ޚަބަރު

ކޯވިޑް-19 : ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ފިލިޕީންސްގެ މީހަކު މަރުވެއްޖެ


ދަރުމަވަންތަ ހޮސްޕިޓަލުގައި ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ ފިލިޕީންސްގެ މީހަކު މަރުވެއްޖެއެވެ.

މިއާއި އެކު ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 9އަށް އަރާފައެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް ޖެހިގެން މަރުވެފައި ވަނީ އުމުރުން 43އަހަރުގެ ފިލިޕީންސްއަށް ނިސްބަތްވާ ފިރިހެނެއްކަމަށެވެ. މި މީހާ މަރުވެފައިވަނީ މިއަދު މެންދުރު 1:50ހާއިރުގައެވެ.

މިބަލީގައި މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 11މީހުންނަށެވެ. އެޗްޕީއޭއިންވިދާޅުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކޯވިޑް ޕޭޝަންޓުންނަކީ، ކުރިން ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ދަރުމަވަންތައަށް ބަދަލުކުރި މީހުންކަމަށެވެ.

މިއަދު މަރުވި މިމީހާއަކީ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރި މީހެކެވެ. އަދިވެސް އިތުރު ދެމީޙަކަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ކޯވިޑަށް ހާއްސަކޮށްފައިވާ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

މިއަދު މަރުވި މީހާއާއިއެކު މިހާތަނަށް ރާއްޖެއިން ކޯވިޑު ބަލީގައި މަރުވެފައިވަނީ 4 ދިވެހިންނާއި 5 ބިދޭސީންނެވެ.
މަރުވި މީހުންގެތެރޭގައި ގިނައިން ހިމެނެނީ އުމުރުން ދުވަސްވީ މީހުންނެވެ.

މިހާތަނަށް އައިއިރު ރާއްޖެއިން 2336މީހުން ވަނީ ކޯވިޑ19 ބައްޔަށް ޕޮސިޓިވް ވެފައެވެ. އަދި މީގެތެރެއިން 1927މީހުންވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.