ޚަބަރު

ޗައިނާގެ އުފެއްދުންތައް ބޮއިކޮޓްކުރުން: މި ފަހަރު އިންޑިޔާގައި މަނާކުރީ ފޯނު އެޕުތައް


އިންޑިޔާއާއި ޗައިނާގެ ސަރަޙައްދީ ރޮނގުގެ މައްސަލައިގައި ދެ ޤައުމުގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ޗައިނާގެ ގިނަ ޢަދަދެއްގެ މޯބައިލު ފޯނު އެޕްލިކޭޝަންތައް އިންޑިޔާގައި ބޭނުންކުރުން މަނާކޮށްފިއެވެ.

އިންޑިޔާގެ ޓެކްނޮލޮޖީއާބެހޭ ވުޒާރާއިން ބުނީ ޗައިނާގެ 59 މޮބައިލު ފޯނު އެޕްލިކޭޝަނެއް އިންޑިޔާގައި ބޭނުންކުރުން މަނާކޮށްފައިވާކަމަށެވެ. އެގޮތަށް ނިންމީ އެ އެޕްލިކޭޝަނުތަކުގެ ސަބަބުން އިންޑިޔާގެ އިސްތިޤުލާލާއި ސަލާމަތާއި އަމާންކަމަށް ނުރައްކާވާކަމަށް ބުނެއެވެ. އެ ފިޔަވަޅުގެ ސަބަބުން އިންޑިޔާގެ ސައިބަރ ސްޕޭސް ރައްކާތެރިވާނެކަމަށް އެ ވުޒާރާއިން ބުންޏެވެ. އެ ނިންމުން ނިންމާފައިވަނީ އެ އެޕްލިކޭޝަންތައް ބޭނުންކޮށްގެން މީހުންގެ ޒާތީ މަޢުލޫމާތު ހުއްދަ ނެތި ޗައިނާއިން އެއްކުރަމުންދާކަމުގެ ޝަކުވާ ލިބޭތީކަމަށް އެ ވުޒާރާއިން ބުންޏެވެ.

އިންޑިޔާގެ ނިންމުމާއެކު އެންޑްރޮއިޑާއި އައިއޯއެސް އެޕްސްޓޯރުން އެ އެޕްލިކޭޝަންތައް ޑައުންލޯޑު ނުކުރެވޭގޮތަށް ނަގަން ޖެހޭނެއެވެ. މަނާކުރި އެޕްތަކުގެ ތެރޭގައި އިންޑިޔާގެ ޒުވާނުންގެ މެދުގައި ވަރަށް މަޤުބޫލު ޓިކްޓޮކާއި އަލީބާބާގެ ޔޫސީ ބްރައުސަރާއި ޗެޓުކުރަން ބޭނުންކުރާ ވީޗެޓުފަދަ އެޕްލިކޭޝަންތައް ހިމެނެއެވެ. އިންޑިޔާގެ 120 މިލިޔަނަށްވުރެ ގިނަ މީހުން ޓިކްޓޮކް ބޭނުންކުރެއެވެ. އަދި 130 މިލިޔަނަށްވުރެ ގިނަ މީހުން ޔޫސީ ބްރައުސަރު ބޭނުންކުރެއެވެ. މަޝްހޫރު ކެމްސްކޭނަރ އެޕު ބޭނުންކުރާ 100 މިލިއަނަށްވުރެ ގިނަ މީހުންނަށާއި ކްލޮކު ފެކްޓަރީ އެޕު ބޭނުންކުރާ 100 މިލިޔަން މީހުންނަށް އެ ނިންމުމުގެ އަސަރުކުރާނެއެވެ.

އިންޑިޔާއާއި ޗައިނާގެ ސަރަޙައްދީ ރޮނގުގައި ހިނގި ހަމަނުޖެހުންތަކެއްގައި އިންޑިޔާގެ ސިފައިންގެ 20 މީހުން މަރުވުމުން އެ ޤައުމަށް ޗައިނާގެ އުފެއްދުންތައް އެތެރެނުކުރުމަށް ގިނަ ޢަދަދެއްގެ މީހުން ދަނީ ގޮވާލަމުންނެވެ. މިދިޔަ ހަފުތާގެ ތެރޭގައި ޑެލްއުންނާއި އެޕަލްއުންނާއި ސިސްކޯފަދަ ބޮޑެތި ކުންފުނިތަކުން ޗައިނާއިން ގެނަސްފައިވާ މުދާވަނީ އިންޑިޔާގެ ކަސްޓަމުން ހިފަހައްޓާފައެވެ.