ޚަބަރު

އެކްސްޕޯޝަރ ދަތުރުތަކާއެކު ޓީމަށް ވަރަށް ބޮޑު ތަފާތެއް އާދޭ: އީމާ


  • ލަންކާ ދަތުރުގެ ތެރެއިން ގިނަ ތަމްރީނުތަކެއް ހަދާނެ

  • ހޮންގކޮންގ މުބާރާތް އޮންނާނީ އަންނަމަހުގެ 7 އިން 15 އަށް

  • ރާއްޖޭގެ ޓީމު އެމުބާރާތަށް ފުރާނީ އޮގަސްޓްމަހުގެ 5 ގައި

އެކްސްޕޯޝަރ ދަތުރުތަކާއެކު ގައުމީ ނެޓްބޯޅަ ޓީމަށް ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް އަންނަކަމަށް ސީނިއާ ގައުމީ ނެޓްބޯޅަ ޓީމުގެ މުހިންމު ކުޅުންތެރިޔާ އީމާ ޢަބްދުއްސައްތާރު ބުނެފިއެވެ.

ސީނިއާ ނެޓްބޯޅަ ޓީމު ސްރީލަންކާއަށް ކުރަމުންދާ ތަޖުރިބާ ދަތުރަށް ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ހުރެ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އީމާ ބުނީ، ޓީމުގެ ކުރިއެރުމަށް މިފަދަ ދަތުރުތައް ވަރަށް މުހިންމުކަމަށް ގަބޫލުކުރާކަމަށެވެ. މިފަދަ ދަތުރުތަކުގެ ސަބަބުން އެހެން ގައުމުތަކުގެ ޓީމުތަކާއި އެކު މެޗުތައް ކުޅެލަން ލިބި، މޮޅެތި ކުޅުންތެރިންގެ ހުނަރުތައް ތަޖުރިބާކޮށްލަން ލިބޭކަން އޭނާ ފާހަގަކުރިއެވެ.

ސީނިއާ ނެޓްބޯޅަ ޓީމު ސްރީލަންކާއަށް ކުރަމުންދާ މިދަތުރަކީ އަންނަމަހުގެ 7 އިން 15 އަށް ހޮންގކޮންގުގައި އޮންނަ 14 ވަނަ ނެޓްބޯލް ޗެންޕިއަންޝިޕަށް ފުރުމުގެ ކުރިން ތަޖުރިބާއާއި ޓްރޭނިންގ ހޯދުމަށް ކުރަމުންދާ ދަތުރެކެވެ.

"ޕްރެކްޓިސްތައް މިފަހަރު ކަޕްއަށް ގޮސްފަ އިނީމަ، އިންޑިއާ އަދި ހޮނގކޮންގއާއި ރަނގަޅު ފައިޓެއް ދެވޭތޯ ޕްރެކްޓިސްކުރަމުން އައީ. ރަނގަޅުވާނެކަމަށް އުންމީދުކުރަނީ. އެކްސްޕޯޝަރ ޓްރިޕްސް ލިބުނީމަ ޓީމަށް ވަރަށް ބޮޑު ޑިފަރެންސްއެއް އާދޭ ކޮންމެ ފަހަރަކުވެސް. މިފަދަ ފުރުސަތުތަކުގެ ސަބަބުން ޓީމް ވަރަށް ބޮޑަށް އިމްޕްރޫވްވޭ" އީމާ ބުންޏެވެ.

ލަންކާ ދަތުރާ ގުޅޭގޮތުން މައުލޫމާތުދެމުން ގައުމީ ޓީމުގެ މެނޭޖަރ ނުޒްހަތު އަލީ ބުނީ މިދަތުރުގައި ލަންކާގެ ޓީމުތަކާ ދެކޮޅަށް މެޗުތައް ކުޅުމުގެ އިތުރުުން ޓްރޭނިން ސެޝަންތަކެއްވެސް ކުޅުންތެރިންނަށް ކުރިއަށްގެންދާނެކަމަށެވެ. މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ލަންކާގެ އެއާފޯސް އަދި ނޭވީ ޓީމާ ދެކޮޅަށްކަމަށާ އެއީ ލަންކާގެ ވަރުގަދަ ޓީމުތައްކަމަށް އޭނާ ފާހަގަކުރިއެވެ.

