފައެވެ. ގިނަ ޢަދަދެއްގެ މީހުން އެއްވާކަމަށް ބުނެ ޗެންނާއީގެ އެއްގަމުމަސް ވިއްކާ ފިހާރަތައްވެސްވަނީ ބަންދުކޮށްފައެވެ.