ޚަބަރު

އިންޑިޔާގައި އިންސާނުން ބޭނުންކޮށްގެން ކޯވިޑް-19އަށް ވެކްސިނެއް ތަހުލީލުކުރަނީ


އިންޑިޔާގެ ބަރަތު ބަޔޯޓެކު ކުންފުނިން ކޯވިޑް-19އާ ދެކޮޅަށް އުފައްދަން މަސައްކަތްކުރާ ވެކްސިންގެ އިންސާނީ ތަހުލީލުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. ބަރަތު ބަޔޯޓެކުން އުފެއްދުމަށް މަސައްކަތްކުރާ ވެކްސިނަކީ ކޯވިޑް-19އާ ދެކޮޅަށް އިންޑިޔާގައި ތައްޔާރުކުރަމުންދާ ވެކްސިންތަކުގެ ތެރެއިން އިންސާނީ ތަހުލީލުކުރުމުގެ ޙުއްދަދިން ފުރަތަމަ ވެކްސިނެވެ.

ބަރަތު ބަޔޯޓެކުން ބުނީ އެ ކުންފުންޏާއި އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗުން އުފައްދާ ވެކްސިންގެ ތަހުލީލުތަކުގެ ފުރަތަމަ އަދި ދެވަނަ މަރުހަލާ ފެށުމަށް ޑްރަގް ކޮންޓްރޯލަރ ޖެނެރަލް އޮފް އިންޑިޔާގެ ޙުއްދަ ލިބިފައިވާކަމަށެވެ. އިންސާނުން ބޭނުންކޮށްގެން އެ ވެކްސިންގެ ތަހުލީލުތައް ޖުލައި މަހު ފަށާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ވެކްސިނެއް ތައްޔާރުކުރުމަށް ދުނިޔޭގެ 100އަށްވުރެ ގިނަ ޤައުމަކުންނާއި ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ. ބައެއް ވެކްސިންތަކުގެ ތަހުލީލުތަކުން އުންމީދީ ނަތީޖާތަކެއްވަނީ ފެނިފައެވެ. ކުރިއަށް އޮތް އަހަރުގެ ތެރޭގައި ވެކްސިނެއް އުފައްދާ ބާޒާރަށް ނެރެވޭނެކަމަށް ބައެއް ސައިންސުވެރިން ޤަބޫލުކުރެއެވެ.