"އަޅުގަނޑުމެން އެކޮޅުގަ އެބަ ކުޅެން ހަ މެޗެއް. އެއާޕޯސް ޓީމާ އެކޮޅުގެ ނޭވީ ޓީމު. އެއީ އެކޮޅުގެ ވަރުގަދަ ޓީމުތައް. ހަ ދުވަހަކށް ބަހާލައިގެން އަޅުގަނޑުމެން ކުރިއަށް ގެންދަނީ. މެޗުތަކުގެ ކުރިންނާއި މެޗުތަކުގެ ފަހުންވެސް ޓްރޭނިންގތައް ކުރިއަށްދާނެ"

14 ވަނަ ނެޓްބޯލް ޗެންޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމުގެ ސްކޮޑު އެކުލަވާލާފައިވަނީ ޖޫންމަހުގެ 30 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މުބާރާތަށް ކުރިއާލާ ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިސްތައްކޮށްފައިވާކަމަށް ނުޒްހަތު ފާހަގަކުރިއެވެ. އަދި މިމުބާރާތަށް ދާ ގައުމީ ސްކޮޑަކީ މިވަގުތު އޮތް އެންމެ ވަރުގަދަ ސްކޮޑަށްވާނެކަމަށާ މުބާރާތާމެދު ކުރެވޭ އުންމީދު ބޮޑުކަމަށް އޭނާ ފާހަގަކުރިއެވެ. އަދި ލަންކާގައި އޮންނަ ޓްރޭނިންތަކުގެ ސަބަބުން ޓީމް އިތުރަށް ތަރައްގީވާނެކަމަށް އޭނާ ބުންޏެވެ.

ސީނިއާ ގައުމީ ޓީމު ނެޓްބޯލް ޗެންޕިއަންޝިޕަށް ތައްޔާރުވެފައިވަނީ ތަޖުރިބާކާރު ކޯޗް ނީޝާ ހަލީމްގެ އިރުޝާދުގެ ދަށުންނެވެ. ލަންކާ ދަތުރަށްފަހު ޓީމް އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. އަދި ނެޓްބޯލް ޗެންޕިއަންޝިޕުގައި ވާދަކުރުމަށް ގައުމީ ޓީމު ހޮންގކޮންގަށް ފުރަން ހަމަޖެހިފައިވަނީ އަންނަ އޮގަސްޓްމަހުގެ 5 ވަނަ ދުވަހުއެވެ.

ހޮންގކޮންގުގެ ކައި ޓަކް ސްޕޯޓްސް ޕާކުގައި އޮންނަ މިމުބާރާތުގެ ތާވަލު މިހާރު އާންމުކޮށްފައިވާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮތީ އޮގަސްޓްމަހުގެ 8 ވަނަ ދުވަހު ސިންގަޕޫރާ ދެކޮޅަށެވެ. އެއަށްފަހު ޖެހިގެން އަންނަ ދުވަހު ރާއްޖެ އަދި މެލޭޝިއާ ވާދާކުރާނެއެވެ. އަދި 10 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިންޑިއާއާއި ދެކޮޅަށެވެ. އަދި 11 ވަނަ ދުވަހު ހޮންގކޮންގ އަދި ރާއްޖެ ވާދަކުރާނެއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް 12 ވަނަ ދުވަހު ރާއްޖެއިން ނުކުންނާނީ ސްރީލަންކާއާއި ވާދަކުރުމަށެވެ.

ރާއްޖެއިން މިމުބާރާތުގައި ވާދަކުރަނީ ކަޕް ކެޓަގަރީގައެވެ. މި ކެޓަގަރީގައި ރާއްޖޭގެ އިތުރުން ވާދަކުރާ ގައުމުތަކަކީ ހޮންގކޮންގ، ސިންގަޕޫރު، މެލޭޝިއާ، ސްރީލަންކާ އަދި އިންޑިއާއެވެ.