ޚަބަރު

ޤައުމީ ސަލާމަތާބެހޭ ޤާނޫނު ޗައިނާއިން ހޮންގްކޮންގުގައި ތަންފީޒުކޮށްފި


ޤައުމީ ސަލާމަތާބެހޭ ޤާނޫނެއް ޗައިނާއިން ހޮންގްކޮންގުގައި ތަންފީޒުކޮށްފިއެވެ.

އަލަށް ތަންފީޒުކުރި ޤާނޫނުގެ ސަބަބުން މީގެ 23 އަހަރު ކުރިން އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ހޮންގްކޮންގުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިފަދަ ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ. އެ ޤާނޫނުތަކަށް ޚާރިޖީ ތަޖުރިބާކާރުންނާއި ވިޔަފާރިތަކުންނާއި އިންވެސްޓަރުންވެސްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ޗައިނާއިން ތަންފީޒުކޮށްފައިވާ ޤާނޫނުގެ ސަބަބުން ހޮންގްކޮންގުގެ މިނިވަންކަމަށް ހުރަސްއެޅި އެއް ޤައުމެއްގެ ގޮތުގައި އޮތް ނަމަވެސް އަމިއްލަ ސަރުކާރަކުން ހޮންގްކޮންގު ހިންގުމަށް ހުރަސްއެޅޭނެއެވެ.

ސަލާމަތީ ޤާނޫނު ތަންފީޒުކުރުމުގެ ސަބަބުން ޗައިނާއާއެކު އެމެރިކާއާއި އިނގިރޭސިވިލާތާއި ހުޅަނގުގެ އެހެން ސަރުކާރުތަކާ އޮންނަ ގުޅުމަށް ބުރޫއަރާނެކަމަށް ބެލެވެއެވެ. އައު ޤާނޫނު ތަންފީޒުކުރުމަށް އެ ޤައުމުތަކުންވަނީ ދެކޮޅު ހަދާފައެވެ. އެ ނިންމުމާ ދެކޮޅުހެދުމުގެ ގޮތުން އެމެރިކާއިންވަނީ ހޮންގުކޮންގަށް ދީފައިވާ ޚާއްޞަ އިޤްތިޞާދީ އިނާޔަތްތައް ކަނޑާލަން ފަށައިފައެވެ.

ސަލާމަތީ ޤާނޫނު ތަންފީޒުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހޮންގުކޮންގުގެ އިސްވެރިޔާ ކެރީ ލާމުވަނީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށް އެ ޤައުމަށް ލިބިފައިވާ ޙައްޤަށް ހުރިހާ ޤައުމަކުންވެސް އިޚްތިރާމުކުރުމަށް ގޮވާލައިފައެވެ. އޭނާ ވިދާޅުވީ ހޮންގުކޮންގުގައި އެ ޤާނޫނު ތަންފީޒުކުރުމުން އެ ޤައުމުގެ މިނިވަންކަމަށް އަސަރުނުުރާނެކަމަށާއި އެ ޤައުމުގެ ޤާނޫނީ ނިޒާމުގެ މިނިވަންކަން ނުގެއްލޭނެކަމަށެވެ.

ހޮންގުކޮންގުގައި ސަލާމަތާ ބެހޭ ޤާނޫނު ޗައިނާއިން ތަންފީޒުކޮށްފައިވަނީ ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ޑިމޮކްރަސީ ޤާއިމްކުރުމަށް ގޮވާލައި މުޒާހަރާކޮށް ނުރައްކާތެރި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައިވަނިކޮށެވެ.