އިންޑިޔާއާއި ޗައިނާގެ ސަރަޙައްދީ ރޮނގު ކައިރިއަށް ދެ ޤައުމުގެ އެތައް ހާސް ސިފައިންނެއް ޖަމާކޮށްފައިވާ ދަނޑިވަޅެއްގައި އެކި ޤައުމުތަކުން އިންޑިޔާއަށް ފޮނުވަން އެއްބަސްވެފައިވާ ހަތިޔާރު ފޮނުވުން އަވަސްކޮށްދިނުމަށް އެ ޤައުމުން އެދެފިއެވެ.
އިންޑިޔާއިންވަނީ އެ ޤައުމަށް ޒަމާނީ އަސްކަރީ ސާމާނާއި ހަތިޔާރު ފޮނުވުމަށް އެއްބަސްވެފައިވާ ޤައުމުތަކުގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާ އެއްބަސްވެފައިވާ ހަތިޔާރާއި އެނޫންވެސް ސާމާނު ފޮނުވުން އަވަސްކޮށްދިނުމަށް އެދިފައެވެ. އެގޮތަށް އެދުނީ ޗައިނާއާއެކު އުފެދިފައިވާ މައްސަލަތައް ދިގުލައިގެންގޮސްދާނެކަމަށް ޤަބޫލުކުރެވޭތީކަމަށް އިންޑިޔާގެ ސަރުކާރުން ބުނެއެވެ. އަދި އެފަދަ ޙާލަތެއްގައި ސަރަޙައްދީ ރޮނގުގައި ޙަރަކާތްތެރިވާ ފައުޖުތަކަށް ބޭނުންވާ ހަތިޔާރާއި ސާމާނު އިތުރުކުރަންޖެހޭނެކަމަށް އިންޑިޔާއިން ޤަބޫލުކުރެއެވެ.
2016ވަނަ އަހަރު އިންޑިޔާއާއި ފަރަންސޭސިވިލާތާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ރަފާލު މަރުކައިގެ ހަނގުރާމަމަތީ 36 މަތިންދާބޯޓު އިންޑިޔާއަށް ފޯރުކޮށްދިނުމަށް ފަރަންސޭސިވިލާތުންވަނީ އެއްބަސްވެފައެވެ. ދުރު ރާސްތާއަށް ދަތުރުކުރެވޭ މިސައިލު ހަރުކުރެވޭ ރަފާލު މަރުކައިގެ 4 މަތިންދާބޯޓު އަންނަ މަހުގެ ނިޔަލަށް އިންޑިޔާއަށް ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަން ފަރަންސޭސިވިލާތުންވަނީ ދީފައެވެ. ނަމަވެސް އެ ޢަދަދު 8 އިތުރުކޮށްދިނުމަށް އިންޑިޔާއިންވަނީ އެދިފައެވެ. އަދި އެ އުޅަނދުތައް ބޭނުންކުރުމަށް އިންޑިޔާގެ ވައިގެ ސިފައިން ދަނީ ޚާއްޞަ ތަމުރީނުތަކެއް ފުރިހަމަކުރަމުންނެވެ.
އިންޑިޔާއަށް އެންމެ ބޮޑު އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ޤައުމުކަމަށްވާ އިސްރާއީލުން ވަރަށް އަވަހަށް ވައިގެ ދިފާޢީ ނިޒާމެއް އިންޑިޔާއަށް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އެންމެ ޒަމާނީ އެސް400 ވައިގެ ދިފާޢީ ނިޒާމުގެ ބޭނުންކުރަން ޗައިނާގެ އަސްކަރިއްޔާއިން ފަށައިފައިވާ ދަނޑިވަޅެއްގައި ސަރަޙައްދީ ރޮނގުގައި ޙަރަކާތްތެރިވާ އިންޑިޔާގެ ފައުޖުތަކަށްވެސްވަނީ ވައިގެ ދިފާޢީ ނިޒާމެއްގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައެވެ. އިސްރާއީލުން ފޯރުކޮށްދޭ ވައިގެ ދިފާޢީ ނިޒާމުގެ ސަބަބުން ސަރަޙައްދީ ރޮނގުގައި އިންޑިޔާގެ އަސްކަރިއްޔާގެ ބާރު އިތުރަށް ވަރުގަދަވާނެއެވެ.
އިންޑިޔާގެ ދިފާޢީ ވަޒީރު ރަޖުނަތު ސިންހު ރަޝިޔާއަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުން ގިނަ ޢަދަދެއްގެ އަސްކަރީ ޙަތިޔާރު ހޯދުމަށްވަނީ އެދިވަޑައިގެންފައެވެ. އިންޑިޔާއިން ބޭނުންވާ ޙަތިޔާރުގެ އަގު އެއް ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރައެވެ. އެ ސާމާނު ކުރިއަށް އޮތް ހަފުތާތަކުގައި އިންޑިޔާއަށް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ރަޝިޔާއިންވަނީ ދީފައެވެ. އިންޑިޔާގައި ބޭނުންކުރާ ގިނަ ޓޭންކަރާއި ހަތިޔާރުއެޅި އުޅަނދުތަކަކީ ރަޝިޔާގެ އުފެއްދުންތަކެވެ. އެހެންކަމުން ކުރިމަގުގައި ހިނގާފާނެ ކުރިމަތިލުމަކަށް ތައްޔާރުވުމުގެ ގޮތުން އެ އުޅަނދުތަކަށް ބޭނުންވާ ވަޒަނާއި ބޮންފަދަ ސާމާނު ހޯދާފައި ބެހެއްޓުމަކީ މުހިންމު ކަމެއްކަމަށް އިންޑިޔާއިން ދެކެއެވެ. އެގޮތުން ޓޭންކަރުތަކާއި ހަތިޔާރުއެޅި އުޅަނދުތަކާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރަށާއި އެއް ތަނުން އަނެއްތަނަށް ފަސޭހަކަމާއެކު ގެންދެވޭފަދަ ވައިގެ ދިފާޢީ ނިޒާމުތަކަށް އިންޑިޔާއިން ޝައުގުވެރިވެރިވެއެވެ.
އުފެދިފައިވާ ނުރައްކާތެރި ދަނޑިވަޅުގައި އެމެރިކާއިންވެސް ދަނީ އިންޑިޔާއާއެކު މުހިންމު ޖާސޫސީ މަޢުލޫމާތުތަކާއި ސެޓެލައިޓު ފޮޓޯ ޙިއްޞާކުރަމުންނެވެ. އިންޑިޔާއިން އެމެރިކާގެ ފަރާތުން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ވީހާވެސް އަވަހަކަށް ފޯރުކޯށްދޭނެކަމުގެ ޔަޤީންކަން އެމެރިކާއިންވަނީ ދީފައެވެ. އެގޮތުން އިންޑިޔާއިންވަނީ ބައެއް ޒަމާނީ ހަތިޔަރު ހޯދުމަށް އެމެރިކާގެ އެހީތެރިކަމަށް އެދިފައެވެ.
އިންޑިޔާއާއި ޗައިނާއާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގަކީ އުސް ފަރުބަދަތައް ގިނަ އަދި ދެ ޤައުމުގެ އިމާމެދު ބޮޑެތި ޚިލާފުތަކެއް އުފެދިފައިވާ ސަރަޙައްދެކެވެ. އެ ސަރަޙައްދުގައި މީގެ ދެ ހަފުތާކުރިން ހިނގި ކުރިމަތިލުމެއްގައި އިންޑިޔާގެ 20 ސިފައިންވަނީ މަރުވެފައެވެ. އެ ކުރިމަތިލުމުގައި ޗައިނާގެ ސިފައިންވެސް މަރުވެފައިވާކަމަށް އެ ޤައުމުން ބުނެއެވެ. އެއާއެކު ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަންވަނީ އިތުރުވެފައެވެ.
އިންޑިޔާއާއި ޗައިނާއަކީ ދުނިޔޭގައި އެންމެ ބޮޑެތި އަސްކަރީ ލަޝްކަރުތައް އޮންނަ ދެ ޤައުމެވެ. އަދި އެ ދެ ޤައުމަކީ ނިއުކްލިއަރ ބާރުވެރިކަންވެސް ލިބިފައިވާ ދެ ޤައުމެވެ.