ޚަބަރު

އިނގިރޭސިވިލާތުގެ ލެސްޓަރ ސިޓީ، އޮސްޓްރޭލިޔާގެ މެލްބަން އަލުން ފުރަބަންދަށް


ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ލެސްޓަރ ސިޓީ އަލުން ފުރަބަންދުކޮށްފިއެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ޤައުމަކީ އިނގިރޭސިވިލާތެވެ. އެ ޤައުމުގައި 311،965 މީހުންނަށް ބަލި ޖެހި، 43،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ޖެނުއަރީ މަހުން ފެށިގެން ވަރަށް ހަލުވިކަމާއެކު ބަލި ފަތުރެމުންގޮސް، އެ ޤައުމުގައި ބަލި ފެތުރޭ މިންވަރު ފާއިތުވި ހަފުތާތަކުގައިވަނީ ކޮންމެވެސް ވަރަކަށް މަޑުޖެހިފައެވެ. އެއާއެކު އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދީ ޤައުމުގެ އިޤްތިޞާދީ ޙަރަކާތްތައްވަނީ އަލުން ފަށައިފައެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި ލެސްޓަރ ސިޓީގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުވަނީ އެ ޤައުމުގައި އެންމެ ބޮޑަށް ބަލިމަޑުކަން ފެތުރޭ އެހެން ސަރަޙައްދުތަކަށްވުރެ ތިން ގުނަ އިތުރުވެފަވެ. ފާއިތުވި ހަފުތާގެ ތެރޭގައި އިނގިރޭސިވިލާތުގައި ބަލި ޖެހުނު މީހުންގެ 10 އިންސައްތަ ޙިއްޞާކުރަނީ އެ ސިޓީންނެވެ. ލެސްޓަރގެ ކުޑަކުދިންގެ މެދުގައި ބަލި ފެތުރޭ މިންވަރު އާދަޔާ ޚިލާފަށް ގިނަކަމަށް ފާހަގަވުމުން ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން އެ ސިޓީގެ މަދަރުސާތައް ބަންދުކުރަންވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތުގެ ޞިއްޙަތާބެހޭ ވަޒީރު މެޓު ހެންކޮކު ވިދާޅުވީ ލެސްޓަރގައި ހަލުވިކަމާއެކު ބަލި ފެތުރޭ ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ސިޓީ ފެންވަރުގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ ސަބަބުން ގެންނަ ޤާނޫނީ ބަދަލުތައް ފުލުހުން ތަންފީޒުކުރާނެކަމަށެވެ. މީގެ ދެ ހަފުތާ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދޭން ފެށުމުން ލެސްޓަރގެ ގިނަ ޢަދަދެއްގެ މީހުން ގައިދުރުކަން ބެހެއްޓުމުގައި ފަރުވާކުޑަކޮށް، އެދެވޭ ގޮތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައިނުވާކަންވަނީ ފާހަގަވެފައެވެ.

އިނގިރޭސިވިލާތުގެ އިތުރުން އޮސްޓްރޭލިއާގެ މެލްބަންގައި ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވުމުގެ އެ ސިޓީވެސްވަނީ ފުރަބަންދުކޮށްފައެވެ. އެގޮތުން ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން ވިކްޓޯރިޔާގައި ދިރިއުޅޭ މީހުންނަށް ގެއިން ބޭރަށް ދެވޭނީ ކޮންމެހެން ނުކުންނަން ޖެހިއްޖެނަމައެވެ. އޭގެ އިތުރުން އެ ސިޓީގެ ރެސްޓޯރަންޓުތަކުގައި ކެއުންބުއިން މަނާވާނެއެވެ. ކުރިއަށް އޮތް 4 ހަފުތާއަށް ވިކްޓޯރިޔާގައި ދިރިއުޅޭ މީހުން ފުރަބަންދުގެ އުސޫލުތަކަށް ޢަމަލުކުރަންޖެހޭނެއެވެ. އަދި ފުރަބަންދުގެ އުސޫލުތަކާ ޚިލާފުވާ މީހުން ޖޫރިމަނާކުރާނެއެވެ.